ކަރަންޓު ސަބްސިޑީއަށް ކުރާ ހޭދަ މަދުކުރުމަށް ޓާގެޓެޑް ސަބްސިޑީ ނިޒާމަކަށް ބަދަލުކުރުން ވަރަށް މުހިންމު: އެމްއެމްއޭ

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު: ކަރަންޓު ސަބްސިޑީއަށް ކުރާ ހޭދަ މަދުކުރުމަށް ޓާގެޓެޑް ސަބްސިޑީ ނިޒާމަކަށް ބަދަލުކުރުން ވަރަށް މުހިންމު ކަމަށް އެމްއެމްއޭއިން ބުނެފައިވޭ --- ފޮޓޯ: އެމްއެމްއޭ

އަންނަ އަހަރު ކަރަންޓު ސަބްސިޑީއަށް ކުރާ ހޭދަ މަދުކުރުމަށް ޓާގެޓެޑް ސަބްސިޑީ ނިޒާމަކަށް ބަދަލުކުރުން ވަރަށް މުހިންމު ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން މިއަދު ބުނެފިއެވެ.

އެމްއެމްއޭއިން މިއަދު ވަނީ، އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ލަފާ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް ހުށަހަޅާފައެވެ.

އެ ކޮމިޓީއަށް ލަފާ ހުށަހަޅުއްވަމުން އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ރަޝްފާ ވިދާޅުވީ، އަންނަ އަހަރު ތެލާއި ކަރަންޓުގެ ސަބްސިޑީއަށް ކުރާ ހޭދަ ދަށްވާނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް މެދުއިރުމަތީގެ މަޝްރަހު ގޯސްވެ، ތެލުގެ އަގު އިތުރަށް މަތިވުމުގެ ހިރާސް އެބަ އޮތް ކަމަށެވެ.

އެ ފަދަ ހާލަތެއްގައި ތެލާއި ކަރަންޓު ސަބްސިޑީއަށް ކުރާ ހޭދައާއި ތެލުގެ ބިލުތައް ދެއްކުމަށް ރާއްޖޭގެ ރަސްމީ ރިޒާވުން ކުރަން ޖެހޭ ހޭދަ އިތުރުވެ، މާލީ އެހީއަށް ބަރޯސާވާ މިންވަރު އިތުރުވާނެ ކަމަށް ރަޝްފާ އަންދާޒާކުރެއްވިއެވެ.

މިއަދުގެ ކޮމިޓީގައި އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ރަޝްފާ ބަޖެޓާ ގުޅިގެން ހުރި ލަފާތައް ކިޔައިދެއްވަނީ --- ފޮޓޯ/ މަޖިލިސް

އެހެންވެ، އެ ހާލަތަށް ތައްޔާރުވުމަށް އަމަލުކުރަންވީ ގޮތުގެ ލަފާ އެމްއެމްއޭއިން ވަނީ ދީފައެވެ.

"އެހެންކަމުން ކަރަންޓު ސަބްސިޑީއަށް ކުރާ ހޭދަ މަދުކުރުމަށްޓަކައި، މިހާރު އަމަލުކުރަންދާ ސަބްސިޑީގެ ސިޔާސަތު ރިވިއުކޮށް، ޓާގެޓެޑް ސަބްސިޑީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ތަންފީޒުކުުރުން ވަރަށް މުހިންމު،" ރަޝްފާ ވިދާޅުވިއެވެ.

ކަރަންޓު ސަބްސިޑީ މަދުކުރުމަށް ލަފާދިންއިރު، މި އަހަރު ތެލާއި ކާޑުގެ ބާވަތްތަކަށް ކަނޑައެޅި ސަބްސިޑީ ބަޖެޓު ހުސްވެ، އިތުރަށް ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ހިސާބުތަކުން އެނގެއެވެ. އެގޮތުން، މި އަހަރަށް ކަނޑައެޅި 2.89 ބިލިއަން ރުފިޔާގެ ބަޖެޓުން ބޭރުން، 4.3 ބިލިއަން ރުފިޔާ ވަނީ ސަބްސިޑީއަށް ޚަރަދުކޮށްފައެވެ.

https://sun.mv/229125

މިދިޔަ މަހުގެ 29ގައި، ދައުލަތުން އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގެ ތަފުސީލު ހާމަކުރައްވަމުން ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވަނީ، ދިވެހީންނަށް އަގުހެޔޮކޮށް ކަރަންޓު ފޯރުކޮށްދިނުމުގެ މަގުސަދުގައި ދެމުންދާ ފިއުލް ސަބްސިޑީގެ ޚަރަދު މި އަހަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ފިއުލް ސަބްސިޑީގެ ގޮތުގައި މި އަހަރުގެ ނިޔަލަށް 3.8 ބިލިއަން ރުފިޔާ ޚަރަދު ވާނެކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް، އަންނަ އަހަރު ތެލުގެ އަގު ދަށްވާނެކަމަށް މާލީ އިދާރާތަކުން އަންދާޒާކުރާ ކަމަށް ޒަރީރު ވިދާޅުވިއެވެ. އެއާއެކު، އަންނަ އަހަރު ދައުލަތުން ފިއުލް ސަބްސިޑީއަށްކުރާ ޚަރަދު 3.2 ބިލިއަނަށް ދަށްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެމްއެމްއޭއާއި ބޭރުގެ އިދާރާތަކުން ވެސް މީގެ ކުރިން ވަނީ ރާއްޖޭގެ ސަބްސިޑީ ނިޒާމު އޮތީ ދެމެހެއްޓެނިވި ގޮތަކަށް ނޫން ކަމަށް ބުނެ، އެ ނިޒާމު އިސްލާހު ކުރުމަށް ލަފާދީފައެވެ.

އެ ލަފާގެ މަތިން، ދައުލަތުގެ ޚަރަދު ކުޑަކުރުމަށް މިދިޔަ އަހަރުގެ ބަޖެޓުގައި ހިމެނި ފިޔަވަޅުތަކުގެ ތެރޭގައި، ކަރަންޓާއި ކާބޯތަކެތި އަގުހެޔޮ ކުރުމަށް އެންމެނަށް ދޭ ސަބްސިޑީ، އެހީ ބޭނުންވާ މީހުންނަށް ދިނުމަށް ނުވަތަ ޓާގެޓެޑް ގޮތެއްގައި ދިނުމަށް ހިމެނިއެވެ. އެހެންނަމަވެސް، މިދިޔަ އަހަރުގެ ވަކި ހިސާބަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އިސްލާހުތައް ތަންފީޒު ނުކުރުމަށް ނިންމަވައިފައެވެ. އެއީ، ރައްޔިތުންނަށް ދެމުން އައި އެއްޗެއް އުނިނުކުރުމުގެ ގޮތުން ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް