ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ވަކި ރޭޓަކުން ރާއްޖޭގެ ބޭންކަކުން ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގަވާއިދެއް މިއަދު އެކުލަވައިލައިފިއެވެ.
މިރޭ ގެޒެޓުގައި ޝާއިއުކުރި މި ގަވާއިދުގައި ވާގޮތުން، ކެޓަގަރީ އޭގައި ހިމެނޭ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ކޮންމެ މަހެއްގެތެރޭ އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން އެމަހެއްގައި އައިސްފައިވާ ޖުމުލަ ފަތުރުވެރިންނަށް ޖެހޭ އަދަދު އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަށް މާރުކުރަން ވާނެއެވެ.
އަދި ކެޓަގަރީ ބީގައި ހިމެނޭ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ވެސް މިފަދައިން ޑޮލަރު މާރުކުރަން ޖެހެއެވެ. ނަމަވެސް، މި ކެޓަގަރީން މާރުކުރަން ޖެހެނީ 25 ޑޮލަރެވެ.
އޭ ކެޓަގަރީގައި ހިމެނެނީ ގްރީން ޓެކްސް ދައްކަންޖެހޭ ޓޫރިސްޓުން އަންނަ ތަންތަނުގެ ތެރޭގައި ހިމެނޭ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި އިންޓަގްރޭޓެޑް ޓޫރިސްޓު ރިޒޯޓުތަކާއި ރިޒޯޓު ހޮޓާތަކެވެ.
ބީ ކެޓަގަރީގައި ހިމެނެނީ ގްރީންޓެކްސް ދައްކަންޖެހޭ ޓޫރިސްޓު ގެސްޓްހައުސް ތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނެވެ.
މި ގަވާއިދުގައިވާ ގޮތުން އޮތޯރިޓީއަށް ހުށަހަޅައިގެން ވަކި ހާލަތެއްގައި މަދުން ޑޮލަރު މާރުކުރުމުގެ ހުއްދަ ދޭނެއެވެ.
ބޭރު ފައިސާ މަދުން މާރުކުރަން ހުއްދަދެވޭނީ ކަނޑައަޅާފައިވާ މިންވަރަށް ޑޮލަރު މާރުކޮށްގެން ތިރީގައިވާ އިލްތިޒާމުތަކުގެ ތެރެއިން އެއްވެސް އިލްތިޒާމެއް އަދާކުރަން ޑޮލަރު ނުހުންނާނެކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ ނަމައެވެ.
- ބޭރު ފައިސާއިން އަދާކުރަންޖެހޭ ޓެކްސް
- މާލީ އިދާރާއަކަށް ބޭރު ފައިސާއިން އަދާކުރަން ޖެހިފައިވާ ލޯނު
- ކޯޓު ހުކުމެއްގައި ދެއްކުމަށް ކަނޑައަޅާފައިވާ ބޭރު ފައިސާގެ އިލްތިޒާމުތައް
- އޮތޯރިޓީން ހުއްދަދޭ އެހެން ވެސް ބޭރު ފައިސާގެ އިލްތިޒާމުތައް
މި ގަވާއިދާ އެއްގޮތައް އަމަލު ނުކޮށްފިނަމަ 5،000 ރުފިޔާ އާއި މިލިއަން ރުފިޔާއަ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ.
comment ބެރީ
6 month 2 week ago
ބޫޓާންގައި މާކުރިއްސުރެ މިކަހަލަ ގޮތަކަށް އޮވޭ. އަހަރެން މިވާހަކަ ދެއްކިން ކިތައްމެ މީހެއް ކާރި. ނަމަވެސް އާދައިގެ މީހަކަސް ވާތީ ސަމާލުކަމެއް ނުލިބުނީ.
comment ކަޑަބޮއް ސައިދު
6 month 2 week ago
ޝުކުރިއްޔާ ގައުމަށް
comment ބަލްމީ
6 month 2 week ago
ދެން ރިޒޯޓުތަކުން ބުނާނީ އެރަށަށް އައީ މީހަކާ ފަޅިޔެކޭ ތޯއްޗެއް.
comment ޢެނަލިސްަޓް
6 month 2 week ago
ފުރަތަމަ ފަހަރަށް އެކުސްޗޭންޖް ރެގިއުލޭޓް ކުރަން ފެށުން. ވަރަށް އަވަހަށް މިކަމުގެ ސަބަބުން އައްނަބަދަލު ފެންނަން ފަށާނެ.
comment ލަޠީފް
6 month 2 week ago
ޤައުމަށް އެންމެ ފައިދާހުރި އެއްގޮތް މިއީ. މާރުކުރުމުން ލިބޭނެ ގެއްލުމެއް އެފަރާތަކަށްވެސް ނެތް. ބުލެކްމާކޭޓުން އޭރުން ގަތުން ބޮޑުތަނުން މަދުވެގެންދާނެ. ޤައުމު ދެކެ ލޯބިވުމަކީ މިއީ އިޤްތިޞާދު ކޮޅަށްޖެހުމަށް ރައީސް ކުރައްވާ މަަސައްކަތްޕުޅަށް ދެވޭ ވަރަށްބޮޑު އެެއްބާރުލުމަކަށް ވެގެންދާނެ ކަމެއް.