ކެމިކަލް ގެންގުޅޭ ތަންތަން ރައްކާތެރިތޯ ބެލުމަށް ޚާއްސަ އޮޕަރޭޝަން ފަށައިފި

ކެމިކަލް ގެންގުޅޭ ތަންތަން ރައްކާތެރިތޯ ބެލުމަށް ޚާއްސަ އޮޕަރޭޝަނެއް ފެށުން ---- ފޮޓޯ/ ޑިފެންސް މިނިސްޓްރީ

ކެމިކަލް ގެންގުޅޭ ތަންތަނާއި ވިޔަފާރި ކުރާ ތަންތަން ރައްކާތެރިތޯ ބެލުމަށް 'ހިރާސް ފާސް'ގެ ނަމުގައި ޑިފެންސް މިނިސްޓްރީން މިއަދު އޮޕަރޭޝަނެއް ފަށައިފިއެވެ.

މިއަދު ފެށި މި އޮޕަރޭޝަން މި މަހުގެ 15ގެ ނިޔަލަށް ކުރިއަށް ދާއިރު، މި ހަރަކާތުގައި އެމްއެންޑީއެފްގެ އޮފިޝަލުން މިއަދު ހަރަކާތްތެރިވެފައިވެއެވެ.

ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، މި އޮޕަރޭޝަން ފެށުމަށް އެކަމުގައި ހަރަކާތްތެރިވާ ޓީމްތަކާ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު މިޒްނާ އަލީ ވަނީ ބައްދަލުކުރައްވާފައެވެ. އަދި، މިޒްނާ ވަނީ އޮޕަރޭޝަން ހިންގުމުގެ މުހިންމު ކަމާ ގުޅުވައި ޓީމުތަކާ ވާހަކަދައްކަވާފައެވެ.

އެ އޮޕަރޭޝަންގައި ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރި ކުރާ ތަންތަން ބަލައި ފާސްކުރުމަށް ހަމަޖެހިފައިވެއެވެ. މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، މާލެ ސަރަހައްދުގައި ފަސޭހައިން އަލިފާން ރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ވެސް މި އޮޕަރޭޝަންގެ ތެރެއިން ދެނެގަންނާނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިހާރު މާލޭގައި ކެމިކަލްގެ އެއްވެސް ބާވަތެއް ގުދަން ކުރުމަކީ މަނާކަމެކެވެ. އެކަމަށް ސަރުކާރުން ހުޅުމާލޭއިން ބިމެއް ހަމަޖައްސާފައިވާއިރު، އެގޮތަށް ނިންމީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 20ގައި ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއަކަށް ފަހުގައެވެ.

އެ ހާދިސާގައި ހަތަރު ކެމިކަލް ގުދަނަކާއި ހަ ގެއެއް އަނދައި، އަންހެނަކު ނިޔާވިއެވެ.

comment ކޮމެންޓް