ފަތުރުވެރިކަމުގެ ސީޒަނާ ދިމާކޮށް އެމްއޭސީއެލުން ބޭގް ހޭންޑްލިން ސިސްޓަމެއް ތާރަފުކުރަނީ

އެމްއޭސީއެލުން ވިންޓާ ސީޒަނަށް ބޭގް ހޭންޑްލިން ސިސްޓަމެއް ތާރަފްކުރަނީ --- ފޮޓޯ/ އެމްއޭސީއެލް

މި އަހަރު ފަތުރުވެރިކަމުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބޭގް ހޭންޑްލިން ސިސްޓަމެއް ތާރަފްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މިކަމާ ގުޅިގެން މިއަދު އެއާޕޯޓް އޮޕަރޭޝަންސް ޑިވިޝަނުން ބައްދަލުވުމެއް ބާއްވާފައި ވާކަމަށެވެ.

އަދި މި ބައްދަލުވުމުގެ މަގުސަދަކީ ކުރިއަށް އޮތް ފަތުރުވެރިކަމުގެ ސީޒަނުގައި އެއާޕޯޓް އޮޕަރޭޝަންސްއަށް ދިމާވާ ގޮންޖެހުންތައް މަޝްވަރާކޮށް އެ ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރުން ކަމަށްވެސް ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގައި އެމްއޭސީއެލް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ޝަރީފް މުޙައްމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ލަތީފް އަދި ކުންފުނީގެ އިސް ބޭފުޅުން ވަނީ ބައިވެރިފައެވެ.

ސީޒަނަށް ތައްޔާރުވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، ކުންފުނިން ވިންޓާ ސީޒަނަށް ތައްޔާރުވަމުންދާއިރު އައު ބެގޭޖް ހޭންޑްލިން ސިސްޓަމެއް ވެސް ތަޢާރަފުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

އަދި މި ސިސްޓަމުގެ ސަބަބުން އެއާޕޯޓުގެ މަސައްކަތްތައް މިހާރަށްވުރެ ހަލުވިކޮށް، ފަސިންޖަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ވަނީ ވިދާޅުވިއެވެ.

އެމްއޭސީއެލްގެ ލަނޑުދަނޑިތަކާ އެއްގޮތްވާގޮތުގެ މަތިން މުވައްޒަފުންނާއި މެނޭޖްމަންޓް ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދާނެކަން ފާހަގަކޮށް، އިކުއިޕްމަންޓް އަޕްގްރޭޑްކުރުމާއި ޚިދުމަތްތައް ރަނގަޅުކުރުމަށް އިސްކަންދޭނެކަމަށް ސީއީއޯ ވަނީ ވިދާޅުވެފައެވެ.

އަދި ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު މަޝްވަރާތައް ކުންފުނީގެ ހިއްސާދާރުންނާ އެކު ބޭއްވުމަށް ނިންމާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާނެކަމަށް ވަނީ ބުނެފައެވެ.

އެގޮތުން މިހާރު ބޭނުންކުރާ ޓާމިނަލް ސަރަހައްދު ތަނަވަސްކޮށް، ކާރުބާރޫބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައި ވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް