ބިލު އޮތީ މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް؛ އަނބުރާ ގެންދަންޖެހޭ: ޑރ. ޝަމްސުލް ފަލާހު

ޑރ. ޝަމްސުލް ފަލާހް: އޭނާ ވިދާޅުވީ ބިލު އޮތީ މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ކަމަށް --- ފޮޓޯ/ވިލާ ކޮލެޖް

'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު'ގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު އޮތީ މީޑިއާތަކަށް ސަރުކާރުގެ ނުފޫޒު ފޯރުވައި، ކޮންޓްރޯލް ކުރެވޭ ގޮތަށް ކަމަށާއި އެ ބިލު އަނބުރާ ގެންދަން ޖެހޭ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކުރީގެ މެމްބަރު ޑރ. ޝަމްސުލް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކުން މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާކުރެވޭ ގޮތަށް ބަދަލު ކުރަން، މަޖިލީހުގެ އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ވަނީ ބިލެއް ހުށަހަޅުއްވާފައެވެ.

އެ ބިލާ ގުޅިގެން ބައެއް ޖަމިއްޔާތަކުންނާއި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ބިލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ނެރުއްވި ބަޔާނެއްގައި ޑރ. ޝަމްސުލް ފަލާހު ވިދާޅުވީ، އެ ބިލު ހުށަހަޅާފައި އޮތީ މާހިރުންނާއި، ކަމާ ގުޅޭ ފަރާތްތަކުގެ އިތުރުން އާންމުންގެ ޚިޔާލު ވެސް ނުހޯދާ ކަމަށެވެ. މީޑިއާގެ މިނިވަންކަމަށް ދެވޭ ހަމަލާއަކީ އެތަނެއްގެ ޑިމޮކްރަސީއަށް ވެސް ދެވޭ ހަމަލާއެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މީޑިއާގެ މިނިވަންކަންފަދަ މުހިންމު ކަމަކާ ގުޅޭގޮތުން ބިލުތައް ހުށަހަޅަންވާނީ ވަރަށް ވިސްނުންތެރިކަމާއެކު، ސިޔާސީ ގޮތުން ވެސް ކުރިމަތިވެދާނެ ގޮންޖެހުންތައް ރަނގަޅަށް ލަފާކޮށް، ވަޒަންކޮށްފައި ކަމަށެވެ.

ހަމައެއާއެކު އެ ބިލު މިހާރު އޮތް ގޮތުން ސަރުކާރުގެ ނުފޫޒު މީޑިއާތަކަށް ފޯރުވާނެ މަގެއް ފަހިވާނެ ކަމަށް ޑރ. ޝަމްސުލް ފަލާހު ވިދާޅުވިއެވެ. އެގޮތަށް އެކަން ވެއްޖެނަމަ މީޑިއާއަށް އާންމުން ކުރާ އިތުބާރު ކުޑަވުމާއި، މީޑިއާގެ މިނިވަންކަމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި އޮންނަންވާނީ މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކުން އަމިއްލައަށް މީޑިއާ ރެގިއުލޭޓްކުރެވޭ ގޮތަށް ކަމަށް ވިދާޅުވިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެންބަރުން އައްޔަނުކުރުމުގެ ބާރުތައް ރައީސުލްޖުމްޙޫރިއްޔާއަށް ލިބިދޭ ގޮތަށް އޮތް ދެ ބިލު މަޖިލީހަށް ހުށަހެޅިތާ މަހެއް ވެސް ނުވަނީސް މީޑިއާ ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމުގެ ބާރު ވެސް ލިބިދޭ ގޮތަށް މީޑިއާ ކޮންޓްރޯލް ބިލު ހުށަހެޅުމުން، ޑރ. ޝަމްސުލް ފަލާހު ވިދާޅުވީ އެއީ އަމިއްލަ މެންބަރަކު ހުށަހެޅި ބިލެއް ވިޔަސް، އެއީ ސަރުކާރު އެދިގެން ނުވަތަ ސަރުކާރަށް ތާއީދުކުރާ ބަޔަކު އެދިގެން ހުށަހެޅި ބިލެކޭ ބުނުމުގެ ޖާގަ އެބައޮތް ކަމަށެވެ.

އަދި އެ ބިލާމެދު ޚިޔާލުތަފާތުވުންތައް ބޮޑުވެފައިވީ ނަމަވެސް، ސަރުކާރުން ވެސް އަދި ސަރުކާރަށް ތާއީދުކުރާ ޕާޓީއަކުން ވެސް ކަންބޮޑުވުމެއް ފާޅުކޮށްފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާ ދިގު، އަދި ފަރުމާކުރުމަށް އެހާ ފަންނީ ހުނަރު ބޭނުންވާ ބިލެއް، އަމިއްލަ މެންބަރަކު ހުށަހެޅުމަކީ، ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތުގެ މާޒީއަށް ބަލާއިރު ވަރަށް ނުފެންނަ، ތަދު މަންޒަރެއް. މިފަދަ ބިލެއް ފަރުމާކުރެވޭނީ ފަންނީ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން، ޑރ. ޝަމްސުލް ފަލާހު

ޑރ. ޝަމްސުލް ފަލާހު ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުން ބޭނުންވާ ގޮތަށް އަމިއްލަ މެންބަރަކު ލައްވައި މި ބިލު ހުށަހަޅައިފައިވަނީ "މީހުން ރިއެކްޓް ކުރާގޮތެއް'' ބެލުމަށެވެ. އެއީ އޭރުން ނުރުހުމުގެ ބަސްތަކުން ސަރުކާރު ސަލާމަތްވާނެތީ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މި ބިލު އިސްލާހުކުރުމުގެ ކުރިން ކުރަންވީ ކަމަކީ މަޝްވަރާކޮށް، ބައިނަލްއަގްވާމީ އެހީތެރިކަމާއި ފަންނީ ލަފާގެ އިތުރުން ދުނިޔޭގެ ނަމޫނާ ގައުމުތަކުން ތަޖުރިބާއާއި އިބުރަތް ލިބިގަތުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީޑިއާ ކައުންސިލެއްގައި ތިބެންވާނީ ނޫސްވެރިންނާއި، މީޑިއާތަކުގެ މަސްއޫލުވެރިންނާއި، އާންމު މެންބަރުން ކަމަށް ވިދާޅުވިއެވެ. އަދި އެތަނެއްގައި ތިބެން ޖެހޭނީ ދާއިރާގެ ޕްރޮފެޝަނަލް ބޮޑީއެއް ކަމަށް ޑރ. ޝަމްސުލް ފަލާހު ވިދާޅުވިއެވެ.

ޝަމްސުލް ފަލާހަކީ ނިއުޒިލެންޑުގައި ރިސާޗް ކުރުމުގެ މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އަދި އޭނާއަކީ މީގެ ކުރިން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އާއި ގައުމީ ޔުނިވާސިޓީގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ.

އޭނާ ވަނީ ގާނޫނީ ދާއިރާއިން ބެޗެލާސް ޑިގްރީގެ އިތުރުން، އިންޓަނޭޝަނަލް ހިއުމަން ރައިޓްސް އެންޑް ހިއުމެނިޓޭރިއަން ލޯއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ. ދާދި ފަހުން ޝަމްސުލް ފަލާހު ވަނީ ނިއުޒިލެންޑުގެ ޔުނިވާސިޓީ އޮފް އޮކްލެންޑަށް އޭނާގެ ޕީއެޗްޑީ ތީސީސް ހުށަހަޅުއްވާފައެވެ.

ޝަމްސުލް ފަލާހު ޖޭއެސްސީގައި ޚިދުމަތް ކުރެއްވީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން 2014 ވަނަ އަހަރުގެ މެއި މަހުގެ 22 ގެ ނިޔަލަށެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ފަލާހު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ސެކްރެޓަރީގެ މަގާމު އަދާކުރައްވާފައެވެ.

comment ކޮމެންޓް