މި މަހު އިންޑިއާގެ ސިނަމާތަކުގައި ރިލީޒްކުރާ ގޮތަށް ނިންމި ޕާކިސްތާނު ފިލްމު "ދަ ލެޖެންޑް އޮފް މޯލާ ޖަޓް" އެ ޤައުމުގައި ރިލީޒްނުކުރާން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފިލްމުގެ ޑިސްޓްރިބިއުޓްކޮށްފައިވާ ޒީ ސްޓޫޑިއޯއިން މި މަހުގެ ދެވަނަ ދުވަހު އިންޑިއާގެ ޕަންޖާބް އަދި ނިއު ދެއްލީގެ ބައެއް ރީޖަންތަކުގައި ފިލްމު ރިލީޒްކުރާނެކަން މިދިޔަ މަހު ތެރޭ ވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް, އިންޑިއާގެ ސިޔާސީ ޕާޓީއަކުން މި ފިލްމު އިންޑިއާގައި ދެއްކުން މަނާކުރަން ގޮވައިލާ އިންޒާރުތަކެއް ދިނުމުން ފިލްމު ރިލީޒްކުރުން ފަސްކުރެވިފައިވާ ކަމަށް އިންޑިއާގެ ސަރުކާރުން ޒީ ސްޓޫޑިއޯއަށް ވަނީ އަންގާފައެވެ.
ފިލްމީ ރިޕޯޓުތައް ބުނާގޮތުން ކައިރި މުސްތަގުބަލެއްގައި އެ ފިލްމު އިންޑިއާގައި ދެއްކުމުގެ ފުރުސަތު ކުޑައެވެ. އިންޑިއާގެ ސިޔާސީ ޕާޓީތަކުންނާއި އެ ޕާޓީތަކަށް ނިސްބަތްވާ ބައެއް މީހުންގެ ވިސްނުން ބަދަލުނުވާހާ ހިނދަކު ޕާކިސްތާނުގެ ފިލްމީ ތަރިންނަށާއި ފަންނާނުން އިންޑިއާގައި މަސައްކަތް ކުރުމުގައި ގޮންޖެހުންތަކާ ދިމާވާނެ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.
ޕާކިސްތާނުގެ އެންމެ މަގުބޫލު ފިލްމީ ތަރިން ކަމަށްވާ މާހިރާ ޚާން އާއި ފަވާދު ޚާން ލީޑް ރޯލު ކުޅެފައިވާ "ދަ ލެޖެންޑް އޮފް މޯލާ ޖަޓް" އިންޑިއާގައި ރިލީޒްކުރާނެކަން އިއުލާނުކުރުމުން އުފާފާޅުކުރި ގިނަ ބަޔަކަށް މިހާރު ވަނީ މާޔޫސްކަން ލިބިފައެވެ. ޚާއްސަކޮށް މާހިރާއާއި ފަވާދު ޚާންއަށް ތާއީދުކުރާ އިންޑިއާގެ ގިނަ ބަޔަކު ތިބީ މި ނިންމުމާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
ޒީ ސްޓޫޑިއޯ ގުޅުން ހުރި ފަރާތަކުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ފިލްމު ސިނަމާތަކުގައި ދައްކައިގެން އެއްވެސް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބެން އެ ސްޓޫޑިއޯއިން ނޭދޭ ކަމަށެވެ.
މި ފިލްމު ސިނަމާތަކުގައި ރިލީޒް ނުކުރެވިއްޖެނަމަ ފިލްމު ޑިޖިޓަލް ޕްލެޓްފޯމް މެދުވެރިކޮށް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް އެ ފަރާތުން މީޑިއާއަށް ވަނީ މައުލޫމާތުދީފައެވެ.