ދިރާގު: މުވާސަލާތީގޮތުން ރާއްޖެ ގުޅުނުތާ 36 އަހަރު

ދިރާގު ހެޑް އޮފީސް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މުވާސަލާތީގޮތުން ރާއްޖެ ގުޅުވާލުމުގެ މަގުސަދުގައި ދިވެހި ރާއްޖޭގެ ގުޅުން (ދިރާގު) ވުޖޫދުވެ, ޚިދުމަތްދޭން ފެށިތާ މިއަދަށް މިވަނީ 36 އަހަރުވެފައެވެ. މި 36 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގެ މުވާސަލާތީ ދާއިރާއަށް އީޖާދީ ބަދަލުތަކެއް ގެނެސް، ގިނަ ޚިދުމަތްތަކެއް ތައާރަފުކޮށްފައެވެ. މި ޚިދުމަތްތަކާ އެކު ދިރާގުން ވަނީ އެތައް ބައެއްގެ ދިރިއުޅުން އިތުރު ހަރުފަތަކަށް ގެންގޮސްދީ ލުއިފަސޭހަ ކޮށްދީފައެވެ.

ދިވެހި ރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް ރާއްޖޭގައި ރަޖިސްޓްރީކުރީ 1988ވަނަ އަހަރުގެ މޭ މަހުގެ 16ވަނަ ދުވަހުއެވެ. މި ކުންފުނިން މުވާސަލާތީ ޚިދުމަތް ދޭން ފެށީ ހަމަ އެ އަހަރުގެ އޮކްޓޯބަރު އެއްވަނަ ދުވަހުއެވެ. އެއާއެކު ރާއްޖޭގެ ފުރަތަމަ ޓެލެކޮމިއުނިކޭޝަންގެ ކުންފުނީގެ ޚިދުމަތްތައް އުފަންވިއެވެ.

ދިރާގަކީ ދިވެހި ސަރުކާރުން 55 ޕަސަންޓު ހިއްސާވާ ކުންފުންޏެކެވެ. ބާކީ 45 ޕަސަންޓު ހިއްސާވަނީ އިނގިރޭސި ކުންފުންޏެއްކަމުގައިވާ ކޭބަލް އެންޑް ވަޔަލެސްއެވެ.

ދިރާގު ހެޑް އޮފީސް: -- ފޮޓޯ: ދިރާގު

ނަމަވެސް، ފަހުން މި ކުންފުންޏަކީ އާންމުންގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ގޮތުގައި ބަދަލުކުރިއެވެ. މިހާރު ދިރާގުގައި ސަރުކާރުގެ 41.8 ޕަސަންޓު ހިއްސާ އޮންނައިރު، މި ކުންފުނީގެ 52 ޕަސަންޓު ހިއްސާ އޮންނަނީ ބަހްރެއިނުގެ ޓެލެކޮމިއުނިކޭޝަން ކުންފުންޏެއްކަމުގައިވާ ބަޓެލްކޯގައެވެ. އަދި, ބާކީ 6.2 ޕަސަންޓަކީ އާންމު ހިއްސާދާރުންގެ ހިއްސާއެވެ.

36 އަހަރު ޚިދުމަތުގައި، ކާމިޔާބީގެ ވާހަކަ

ދެކުނުގެ އަތޮޅުތައް ގުޅުވައިލުމަށް ދިރާގުން ބޭނުންކުރާ އެއްގަމު މައިކްރޯވޭވް ލިންކަކީ މުޅި ދުނިޔޭގައި ވެސް ބޭނުންކުރާ މިފަދަ އެންމެ ދިގު އެއް ލިންކެވެ. މި މައިކްރޯވޭވް ލިންކުގެ ދިގުމިނުގައި 65 ކިލޯމީޓަރު ހުންނައިރު، މި ލިންކުން ފުވައްމުލަކު ސިޓީއާއި ގއ. އަދި ގދ. އަތޮޅު ގުޅުވައިދެއެވެ.

ދިރާގުން ހާސިލްކޮށްފައިވާ އުސްއަލިތައް:

  • 1996ވަނަ އަހަރު ދިވެހި ނެޓުގެ ނަމުގައި ރާއްޖެއަށް ފުރަތަމަ އިންޓަނެޓް ތައާރަފުކުރުން
  • 1997ވަނަ އަހަރު މޯބައިލް ފޯނުގެ ޚިދުމަތް ތައާރަފުކުރުން

މީގެ އަހަރުތަކެއް ކުރިން ސަމްސަންގުގެ ފަހުގެ ދެ ފޯނު ރާއްޖޭގައި ތައާރަފް ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

  • 2000ވަނަ އަހަރު ކޯލް ސެންޓަރެއް ގާއިމްކޮށް، 24ގަޑިއިރު ޚިދުމަތްދޭން ފެށުން
  • 2002ވަނަ އަހަރު އޭޑީއެސްއެލް އިންޓަނެޓްގެ ޚިދުމަތް ތައާރަފުކުރުން
  • ރާއްޖެއާއި ސްރީ ލަންކާއާ ދެމެދު ސަބްމެރިން ކޭބަލެއް ގާއިމްކުރުން
  • 2009ވަނަ އަހަރު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިފުތިތާހުކުރުން
  • 2011 ހައިސްޕީޑް ނެޓްވޯކް ރޯލްއައުޓް ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި އިފުތިތާހު ކުރުން
  • 2014 4ޖީ އެލްޓީއީ ޚިދުމަތް ތައާރަފުކުރުން
  • 2015 ދިރާގު ޓީވީގެ ޚިދުމަތް ތައާރަފުކުރުން

ދިރާގު ޓީވީ: ފަޔާޒް މޫސާ

  • މާލެ އަދި ހުޅުމާލެއަށް 100 އެމްބީޕީއެސްއާ ހަމައަށް ފައިބާ ބްރޯޑްބޭންޑް ޚިދުމަތް ތައާރަފުކުރުން
  • 2018 4ޖީ ނެޓްވޯކުން މުޅި ރާއްޖެ ގުޅާލުން
  • 2021 ރާއްޖޭގެ އެންމެ ޚިދުމަތް އަވަސް ނެޓްވޯކުގެ އެވޯޑު އޫކްލާއިން ދިނުން
  • 2024 އޭޝިއަން ޓެލެކޮމް އެވޯޑްސް 2024ގައި މޯލްޑިވްސް ބްރޯޑްބޭންޑް ޓެލެކޮމް ކޮމްޕެނީ އޮފް ދަ އިޔާ އެވޯޑު ލިބުން

ދިރާގުގެ ފަރާތުން މުޖުތަމައަށް ފައިދާހުރި އެތައް ޚިދުމަތެއް

ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން ގައުމުގެ ތަރައްގީއަށާއި މުޖުތަމައުގެ އުފަލާއި ތިމާވެށީގެ ދުޅަހެޔޮކަމަށް ދަނީ އެތައްކަމެއް ކޮށްދެމުންނެވެ. އެގޮތުން، އަހަރަކު ވެސް ހަމަޖެހިފައިވާ ނިޒާމެއްގެ ތެރެއިން ތައުލީމު ކުރިއެރުވުމަށާއި، ސިއްހީ ދާއިރާ ކުރިއެރުވުމަށާއި، އަންހެނުން ބާރުވެރި ކުރުވުމަށާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީވުމަށް އަދި ތިމާވެށި ރައްކާތެރިކުމާއި މީގެ އިތުރުން ވެސް އެތައް ކަމެއް ކުރުުމަށް އެހީތެރިވެދެއެވެ.

