ކަނޑުމަތީގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި ބޭނުންކުރަން ޖަޕާނު ސަރުކާރުން އެމްއެންޑީއެފް ކޯސްޓްގާޑަށް 79 މިލިއަން ރުފިޔާ (800 މިލިއަން ޔެން)ގެ ޒަމާނީ އާލާތްތައް މިއަދު ހަދިޔާކޮށްފިއެވެ.
އެ ތަކެތި ހަދިޔާކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކޭޗީ މިޑޯރީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނެވެ.

އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާކުރި ތަކެތި މިނިސްޓަރާއި ސަފީރު ބައްލަވާ ލައްވަނީ ---- ފޮޓޯ/ އެމްއެންޑީއެފް
އެމްއެންޑީއެފުން ބުނީ، ހަދިޔާކުރި ސާމާނަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި މީހުންގެ ފުރާނައާއި މުދާ ރައްކާތެރިކުރަން ލިބުނު އެހީއެއް ކަމަށެވެ.
ޑިފެންސް މިނިސްޓްރީން ބުނީ، ޖަޕާނު ސަރުކާރުން 800 މިލިއަން ޔެން (79.9 މިލިއަން ރުފިޔާ)ގެ އާލާތްތައް ހަވާލުކުރި ކަމަށެވެ.
އެ ރަސްމިއްޔާތުގައި ޣައްސާން ވިދާޅުވީ، އެ އާލާތްތަކާއެކު، އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑުމަތީގެ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަވަހަށް ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުވާނެ ކަމަށެވެ.
ޖަޕާނުން ގިނަ ގޮތްގޮތުން އެހީތަކެއް ފޯރުކޮށްދެއްވާކަން ފާހަގަކުރައްވައި، މިނިސްޓަރު ވަނީ އެ ގައުމުން އެމްއެންޑީއެފަށް ސާމާނުތަކެއް ހަދިޔާކުރީތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރާއި އޮޕަރޭޝަނަލް އާލާތްތަކާއި އެމްއެންޑީއެފް ކޯސްޓްގާޑުން ފޯރުކޮށްދޭ ޚިދުމަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ދެގުނަ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތް މިނިސްޓަރު ފާހަގަކުރެއްވިއެވެ.