މިއަހަރުގެ ވޯލްޑް ކަލިނަރީ އެވޯޑްސްގެ 'އިންޑިއަން އޯޝަން' ކެޓެގަރީއިން 'ބެސްޓް ކަލިނަރީ އިންސްޓިޓިއުޝަން' އެވޯޑު ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ތިން ވަނަ ފަހަރަށް ހާސިލްކޮށްފިއެވެ.
އެމްއެންޔޫއިން ބުނި ގޮތުގައި، އެ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް)އަށް މީގެ ކުރިން 2021 އާއި 2023ގައި މި އެވޯޑު ލިބިފައިވެއެވެ. އަދި ތިންވަނަ ފަހަރަށް އެވޯޑް ލިބުމުން، އެފްއެޗްޓީއެސްގެ އުނގަންނައިދިނުމުގެ ފެންވަރު ހިފަހައްޓާކަން ދައްކުވައިދޭކަން ހާމަވެފައިވާކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.
މި އެވޯޑަށް އެމްއެންޔޫއިން ވާދަކުރީ، ދިވެހި މުއައްސަސާއަކާއި ކަލިނަރީ ދާއިރާގެ ފާހަގަކޮށްލެވޭ މޮރިޝަސްގެ ތިން ސުކޫލަކާ ކަމަށް އެ ޔުނިވާސިޓީން ބުނެފައިވެއެވެ.
ދުބާއީގެ ސަމަސޯލްޓް ޖުމެއިރާ އަލް ނަސީމްގައި ބޭއްވި ރަސްމިއްޔާތެއްގައި، އެމްއެންޔޫގެ ފަރާތުން މި އެވޯޑާ ހަވާލުވެފައި ވަނީ ޑީން ޒީނަތު ސޯލިހްއާއި ލެކްޗަރާ ޝުދުފާ ވަހީދެވެ.
އެ ޔުނިވާސިޓީން އިތުރަށް ބުނީ، ބައިނަލްއަގުވާމީ މައިދާނުގައި އެމްއެންޔޫ އެފްއެޗްޓީއެސްއަށް ވަނަތައް ލިބެމުން އަންނަނީ ބައިނަލްއަގުވާމީ ކަލިނަރީ މުބާރާތްތަކުގައި ބައިވެރިވަމުން ދިޔުމުން ކަމަށެވެ. އެގޮތުން އެފްއެޗްޓީއެސްގެ ދަރިވަރުން ޔަންގް ޝެފް އޮލިމްޕިއަޑް 2024ގައި 60 ގައުމުގެ ތެރެއިން ގަދަ 20ގެ ޖާގަ ހޯދައި، ޕްލޭޓް ޓްރޮފީ ބުރުގައި ކާމިޔާބުކަމާއެކު ވާދަކޮށްފައިވާކަން އެމްއެންޔޫއިން ފާހަގަކުރިއެވެ.
އެއާއެކު، އެފްއެޗްޓީއެސްއަކީ ކަލިނަރީ ދާއިރާއިން ކުރިއަރާފައިވާ ފެކަލްޓީއެއްކަން އިތުރަށް ސާބިތުކޮށްދީފައިވާ ކަމަށް އެ ޔުނިވާސިޓީން ފާހަގަކޮށްފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި އެވޯޑަށް މިއަހަރު އެމްއެންޔޫގެ އިތުރުން ވިލާ ކޮލެޖާއި އޮލިވިއާ ކަލިނަރީ ސުކޫލާއި އެސްކޮފިއާ އިންސްޓިޓިއުޓްގެ އިތުރުން ޕޮލިޓެކްނިކްސް މޮރިޝަސް ވާދަކުރިއެވެ.