މަޝްވަރާނުކޮށް ސަރުކާރުން ގޮތް ނިންމާތީ ޓޫރިޒަމް ދާއިރާއަށް ނޭދެވޭ އަސަރުކުރާނެ: މައުސޫމް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް: މަޝްވަރާނުކޮށް ސަރުކާރުން ގޮތް ނިންމާތީ ޓޫރިޒަމް ދާއިރާއަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުން ހުރި ކަންކަމުގައި ޕްރައިވެޓް ސެކްޓާގެ ކަންބޮޑުވުންތަކަށް ރިއާޔަތްނުކޮށް ސަރުކާރުން ގޮތް ނިންމުމަކީ ފަތުރުވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިޔުމަށް އެޅޭ ހުރަހަކަށް ވެދާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ މައުސޫމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަތުރުވެރިކަމަށް 52 އަހަރު ފުރޭއިރު ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކާމިޔާބީގައި ޕްރައިވެޓް ސެކްޓާއާއި މި ދާއިރާގެ މުވައްޒަފުންގެ މަސައްކަތާއި ސަރުކާރުތަކުން ގަވައިދުތަކާއި ސިޔާސަތުތައް އެކުލަވާލުމުގައި ލަފާ ހޯދުން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުން ޕްރައިވެޓް ސެކްޓާގެ ޚިޔާލާއި ކަންބޮޑުވުންތަކަށް އިޖާބަނުދީ ކުއްލިއަކަށް ހަރުކަށި ގަވައިދުތައް އެކުލަވާލާ މަންޒަރު ފެނުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މައުސޫމް އިޝާރާތް ކުރެއްވީ، ޓޫރިޒަމް ދާއިރާއިން ރާއްޖެއަށް ވަންނަ ޑޮލަރު ގައުމުގައި ހިފެހެއްޓުމަށް އެމްއެމްއޭއިން މިދިޔަ އަންގާރަ ދުވަހު ގެޒެޓުކުރި ދެ ގަވައިދަށް އިޝާރާތްކުރައްވައެވެ.

ބޭރު ފައިސާއާ ބެހޭ ގަވައިދާއި މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވައިދުގައި ވަނީ ފަތުރުވެރިކަމުން ލިބޭ ޑޮލަރު ދިވެހި ބޭންކުތަކަށް ޖަމާ ކުރުމަށާއި، ކޮންމެ ފަތުރުވެރިއަކަށް ރިޒޯޓުތަކުންނާއި ގެސްޓްހައުސްތަކުން ވަކި އަދަދެއްގެ ޑޮލަރު މާރުކުރުމަށް އަންގައިފައެވެ.

އެ ގަވައިދަށް އާންމުންގެ ތައުރީފު ލިބުނު ނަމަވެސް، ޑޮލަރު މާރުކުރަން ޖެހޭތީ ގެސްޓްހައުސްތަކާއި ހޮޓެލްތައް ހިންގާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި ފަތުރުވެރިކަމުގެ ބާނީން ހިމެނޭ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ވަނީ ގަވައިދުތައް އެކުލަވައިލީ އެ ޖަމިއްޔާގެ ކަންބޮޑުވުންތަކަށް އިޖާބަ ނުދީ ކަމަށް ބުނެފައެވެ.

އެހެންވެ، ބައެއް ފަރާތްތަކުން އަންނަނީ، ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ގަވައިދުތައް އެކުލަވާލުމުގައި އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ބުނަމުންނެވެ.

comment ކޮމެންޓް