ކިޔަވަން ބޭރަށް ފުރާ ދަރިވަރުން އެމްބަސީތަކުގައި ރަޖިސްޓާވުމަށް އިލްތިމާސްކޮށްފި

ފޮރިން މިނިސްޓްރީގެ ސެކެޓްރީ، ބައިލޭޓްރަލް، ޑރ. ހާލާ ހަމީދު: ކިޔަވަން ބޭރަށް ފުރާ ދަރިވަރުން އެމްބަސީތަކުގައި ރަޖިސްޓާވުމަށް އޭނާ އިލްތިމާސްކުރެއްވި -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ތައުލީމް ހާސިލްކުރުމަށް ރާއްޖެއިން ބޭރަށް ފުރާ ދަރިވަރުން އެ ގައުމެއްގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކެޓްރީ، ބައިލޭޓްރަލް، ޑރ. ހާލާ ހަމީދު އިލްތިމާސްކުރައްވައިފިއެވެ.

ހާލާ އެ އިލްތިމާސްކުރެއްވީ ތުރުކީން ދިވެހި ދަރިުވަރުންނަށް ލިބިފައިވާ ސްކޮލޮޝިޕްތަކުގައި ކިޔެވުމަށް މިހާތަނަށް ފުރުސަތު ލިބި، ފުރުމަށް ހަމަޖެހިފައިވާ ދަރިވަރުންނަށް، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ހަފުލާގައި ދެއްކެވި ވާހަކަފުޅުގައެވެ.

އޭނާ ވިދާޅުވީ ތައުލީމް ހާސިލްކުރުމަށް ފުރާ ދަރިވަރުން އެމްބަސީތަކުގައި ރަޖިސްޓްރީވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އޭރުން ދަރިވަރުންނަށް ދިމާވާ ކަންކަމުގައި އެމްބަސީން އެހީތެރިކަންފޯރުކޮށްދީ މުއާމަލާތްކުރުމަށް ފަސޭހަވާނެ ކަމަށެވެ.

"ތުރުކީގައިވާ ދިވެހިރާއްޖޭގެ އެންބަސީއިން އެ ގައުމުގައި، މަތީ ތައުލީމު ހާސިލުކުރަމުންދާ އެންމެހާ ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން، އެހެންކަމުން ތައުލީމު ހާސިލުކުރުމަށް ފުރާ ދަރިވަރުން އެމްބަސީގައި ރަޖިސްޓާވުމަށް އަޅުގަނޑު އިލްތިމާސްކުރަން،" ހާލާ ވިދާޅުވިއެވެ.

އޭނާގެ ވާހަކަފުޅުގައި، ދިވެހި ދަރިވަރުންނަށް ލިބުނު ތުރުކީ ސްކޮލާޝިޕްގެ ފުރުސަތަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ކާމިޔާބީކަން ފާހަގަކުރެއްވިއެވެ. އަދި ތުރުކީގައި މަތީ ތައުލީމު ހާސިލުކުރަމުންދާއިރު، އެ ގައުމުގެ އާދަކާދައާއި ސަގާފަތްތަކަށް އަހުލުވެރިވުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ހާލާ ވިދާޅުވިއެވެ.

ތުރުކީވިލާތުން ހުޅުވައިލި މި ސްކޮލާޝިޕްގައި ބެޗްލާސް ޑިގްރީ، މާސްޓާސް ޑިގްރީ އަދި ޑޮކްޓަރަލް ޑިގްރީގެ ފުރުސަތުތައް ހިމެނެއެވެ. އެ ފުރުސަތުތަކުގެ ތެރެއިން، މިހާތަނަށް 14 ދަރިވަރުން ސްކޮލަޝިޕްއަށް ހޮވި، އޭގެތެރެއިން 11 ދަރިވަރުން ވަނީ ތުރުކީވިލާތަށް ފުރުމަށް ތައްޔާރުވެފައެވެ.

comment ކޮމެންޓް