މަރުކަޒީ ބޭންކު، އެމްއެމްއޭއިން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ ރިސާޗް ކޮންފަރެންސެއް ފަށައިފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެމްއެމްއޭގެ އެންމެ ފުރަތަމަ ރިސާޗް ކޮންފަރެންސްގައި ކީނޯޓާއި ޕެނަލް ޑިސްކަޝަންތަކާއި ދިރާސީ ކަރުދާސްތައް ހުށަހެޅުމުގެ އިތުރުން ވޯކްޝޮޕްތައް ވެސް ކުރިއަށް ދާނެއެވެ.
އެމްއެމްއޭ ރިސާޗް ކޮންފަރެންސްގެ މި އަހަރުގެ ތީމަކީ "އިގްތިސާދީ ދިރާސާތައް ފުޅާކުރުމުގައި ދެމެހެއްޓެނިވި ކުރިމަގަކަށް ސިޔާސަތުތައް ބައްޓަންކޮށް އީޖާދުކުރުން" އެވެ.
މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ގައުމީ ޔުނިވަސިޓީ، އެމްއެންޔޫ ޗާންސެލަރު ޑރ. މަހްމޫދު ޝައުގީ އެވެ.
އެމްއެމްއޭއިން ބުނީ، މި ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ދިރާސާވެރިންނާއި މާލީ އިދާރާތަކުގެ ބޭފުޅުންނާއި އިގްތިސާދީ އަދި ފައިނޭންޝަލް ޓެކްނޮލޮޖީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއް ބައިވެރިވި ކަމަށެވެ.

އެމްއެމްއޭގެ ފުރަތަމަ ރިސާޗް ކޮންފަރެންސް ފެށުން -- ފޮޓޯ/ އެމްއެމްއޭ
މިއަދުގެ ފުރަތަމަ ސެޝަންގައި ގަވަރުނަރު އަހްމަދު މުނައްވަރުގެ އިތުރުން، އެމްއެންޔޫ ޗާންސެލަރު ޝައުގީ އަދި ރިޒާވް ބޭންކް އޮފް އިންޑިއާގެ ޑެޕިއުޓީ ގަވަރުނަރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ގަވަރުނަރު މުނައްވަރުގެ ވާހަކައިގައި ރަނގަޅު ސިޔާސަތުތަކެއް ބައްޓަންކުރުމަށް ހަރުދަނާ ދިރާސާތަކެއް ކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލެއްވިއެވެ.
ޝަރަފުވެރި މެހެމާންގެ ވާހަކަފުޅުގައި ރާއްޖޭގެ އެކި އިދާރާތަކުން އިގްތިސާދީ ދިރާސީ މަސައްކަތްތައް ކުރުމުގައި ގުޅިގެން އުޅުމަށާއި ބޭނުންވާ ކުރިއެރުން ހޯދުމަށް މަގު ކޮށޭނީ އޭރުން ކަމުގައި ވިދާޅުވިއެވެ.
މި ރިސާޗް ކޮންފަރެންސްގައި ވަނީ އެމްއެމްއޭ ރިސާޗް ފަންޑް އިފްތިތާހުކޮށްފައެވެ. މި ފަންޑް އިފްތިތާހު ކުރެއްވީ އެމްއެންޔޫ ޗާންސެލަރު މަހްމޫދު ޝައުގީއެވެ.

އެމްއެމްއޭ ރިސާޗް ފަންޑް އިފްތިތާހު ކުރުން -- ފޮޓޯ/ އެމްއެމްއޭ
އެމްއެމްއޭގެ މި ފަންޑުގެ އަމާޒަކީ ދިރާސާތައް ކުރުމަށް ހިތްވަރުދީ ދިރާސާ ކުރާ ފަރާތްތަކަށް ފަހި މާހައުލެއް ބިނާކުރުމެވެ. މި ފަންޑު އެމްއެމްއޭ އިން ފަށާފައިވަނީ އެއް މިލިއަން ރުފިޔާއާއެކުއެވެ. އަދި މި ފަންޑަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މިއަދު ދެ އެމްއޯޔޫ އެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ. އެއީ އިގްތިސާދީ ދިރާސާތައް ކުރިއެރުވުމަށާއި ތައުލީމާއި އީޖާދުކުރުމުގެ ދާއިރާއިން އެކުގައި މަސައްކަތްކުރުމަށް މެލޭޝިއާގެ ޔުނިވަސިޓީ އިސްލާމް ސެލަންގޫރާއެކު ސޮއި ކުރި އެއްބަސްވުމާއި ދެމެހެއްޓެނިވި ކުރިމަގަކަށް ދިރާސާތައް ފުޅާކުރުމާއި އީޖާދީ އުފެއްދުންތައް ކުރިއެރުވުމަށް ދިރާގާއެކު ސޮއިކުރި އެއްބަސްވުމެވެ.

ރިސާޗް ކޮންފަރެންސްގައި ވަނީ ދެ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައި -- ފޮޓޯ/ އެމްއެމްއޭ
ރިސާޗު ކޮންފަރެންސްގައި ކުރިޔަށް ގެންދިޔަ ޕެނަލް ޑިސްކަޝަންވަނީ އެމްއެމްއޭގެ ސޯޝަލް މީޑިއާގައި ލައިވް ކޮށްފައެވެ. މި ޕެނަލްގައި ރާއްޖެއާއި ބޭރުގެ އިގްތިސާދީ އަދި ފިންޓެކް ތަޖުރިބާކާރުން ބައިވެރިވިއެވެ.
ފުރަތަމަ ޕެނަލް ޑިސްކަޝަން ފައިނޭންޝަލް ޓެކްނޮލޮޖީ އަށް ޚާއްސަކުރިއިރު، ދެވަނަ ސެޝަންގައި މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތަ އުފެއްދުމުގައި ދުނިޔެއަށް އަންނަ ބަދަލުތަކާއެކު ރާއްޖެފަދަ ގައުމުތަކަށް ކުރާ އަސަރުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރިއެވެ.

ރިސާޗު ކޮންފަރެންސްގައި ކުރިޔަށް ގެންދިޔަ ޕެނަލް ޑިސްކަޝަން -- ފޮޓޯ/ އެމްއެމްއޭ
ރިސާޗް ކޮންފަރެންސްގައި ތިން ދިރާސާ ކަރުދާހެއް ވެސް ހުށަހެޅުނެވެ. އެ ގޮތުން ފުރަތަމަ ކަރުދާހުގައި އަލިއަޅުވާލައިފައިވަނީ އާމްދަނީގެ ފަރަގާއި ރާއްޖޭގެ އެކި ހިސާބުތަކުގައި އިންފްލޭޝަންގެ ހުރި ތަފާތަކާ ބެހޭގޮތުންނެވެ. ދެވަނަ ކަރުދާހުގައި ޖީއެސްޓީގެ ސަބަބުން އަގުތަކަށް އަންނަ ބަދަލުތަކަށް އަލިއަޅުވާލާފައިވާއިރު، ތިންވަނަ ކަރުދާހަކީ މާލޭގެ ކުލީގެ އަގުތަކާ ބެހޭގޮތުން އެކުލަވާލައިފައިވާ ދިރާސާ ކަރުދާހެކެވެ.
މި ކޮންފަރެންސްގެ ބައެއް ވޯކްޝޮޕްތައް މާދަމާ ކުރިއަށްގެންދާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.