ބިދޭސީންނަށް ހަރަކާތްތެރި ނުވެވޭގޮތަށް ފައިސާ މާރުކުރުން ހަރުކަށިކޮށްފި

މީހަކު ޑޮލަރުތަކެއް ގުނަނީ: ބިދޭސީންނަށް ހަރަކާތްތެރި ނުވެވޭގޮތަށް ފައިސާ މާރުކުރުން ހަރުކަށިކޮށްފި ---ސަން ފޮޓޯ// މުހައްމަދު އަފްރާހް

ބިދޭސީންނަށް ހަރަކާތްތެރި ނުވެވޭގޮތަށް، ރާއްޖެ ވަންނަ ބޭރު ފައިސާ މާރުކުރުން ހަރުކަށިކޮށް ގަވާއިދެއް މިރޭ ގެޒެޓުކޮށްފިއެވެ.

މި ގެޒެޓުކުރެވުނު "މަނީ އެކްސްޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު"ގެ ދަށުން ދެ ބާވަތެއްގެ މަނީ އެކްސްޗޭންޖް ލައިސަންސް ދޫކުރެއެވެ. އެއީ ޓިއާ 1 މަނީ އެކްސްޗޭންޖިން ލައިސަންސާއި ޓިއާ 2 މަނީ އެކްސްޗޭންޖިން ލައިސަންސެވެ.

  • ޓިއާ 1 މަނީ އެކްސްޗޭންޖިން ލައިސަންސް: ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ލައިސަންސް
  • ޓިއާ 2 މަނީ އެކްސްޗޭންޖިން ލައިސަންސް: ބޭރު ފައިސާ ވިއްކުމުގެ ލައިސަންސް

ޓިއާ 1 ލައިސަންސް ދޫކުރާނީ ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުމަށް އުފައްދާފައިވާ ކުންފުންޏަކަށެވެ. މި ކުންފުނީގެ ވެރިފަރާތަކަށް ވާންޖެހޭނީ ދިވެހި ރައްޔިތެކެވެ. މި ލައިސަންސް ދޫކުރާނީ ފަސް އަހަރުގެ މުއްދަތަކަށެވެ. އަދި މި ލައިސަންސް ދޫކުރަނީ ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިއަށް ރާއްޖޭގައި ތަނެއް ގާއިމްކޮށް އެ ތަނުގައި ވިޔަފާރި ހިންގާ ގޮތަށެވެ.

މި ލައިސަންސަށް އެދި ހުށަހަޅާއިރު އެޕްލިކޭޝަން ފީގެ ގޮތުގައި 20،000 ރުފިޔާ ދައްކަން ޖެހޭނެކަމަށް ގަވާއިދުގައި ވެއެވެ. އަދި ލައިސަންސް އާކުރުމަށް އެދި ހުށަހަޅާއިރު 10،000 ރުފިޔާ ހުށަހަޅަންޖެހޭނެއެވެ.

މި ގަވައިދުގައިވާ ގޮތުން ޓިއާ 2 ލައިސަންސް ދޫކުރާނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިސްޓުން ރިސޯޓު ހިންގަން ހުއްދަ ލިބިފައިވާ ނުވަތަ ލައިސެންސް ލިބިފައިވާ ކުންފުނިތަކަށެވެ.

މި ލައިސަންސުގެ މުއްދަތަކީ ޓޫރިސްޓު ރިސޯޓު ހިންގަން ލިބިފައިވާ ހުއްދަ ނުވަތަ ލައިސަންސްގެ މުއްދަތެވެ. މި ފަރާތްތަކުން ފައިސާ ވިއްކުމުގެ މުއާމަލާތް ކުރަންވާނީ ބޭންކަކާ އެކު ނުވަތަ ޓީއާ 1 ލައިސަންސް އޮންނަ ފަރާތަކާ އެކުއެވެ.

ޓިއާ 2 ލައިސަންސަށް އެދި ހުށަހަޅާއިރު 1300 ޑޮލަރު ދައްކަން ޖެހޭނެއެވެ. އަދި ލައިސަންސް އާކުރުމަށް އެދި ހުށަހަޅާއިރު 650 ޑޮލަރު ދައްކަން ޖެހޭނެކަމަށް ގަވާއިދުގައި ވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް