ޓީޗަރުންގެ ދުޅަހެޔޮކަމަށްޓަކައި އިދާރީ މަސައްކަތްކުރާ ވަގުތު މަދުކުރަންޖެހޭ: މެޑަމް ސާޖިދާ

ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު، ހަތްވަނަ ބައިނަލްއަގްވާމީ މުދައްރިސުންގެ ކޮންފަރެންސްގައި ވާހަކަދައްކަވަނީ: ވިދާޅުވީ ޓީޗަރުންގެ ދުޅަހެޔޮކަމަށްޓަކައި އިދާރީ މަސައްކަތްކުރާ ވަގުތު މަދުކުރަންޖެހޭ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ޓީޗަރުންގެ ދުޅަހެޔޮކަމަށްޓަކައި އަދި ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، އިދާރީ މަސައްކަތްތަކުގައި ހޭދަކުރަންޖެހޭ ވަގުތުތައް މަދުކުރަންޖެހޭ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ އެފަދައިން ވިދާޅުވީ ހަތްވަނަ ބައިނަލްއަގްވާމީ މުދައްރިސުންގެ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަންގައި މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ ހަމަހަމަ ކަމާއެކު ތައުލީމު ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަން އެގޮތަށް ކުރުމަށް އެންމެހާ ޓީޗަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އެއްވެސް ކުއްޖަކު ބާކީކުރުމެއް ނެތި ތައުލީމު ފޯރުކޮށްދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.

އެކަން އެގޮތަށް ކުރުމަށްޓަކައި އެންމެ މުހިންމު އެއް ކަމަކީ ޓީޗަރުންގެ ދުޅަހެޔޮކަން ކަމަށް ސާޖިދާ ފާހަގަކުރެއްވިއެވެ. އެގޮތުން ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ޓީޗަރުން އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް މަދުކުރަން ޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.

ޓީޗަރުންގެ ކުރިއެރުމަކީ ދަރިވަރުންގެ ފެންވަރު ރަނގަޅުވުން. ފެންވަރު ރަނގަޅު ގިނަ ޓީޗަރުން އުފެދުމަކީ ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއަރައިގެންދިއުމަށް ލިބޭ ހިތްވަރެއް، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު

އެކަމަނާ ވިދާޅުވީ ކޮންމެ ކުއްޖަކަށްވެސް، އެ ކުއްޖެއްގެ ބެކްގްރައުންޑާއި ހާލަތަށް ބެލުމެއްނެތި، އެކުއްޖަކަށް ބޭނުންވާ ފަދަ ތައުލީމެއް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. އެގޮތުން ހަމަހަމަކަން ކަށަވަރުކުރުމަކީ ތައުލީމީ ދާއިރާ އަލިކޮށްދޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

އެކަމަނާ ވަނީ ތައުލީމީ ނިޒާމު ކުރިއެރުވުމަށްޓަކައި މުހިންމު ކަންތައްތަކެއްގެ ވާހަކަ ހިއްސާކުރައްވާފައެވެ.

އެގޮތުން ޓީޗަރުން ތަމްރީނު ކުރުމަށް ގިނަ ޕްރޮގްރާމްތައް ހިންގުމަކީ، ތައުލީމީ ގިނަ ދަރިވަރުންތަކެއް އުފެއްދުމަށް މުހިންމުކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އަދި ރާއްޖޭގައި އެންމެ އެކަށީގެންވާ ގޮތުގައި ތައުލީމު ފޯރުކޮށްދިނުމަށް ގިނަ ހިރާސްތަކެއް ކުރިމަތި ވީނަމަވެސް، ތައުލީމީ ދާއިރާއިން ރާއްޖެވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައި ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެގޮތުން ބައެއް ހިރާސްތައް ނައްތާލައި މައްސަލަތައް ހައްލުކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.

ތައުލީމީ ނިޒާމުގެ ޑިޖިޓަލައިޒްކުރުމަކީ އެއްވެސް ކުއްޖެއް ބާކީނުކުރާ ނިޒާމެއް ބިނާކުރުމަށް މުހިންމު ކަމެއް. މިއީ ތައުލީމު ދިނުމުގެ ފެންވަރު މަތިކޮށް، ހުރިހާ ތައުލީމު ފޯރުކޮށްދެވޭކަން ޔަގީންކުރެވޭނެ، ހުރިހާ ކުދިންނަށް އޭގެއިން ފައިދާވާނެ ކަމެއް، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު

"އެޑިއުކޭޓް، އެމްޕަވާ، އެލިވޭޓް: އިކުއަޓަބަލް އެޑިއުކޭޝަން ފޯ ޓްވެންޓީ ފަސްޓް ސެންޗަރީ އެޑިއުކޭޝަން އެކްސެލެންސް"ގެ ނަމުގައި ކުރިއަށްގެންދިޔަ މި ކޮންފަރެންސްގައި އުނގަންނައިދޭ ފަރާތްތަކާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި ސްޓޭކްހޯލްޑަރުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެފައެވެ.

comment ކޮމެންޓް