މިދިޔަ އަހަރު ދިރާގު ސީއެސްއާރުގެ ދަށުން ހިންގި ފާހަގަކޮށްލެވޭ ހަރަކާތްތަކަށް ބަލާއިރު:

  • ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް: މިދިޔަ އަހަރު ބޭއްވި މި ޕްރޮގްރާމުގައި 13 ދަރިވަރުން ބައިވެރިވިއެވެ. މި ޕްރޮގްރާމުގައި ވަޒީފާއަށް އަލަށް ނުކުންނަ ޒުވަނުން ތަމްރީނުކޮށް، ދިރިއުޅުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދެއެވެ.
  • އަވާ އޮފް ކޯޑް 2023: އެޑިއުކޭޗަން މިނިސްޓްރީ، ވިމެން އިން ޓެކް މޯލްޑިވްސް އަދި އެންޖީއޯތަކާ ގުޅިގެން 19 އަތޮޅެއްގައި 1،800 ދައިވަރުންނަށް ދިރާގުން މިދިޔަ އަހަރު ވަނީ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމުގައި ކޮމްޕިއުޓާ ސްއިންސާއި ކޯޑިންއާ ބެހޭ މުހިންމު މައުލޫމާތުތައް ދަސްކޮށްދީފައި ވެއެވެ.
  • ރަމަޒާން އެއިޑް: މަމްސް އެއިޑާ ގުޅިގެން ދިރާގުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި 100 އަށްވުރެ ގިނަ އާއިލާއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
  • މޯލްޑިވްސް ފޯ ދި އޯޝަން: ޕާލޭ މޯލްޑިވްސްއާ ގުޅިގެން ދިރާގުން މިދިޔަ އަހަރު ވަނީ "މޯލްޑިވްސް ފޯ ދި އޯޝަން"ގެ ނަމުގައި ގޮނޑުދޮށްތައް ސާފު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ރާއްޖޭގެ އެކި ސަރަހައްދުތައް ސާފުކުރި އިރު، ދިރާގުގެ 65 ވޮލެންޓިއަރުން ބައިވެރިވެފައިވެއެވެ.

އައްޑޫގައި ބޭއްވި ލީން ސްޓާޓްއަޕް ހަރަކާތުގެ ބައިވެރިން: އެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް ސްޕާކްހަބްއިން ބުނޭ -- ފޮޓޯ/ ދިރާގު

  • ލީން ސްޓާޓްއަޕް މޯލްޑިވްސް 2023: ރާއްޖޭގެ އެންޖީއޯއެއް ކަމަށްވާ ސްޕާކްހަބާ ގުޅިގެން ދިރާގުން މިދިޔަ އަހަރު ވަނީ އަމިއްލަ މަސައްކަތް ކުރާ 47 ޒުވާނުންނަށް ސެޝަންތަކެއް ބާއްވާ އެމީހުންގެ މަސައްކަތުގައި ބޭނުންވާނެ އެއްޗެހި ހަދިޔާކޮށްފައެވެ.

ދިރާގުން މިހާރު ފަށާފައިވާ އެންމެ މުހިންމު އެއް ކެމްޕެއިންކީ "ކުރިއެރުމަށް"ގެ ނަމުގައި ފަށައިފައިވާ ކެމްޕެއިނެވެ. މި ކެމްޕެއިނަކީ ޒުވާނުންގެ ހުވަފެންތަކާއި ހުނަރު ދައްކުވައިދޭ ކެމްޕެއިނެކެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ދިރާގުން ދެނީ ފުރިހަމަ ޚިދުމަތެއްގެ ޔަގީންކަން

ދިރާގުން ދެނީ ކުރިއަށްއޮތްތަނުގައި ވެސް އެ ކުންފުނިން ދޭ ޚިދުމަތްތައް މިހާރެކޭ އެއްގޮތަށް ދޭނެކަމުގެ ޔަގީންކަމެވެ. އިންޓަނެޓާއި ޓެލެކޮމިއުނިކޭޝަނުގެ އިތުރުން އެ ކުންފުނިން ދަނީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމާއި ޒުވާނުންނާ ގުޅޭ ކަންކަމުގައި ވެސް އިސް ރޯލެއް އަދާކުރަމުންނެވެ.

އެހެންކަމުން ދިރާގުގެ 36 އަހަރުގެ ޚިދުމަތުގައި އެ ކުންފުނި ވަނީ އެތައް ގޮތަކުން ރާއްޖެއަށް އީޖާދީ ބަދަލުތައް ގެނެސްދީފައެވެ. އެތައް ބައެއްގެ މޫނަށް ހިނިތުންވުން ގެނުވަދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް