ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލުން ފްރެންޗް ލީގު އާންގެ ޕެރިސް ސެއިންޓް ޖާމެއިން ބަލިކޮށްފިއެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްޖީންނެވެ. ނަމަވެސް، އެ ޓީމަށް ޑިފެންސް ވަރުގަދަ ކަމަށް ފާހަގަކުރެވިފައިވާ އާސެނަލްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
މެޗުގައި ޕީއެސްޖީން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ފުރަތަމަ ހާފުގައި އާސެނަލުން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި ހާފުގެ 20 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި އާސެނަލުން ވަނީ މެޗުގެ ލީޑު ވެސް ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިއާންޑްރޯ ޓްރޮސާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކައި ހަވާޓްޒެވެ.
މެޗުގެ 35 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން އާސެނަލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބުކާޔޯ ސާކާއެވެ. މި ހާފުގައި ޕީއެސްޖީން ލަނޑެއް ޖެހުމާ އެންމެ ގާތަށް ގޮސްފައިވަނީ ނޫނޯ މެންޑޭޒެވެ. ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ އަމާޒުވެފައިވަނީ އާސެނަލްގެ ގޯލަށެވެ.
ދެވަނަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔަކަން ފާހަގަވިއެވެ. މި ހާފުގައި ވެސް ޕީއެސްޖީގެ ޖާއޮ ނެވޭސް ފޮނުވާލި ހަމާލާއެއްވަނީ އާސެނަލްގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.
މި ކާމިޔާބީއާ އެކު އާސެނަލް މިހާރު އޮތީ ހަތަރު ޕޮއިންޓާ އެކު ލީގުގެ އަށްވަނައިގައެވެ. ޕީއެސްޖީ އޮތީ ތިން ޕޮއިންޓާ އެކު ތާވަލުގެ 18 ވަނައިގައެވެ.
މި މުބާރާތުގައި ޑަޗް އެރެޑިވިސީގެ ޕީއެސްވީ އެއިންދްހޯވެންއާއި ލީގާ ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން ބައްދަލުކުރި މެޗު 1-1 އިންވީ އެއްވަރެވެ. ޕީއެސްވީން މި މެޗުގައި ކާމިޔާބުކުރި ލަނޑު މެޗުގެ 15 ވަނަ މިނެޓުގައި ޖާޑީ ޝޫޓެން ކާމިޔާބުކޮށްދިންއިރު ސްޕޯޓިންއިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ 83 ވަނަ މިނެޓުގައި ޑެނިއަލް ބްރަގަންސާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.