އުތުރުގެ މެރިޓައިމް ސާވިސް (ޔޫއެމްއެސް)ގެ ޚިދުމަތް ހޯދުމަށް ފުރަތަމަ ދޯނި އިހަވަންދިއްޕޮޅަށް ބަނދަރުކޮށްފިއެވެ.
މޯލަޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އުތުރު މެރިޓައިމް ސާވިސްގެ ޚިދުމަތް ހޯދުމަށްއައި ފުރަތަމަ އުޅަނދު، މިއަދު ހެނދުނު އިހަވަންދިއްޕޮޅުގައި ބަނދަރު ކޮށްފައި ވާކަމަށް ބުނެފައެވެ.
މެރިޓައިމް ޚިދުމަތް ހޯދުމަށް އިހަވަންދިއްޕޮޅުގައި ބަނދަރުކޮށްފައި ވަނީ "ޖިއަން ޖިއޭ" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެކެވެ.
މި ބޯޓު ކުރޫ ޗޭންޖްވާ ފަޅުވެރިން މިއަދު ހަވީރު އުލިގަމަށް ފައިބައި އުލިގަމުގައި ހަދާފައިވާ "ސީމަންސް ރެސްޓް އޭރިޔާ" ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެފައި ވާކަމަށް ވެސް އެމްޕީއެލްގެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

އުލިގަމުގައި މިއަދު ހުޅުވި "ސީމަންސް ރެސްޓް އޭރިޔާ" ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެމްޕީއެލް
އުލިގަމުގައި މިއަދު ހުޅުވި "ސީމަންސް ރެސްޓް އޭރިޔާ" އަކީ އުލިގަމުގައި އެމްޕީއެލް އިން ޤާއިމްކޮށްފައިވާ އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިން އެތެރެވާ އުޅަނދު ފަހަރުގެ ފަޅުވެރިންނަށް، އެ ރަށުގައި މަޑުކޮށް، އަރާމުކޮށްލައި ބައެއް ކުޅިވަރުތައް ކުޅެވޭގޮތަށް ހަދާފައިވާ ތަނެކެވެ.

އުލިގަމުގައި މިއަދު ހުޅުވި "ސީމަންސް ރެސްޓް އޭރިޔާ" ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެމްޕީއެލް
މި އޭރިއާ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ވަޖީހު އިބްރާހިމާއި މެނޭޖްމެންޓުގެ ބޭފުޅުން ވަނީ ބައިވެރިވެެ ވަޑައިގެންފައެވެ.
އުތުރުގައި ބަންކަރިންގެ ޚިދުމަތް ފެށީ މިދިޔަ މަހުގެ 18ވަނަ ދުވަހުއެވެ.