އޮކްޓޯބަރު މަހު މީރާއަށް ލިބުނު އާމްދަނީ އަންދާޒާކުރި ވަރަށްވުރެ އިތުރު

މީރާ ޓެކްސްޕޭޔާ ސާވިސް ސެންޓަރު: އޮކްޓޯބަރު މަހުގައި މީރާއަށް ލިބުނު އާމްދަނީ އަންދާޒާކުރި ވަރަށްވުރެ ގިނަ ---

މި އަހަރުގެ އޮކްޓޫބަރު މަހުގައި މީރާއަށް 1.73 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މީރާއިން ބުނީ މިދިޔަ މަހުގެ އާމްދަނީއަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 14.2 އިންސައްތަ ދަށް އަދަދެއް ކަމަށާއި ނަމަވެސް މިއަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 30.5 އިންސައްތަ ގިނަ އަދަދެއް ކަމަށެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު މި އަހަރުގެ އޮކްޓޯބަރު މަހުގައި ބަލައިގަތް އާމްދަނީ މަދު ކަމަށް ދައްކާ މައިގަނޑު ސަބަބަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ޖީއެސްޓީއާއި އެއާޕޯޓު ޓެކުހާއި ގްރީން ޓެކުހުގެ އިތުރުން ނިމިދިޔަ އަހަރުގެ ހަތަރުވަނަ ވަނަ ކުއާޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓްގެ ފައިސާ ދެއްކުމުގެ ސުންގަޑ،ި ސަރުކާރު ބަންދު ދުވަހަކާ ދިމާވުމާ ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހަށް ފަސްކޮށްފައިވުމެވެ.

ނަމަވެސް މިފަދަ ބަދަލެއް މިއަހަރުގައި ގެނެވިފައިނުވާތީ މިއަހަރުގެ އޮކްޓޯބަރުގައި ބަލައިގަތް އާމްދަނީ ދަށްވީ ކަމަށް މީރާއިން ބުންނެވެ.

މީރާއިން ބުނީ މިއަހަރުގެ އޮކްޓޯބަރު މަހުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމާއި އޮކްޓޫބަރު މަހު ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ އާމްދަނީ އެ މުއްދަތުގައި ލިބިފައިވުމާއ،ި ގްރީން ޓެކްސް، އެކްސްޕެޓް ކޯޓާ ފީ އަދި އެއާޕޯޓް ޓެކްސް އެންޑް ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުން މި އަހަރުގެ ސެޕްޓެމްބަރު މަހުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ 2.1 އަށް އިތުރުވެފައިވުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން ވަނީ މައުލޫމާތު ދީފައެވެ. އަދި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ އަކީ ސަރުކާރުން ރަށެއް ކުއްޔަށް ދިނުމުން ދައްކާ ފީއަކަށް ވުމާއެކު އެއީ އަންދާޒާ ކުރެވޭ އާމްދަނީއެއް ނޫން ކަމަށްވެސް މީރާއިން ވަނީ ބުނެފައެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގައި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ ބަލައިގަނެފައިވާތީ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ބަލައިގަތް ޖުމުލަ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން ބުންޏެވެ.

މީގެ އިތުރުން، މިހާރު އަމަލުކުރަމުންދާ ނުލިބިހުރި ފައިސާ ހޯދުމުގެ މަސައްކަތްތަކުގެ ތެރެއިން ވޭތުވެދިޔަ ސުންގަޑިތަކަށް ޖީއެސްޓީގެ އާމްދަނީ ލިބިފައިވުމާއެކު މިއީ މި އަހަރުގެ އޮކްޓޯބަރު މަހުގައި މީރާއަށް ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ސަބަބެއް ކަމަށް މީރާއިން ވަނީ ބުނެފައެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއިންނެވެ. އެއީ 63.1 އިންސައްތަ ނުވަތަ 1.09 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 6.7 އިންސައްތަ ނުވަތަ 115.54 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި 94.71 މިލިއަން ރުފިޔާ އަދި ގްރީން ޓެކުހުގެ ގޮތުގައި 77.06 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އެއާޕޯޓު ޑިވަލޮޕްމެންޓް ފީ ގެ ގޮތުގައި 75.82 މިލިއަން ރުފިޔާ ލިބިފައި ވާއިރު އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 275.72 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 66.27 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާއިން ވަނީ ބުނެފައެެވެ.

comment ކޮމެންޓް