އެސްޓޯނިއާއާ ގުޅިގެން ތައުލީމީ ދާއިރާއިން މަސައްކަތް ކުރެވެން އޮތް ފުރުސަތުތަކާ ގުޅޭ ގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު، އެގައުމުގެ އެޑިއުކޭޝަން އެންޑް ރިސާޗް މިނިސްޓަރު ކްރިސްޓީނާ ކަލަސްއާ މިއަދު މަޝްވަރާކުރައްވައިފިއެވެ.
އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް ރޭ ރައީސް މުއިއްޒު ވަނީ އެގައުމަށް ފުރާވަޑައިގެންފައެވެ. އެގައުމުން އެ މަނިކުފާނަށް މިއަދު ރަސްމީކޮށް މަރުހަބާ ވިދާޅުވީ ވެސް ކަރިސް އެވެ.
ރައީސް އޮފީހުން ބުނީ، އެސްޓޯނިއާގެ އެޑިއުކޭޝަން އެންޑް ރިސާޗް މިނިސްޓަރު ކަލަސް މިއަދު ރައީސް އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވި ކަމަށެވެ.
އެ ބައްދަލުވުމުގައި ރައީސް، އެސްޓޯނިއާގެ ތައުލީމީ ނިޒާމާ ގުޅޭ ގޮތުން ސުވާލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ. އަދި މިނިސްޓަރު ވަނީ، އެސްޓޯނިއާގެ ތައުލީމީ އޮނިގަނޑު ބައްޓަން ކޮށްފައިވާ ގުޅޭ ގޮތުން މައުލޫމާތު ދެއްވައިފައި ކަމަށް ރައީސް އޮފީހުން ބުންނެވެ.
މީގެ އިތުރުން ނަތީޖާ ނެރެ، ކުރިއެރުމަށް މަސައްކަތް ކުރުމުގެ ވިސްނުން ގެންގުޅޭ ދަރިވަރުން ބިނާ ކުރުމަށް ތަންފީޒުކުރެވޭނެ ސިޔާސަތުތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލާއި ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އޮފީހުން ވަނީ، ރައީސް މުއިއްޒުގެ އެސްޓޯނިއާގެ ދަތުރުފުޅުގައި އަމާޒަކީ ދިވެހިރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ވިޔަފާރީގެ އެއްބާރުލުން އިތުރުކުރެއްވުމާއި، ޑިޖިޓަލް ޓެކްނޮލޮޖީ، ސައިބަ ސެކިއުރިޓީ، އީގަވަނަންސް އަދި މޫސުމާ ގުޅޭ މައްސަލަތަކުގެ އިތުރުން ތައުލީމީ ދާއިރާގައި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތުތައް ހޯއްދެވުން ކަމަށް ބުނެފައެވެ.
ރައީސް އެ ދަތުރުފުޅު ނިންމަވާލައްވާނީ އަންނަ ބުރާސްފަތީގައެވެ.