އޭޖީއެމް ބާއްވާއިރު ސަރުކާރު ބައެއް ކުންފުނިތަކުން ގަވައިދާ ޚިލާފުވާތީ ޕީސީބީގެ އިލްތިމާސެއް

ޕީސީބީ ހިންގަމުންދާ އިމާރާތް: އޭޖީއެމް ބާއްވާއިރު ސަރުކާރު ބައެއް ކުންފުނިތަކުން ގަވައިދާ ޚިލާފުވާތީ ޕީސީބީން ވަނީ ގަވައިދާ އެއްގޮތަށް އަމަލުކުރުމަށް އެދިފައި -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސަރުކާރު ބައެއް ކުންފުނިތަކުން އަހަރީ އާންމު ބައްދަލުވުން (އޭޖީއެމް)ތައް ބާއްވާއިރު ކަމާ ގުޅުންހުރި ކޯޑާ ޚިލާފުވާކަން ފާހަގަވެފައިވާ ކަމަށް ބުނެ، އެ ކޯޑާ އެއްގޮތަށް އަމަލުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރޮޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އިލްތިމާސްކޮށްފިއެވެ.

ޕީސީބީން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ "ކޯޑް އޮފް ކޯޕަރޭޓް ގަވާނެންސް ފޯ ސްޓޭޓް އެންޑް އެންޓާޕްރައިސެސް"ގެ އާޓިކަލް 18ގެ ދޭއްގައި ވާގޮތުން ކުންފުނިތަކުން އޭޖީއެމް ބައްވަން ޖެހޭނީ އެ ބޯޑުގެ އޮފިޝަލަކާއި ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ހިމެނޭ ގޮތަށް ކަމަށެވެ.

ނަމަވެސް އެ ކޯޑާ ޚިލާފަށް ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން އަމަލުކުރަމުން އަންނަކަން އެ ބޯޑުގެ މޮނިޓަރިންއަށް ފާހަގަކުރެވިފައި ވާކަމަށް އެ ބާޔަނުގައި ވަނީ ބުނެފައެވެ.

އެ ބަޔާނުގައި ވަނީ ކުންފުނިތަކުގެ އަހަރީ އާންމު ޖަލްސާއާއި ޚާއްސަ ގޮތުން ބާއްވާ އާންމު ޖަލްސާތައް އިންތިޒާމުކުރުމުގައި ގަވާނެންސް ކޯޑާ އެއްގޮތްވާ ގޮތުގެ މަތީން އެ ބޯޑުގެ އޮފިޝަލުންނާއި މިނިސްޓްރީ އޮފް ފިނޭންސްގެ އޮފިޝަލުން ހިމެނޭކަން ކަށަވަރުކުރުމަށް ސަރުކާރުގެ ކުންފުނިތަކަށް އިލްތިމާސްކޮށްފައެވެ.

އެ ޖަލްސާތައް ބޭއްވުމުގެ ކުރިން ކުންފުނިތަކާ ހިއްސާކޮށްފައިވާ އޮންލައިން ޗެކްލިސްޓް ފޯމް ފުރިހަމަކުރުމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އެ ފޯމުގެ ލިންކު ކުންފުނީގެ ސެކްރެޓެރީންނާއި ހިއްސާކުރެވިފައި ވާނެކަމަށް ވެސް ވަނީ ބުނެފައެވެ.

އެ ބަޔާނުގައި ވަނީ ޕީސީބީން އަންގާ އެންގުންތަކަށް ކުންފުނިތަކުން އަމަލުކުރުމަކީ ގާނޫނުގެ ދަށުން، ސަރުކާރު ކުންފުނިތަކާއި ސަރުކާރުގެ ބައިވެރިވުން އޮންނަ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނަށް ލާޒިމު ކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "ކޯޑް އޮފް ކޯޕަރޭޓް ގަވާނެންސް ފޯ ސްޓޭޓް އެންޑް އެންޓާޕްރައިސެސް"ގައިވާ ގޮތުން، އަހަރީ އާންމު ޖަލްސާއެއް ބޭއްވުމުގެ ކުރިން އެ ކުންފުންޏަކުން އެ ބައްދަލުވުމުގެ އެޖެންޑާއައި މާލީ ބަޔާންތަކާއި އޮޑިޓް ރިޕޯޓު ފަދަ މުހިންމު މައުލޫމާތު އެ މިނިސްޓްރީއާއި ޕީސީބީއާ ހިއްސާކުރަން ވާނެއެވެ.

ޕީސީބީން އެންމެ ފަހުން އާންމުކޮށްފައިވާ ކުއާޓާލީ ރިޕޯޓުން ދައްކާ ގޮތުގައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ އަދަދު 29އަށް އަރައެވެ.

comment ކޮމެންޓް