ލޯކަލް ބޭންކިން ނިޒާމުގައި އެމެރިކާ ޑޮލަރު ހިފެހެއްޓުމަކީ ރާއްޖޭގެ އިގްތިޞާދަށް ވަރަށް މުހިންމު ކަމެއް ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، މަރުކަޒީ ބޭންކު، އެމްއެމްއޭއިން ރާއްޖެއަށް ވަންނަ ބޭރު ފައިސާއާ ބެހޭ ގަވާއިދަކާއި ފައިސާ މާރުކުރުމުގެ ވިޔަފާރިއާ ބެހޭ ގަވާއިދެއް އެކުލަވައިލުމާ ގުޅިގެންނެވެ.
އެކަމާ ގުޅުވައި މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ކުރީގެ ވެރިކަންތަކުގައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލު ކުރި ނަމަވެސް ނިންމިފައިނުވާ ނިންމުމެއް ކަމަށެވެ.
އެގޮތުން، ލޯކަލް ބޭންކިން ނިޒާމުގައި ޑޮލަރު ހިފެހެއްޓުން ވަރަށް މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ އިމްޕޯޓަށް ފައިސާ ދެއްކުމާއި ބޭރުގެ ދަރަނިތައް ދެއްކުމާއި ކާޑުން ސެޓްލްމަންޓް ދެއްކުމާއި ރުފިޔާ ހަމައަކަށް އެޅުވުމާއި، އެމެރިކާ ޑޮލަރުގެ ކަޅު ބާޒާރު ނިމުމަކަށް ގެނައުމަށް ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ، ޑޮލަރުގެ ރަނގަޅު ރިޒާވެއް ލިބުމުން އިންފްލޭޝަން ކޮންޓްރޯލް ކުރެވޭނެ ކަމަށާއި އިގްތިޞާދީ ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.
މީގެއިތުރުން، އިގްތިޞާދު ރަނގަޅުވުމަށް ފަތުރުވެރިކަން ހިމެނޭހެން އިގްތިޞާދީ ހުރިހާ ދާއިރާއެއް ކުރިއަރަން ޖެހޭކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި، އެކަންތައް ރާއްޖޭން ރެގިއުލޭޓް ކުރަން ޖެހޭކަން ފާއިތުވި އަހަރުތަކުން ހާމެވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ގަވާއިދުތަކުގެ ސަބަބުން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަމުންދާ ބޭރު ފައިސާގެ ނިސްބަތް އިތުރުވެ އަދި ބޭންކިން ނިޒާމުން ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާގެ ނިސްބަތް އިތުރުކުރުމަށް މަގުފަހި ވެގެންދާނެ ަކމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުންޏެވެ.
މިކަމުގެ ސަބަބުން އެކްސްޗޭންޖް ރޭޓް ސިޔާސަތު ތަންފީޒުކުރުމަށް ޓަކައި އެމްއެމްއޭއިން ފޮރިން އެކްސްޗޭންޖް މާކެޓަށް ވިއްކަމުންދާ ބޭރުފައިސާގެ އަދަދު އިތުރުކުރުމަށް ވެސް މަގުފަހިވެގެން ދާނެކަމަށާއި ވަކިން ޚާއްސަކޮށް މި ގަވާއިދުތަކުގެ ސަބަބުން، ރައްޔިތުންނަށް ފައިދާތަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.