އަންހެނުންނަށް އަނިޔާކުރުމަކީ ފައިދާއެއް ނެތް، ހަޑިހުތުރު އަމަލެއް: ޚުތުބާ

ޖިންސީ ގޯނާއާއި އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މީގެ ކުރިން މާޅޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންހެނުންނަށް އަނިޔާކުރުމަކީ ފައިދާއެއް ނެތް ކަމެއް ކަމަށާއި އެއީ ހަޑިހުތުރު އަމަލެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

ގެވެށި އަނިޔާއަށް އަލިއަޅުވައިލާ މިއަދު ކީ ޚުތުބާގައި ވަނީ އަނިޔާވެރިވުމުގެ ހުރިހާ ވައްތަރެއް އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ކަމަށާއި ގެވެށި އަނިޔާއަކީ އަނިޔާވެރިވުމުގެ ތެރޭގައި ހިމެނޭ އެއް ބާވަތް ކަމަށް ބުނެފައެވެ.

މި ކަމަކީ މުޖުތަމަޢުގައި ގަދަ އަޑުން ވާހަކަދެކެވޭ، އެ ކަމާ މެދު ކަންބޮޑުވެ، އެ ކަން ހުއްޓުވުމަށްޓަކައި އަޑު އުފުލަމުންދާ މައްސަލައެއް ކަމަށާއި ގެވެށި އަނިޔާގެ ތެރޭގައި ހިމެނެނީ، ފިރީން އަނބީންނަށް ކުރާ އަނިޔާއާއި އަނބީން ފިރީންނަށް ކުރާ އަނިޔާއާއި މައިންބަފައިން ދަރީންނަށް ކުރާ އަނިޔާއާއި ދަރީން މައިން ބަފައިންނަށް ކުރާ އަނިޔާއާއި އެކަކު އަނެކަކަށްކުރާ ތަފާތު ބާވަތްތަކުގެ އަނިޔާތައް ކަމަށް ހުތުބާގައި ބުންޏެވެ.

މުސްލިމް މުޖުތަމަޢަކީ ރަޙުމަތާއި، ކުލުނާއި، އޯގާވެރިކަމާއި، އަޅައިލުމުގެ މުޖުތަމައެއް ކަމަށާއި އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމަކީ އިސްލާމްދީނުގެ އަސާސުކަމުގައިވާ އޯގާވެރިކަމާ އަރައިރުންވާ ކަމެއް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

މުސްލިމް އަންހެނުންނަކީ އިސްލާމީ މުޖުތަމަޢުގެ ބިނާގެ އެއްބައި ކަމުގައިވާއިރު، އަދި އެ ކަނބަލުން މުސްލިމް ފިރިހެނުންގެ އަނބީންނަށް ނުވަތަ މައިންނަށް އަދި އުޚުތުންނަށް ނުވަތަ ދަރިންނަށް ވާއިރު އެ ކަނބަލުންނަށް އަނިޔާވެރިވުމުގެ ކުރީން އެ ކަމާ މެދު ކޮންމެ މުސްލިމަކު ވެސް ވިސްނާން ޖެހޭނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

އެ ކަނބަލުންގެ އަގުވައްޓައިލުމަށްޓަކައި، އެ ކަނބަލުންގެ އަބުރާ ބެހުމާއި، އެ ކަނބަލުންނަށް ފުރައްސާރަ ކުރުމާއި، އެ ކަނބަލުންގެ ޢިއްފަތްތެރިކަމަށް އަރައިގަތުމާއި، އެ ކަނބަލުން ނާޖާއިޒު ގޮތުގައި ބޭނުންކުރުމަކީ އިސްލާމްދީން މަނާކުރާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

"ރަސޫލާގެ ހަދީޘްގައިވޭ. އަންހެނުންނާ މެދު ﷲއަށް تقوىވެރިވާށެވެ! ފަހެ ތިޔަބައި މީހުން އެ ކަނބަލުން ލިބިގެންފައިވަނީ، ﷲގެ އަމާނާތެއްގެ ގޮތުގައި.. އަމާނާތަކީ ރައްކާތެރިވާން ޖެހޭނެ އެއްޗެއް. އެންމެ ބޮޑަށް ރައްކާތެރިވާން ޖެހޭނީ، މާތް ﷲގެ އަމާނާތަށް،" ޚުތުބާގައި ބުންޏެވެ.

މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުން އަޢުޒަމްގައި ކުރެވުނު ހުކުރު ނަމާދުގެ ތެރެެއިން--- ފޮޓޯ އިސްލާމިކް މިނިސްޓްރީ

ޚުތުބާގައިވަނީ ގެވެށި އަނިޔާގެ ރޯގާ އަހަރެމެންގެ ގޭތެރޭގައި ވަކިހިއްޕަމުން ދަނީ ބައްޕައާއި ދަރީންނާ ދެމެދުގައާއި މަންމައާއި ދަރީންނާ ނުވަތަ ފިރިމީހާއާއި އަނބިމީހާއާ އަދި އަނބިމީހާއާއި ފިރިމީހާއާ ދެމެދުގައި ބަދަލުކުރެވޭ ހަރުކަށި މުޢާމަލާތުތަކުގެ ސަބަބުން ކަމަށް ބުނެފައެވެ.

ބައެއް ފިރިހެނުން ހަރުކަށި އިބާރާތުން މުޢާމަލާތުކުރަނީ އަޚްލާޤު ރަނގަޅު ޢިލްމުވެރި ބަޔަކަށް އެ މީހުންގެ ދަރީން ހެދުމަށްޓަކައި ކަމަށާއި ދަރީން ރަނގަޅަށް ބަލަހައްޓާ ކިޔަމަންތެރި އަތްނބަކު ގޭގައި ބޭންދުމަށްޓަކައި ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.

ނަމަވެސް، ފިރިހެނާގެ މި އަމަލުގެ ނަތީޖާއަކީ، އަނބިމީހާއާއި ދަރީންގެ ނުކިޔަމަންތެރިކަން އިތުރުވުން ކަމަށާއި އަމާންކަންމަތީ އޮންނަންޖެހޭ ގޭތެރެ ނާމާންވުމާއި ހިތްހަމަޖެހުން އޮންނަން ޖެހޭ ގޭތެރެ ހިތްދަތިވުން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ޚުތުބާގައި ވަނީ ފިރިމީހާ އޭނާގެ އަނބިމީހާއަށް ކަމޭހިތުމަކީ، އޭނާގެ ފިރިހެންވަންތަ ކަމަށް ލިބޭ އުނިކަމެއް ނޫން ކަމަށާއި އެއީ އޭނާއަށް ލިބޭ އިހާނެތިކަމެއް ވެސް ނޫން ކަމަށް ބުނެފައެވެ. އަދި، ހަގީގަތަށް ބަލާއިރު، ފިރިމީހާގެ ފިރިހެންވަންތަކަން އޮންނާނީ އަނބިމީހާއަށް އަޅައިލުމާއި އޯގާތެރިވުމުގެ މަތީގައި ކަމަށާއި އޭނާގެ ރިވެތި އަޚުލާޤުގެ މަތީގައި ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

ޚުތުބާގައި ވަނީ އަނބިމީހާ ވަރިކޮށް، ދަރިންނަށް ޚަރަދު ނުދީ ފިލައިގެން އުޅުމަކީ ވެސް އަނިޔާ ކަމަށް ބުނެފައެވެ.

މި ފަދަ ބޭއަދަބީ ކަންކަމަށް އަރައިގަނެވެނީ ސަބަބުތަކެއް ނެތި ނޫން ކަމަށާއި މީގެ އެންމެ ބޮޑު ސަބަބަކީ، އެ މީހާގެ އީމާންތެރިކަން ބަލިކަށިވުން ކަމަށް ވެސް ޚުތުބާގައި ފާހަގަކުރިއެވެ.

ޚުތުބާގައި ވަނީ ގެވެށި އަނިޔާތައް އިތުރުވެ، އޭގެ ދާއިރާތައް ފުޅާވެގެން ގޮސް މިއަދު އެ ކަންތައް އަތް ނުފޯރާފަށަށް އުފުލިފައިވާ ކަމަށް ބުނެފައެވެ. އަދި، ގެވެށި އަނިޔާގެ ހުރިހާ ބާވަތަކުން ދުރުހެލިވުމަށް ހުކުރު ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

comment ކޮމެންޓް