ރާއްޖޭގައި ދަރިވަރުންނަށް އަމާޒުކޮށްގެން ފުރަތަމަ ފަހަރަށް ތަޢާރަފުކުރެވޭ ބިޒްނަސް އިންކިއުބޭޓާ ޕްރޮގްރާމް "ވީއިގްނައިޓް"ގެ ޕާޓްނާޝިޕް އެއްބަސްވުމުގައި ދިރާގުން ވިލާ ކޮލެޖާއިއެކު ސޮއިކޮށްފިއެވެ.
ދިރާގުން ބުނީ ވިލާ ކޮލެޖްގެ ސެންޓާ ފޯ އިނޮވޭޝަން އެންޑް އެންޓަޕްރިނިއާޝިޕް ޑިވެލޮޕްމަންޓް (ސީއައިއީޑީ) ގެ ދަށުން ތާރަފުކުރެވޭ މި ވިޔަފާރި އިންކިއުބޭޓާ ޕްރޮގްރާމަކީ އަލަށް ފަށާ ސްޓާޓްއަޕްތަކާއި ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އަދި މި ޕްރޮގްރާމްގެ ދަށުން އެފަރާތްތަކަށް އަމަލީ މެންޓާޝިޕާއި ވިޔަފާރި ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަމާއި މުހިންމު ވަސީލަތްތަކަށް ވާސިލުވުމުގެ ފުރުސަތު ލިބިދޭކަން ދިރާގުން ވަނީ ފާހަގަކޮށްފައެވެ.
އެކަމުގެ ސަބަބުން އައު އީޖާދީ ވިޔަފާރީގެ ހިޔާލުތައް ތަރައްގީކޮށް ރާއްޖެއާއި ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި އަސަރެއް ކުރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ދިރާގުން ވަނީ ބުނެފައެވެ.
ދިރާގުން ވަނީ އެ ކުންފުނީގެ (ސީއެސްއާރު) ޕްރޮގްރާމްގެ ދަށުން، ކުންފުނިން އިންކިއުބޭޓަރަށް މަތީ ސްޕީޑްގެ ޑިޖިޓަލް ކަނެކްޓިވިޓީ ފޯރުކޮށްދޭނެކަމަށާއި މުހިންމު ހަރަކާތްތަކަށް މާލީ އެހީތެރިކަން ވެސް ފޯރުކޮށްދޭނެ ކަމަށެވެ. އަދި ދިރާގުގެ ހުނަރުވެރި މުވައްޒަފުން މި ޕްރޮގްރާމްގައި މެންޓަރުންނާއި ލަފާދޭ ފަރާތްތަކުގެ ގޮތުގައި ޚިދުމަތްކުރާނެ ކަމަށާއި މި ޕްރޮގްރާމްގެ އެޑްވައިޒަރީ ބޯޑުގައި ވެސް ބައިވެރިވާނެކަން ދިރާގުން ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގެ މުސްތަގްބަލު ބައްޓަންކުރުމުގައި ހިއްސާކުރާނެ ޖީލެއް ބިނާކުރުމަށް ވިލާ ކޮލެޖްގެ 'ވީއިގްނައިޓް' އިންކިއުބޭޓާ ޕްރޮގްރާމާއެކު މަސައްކަތްކުރުމަށް ލިބުނު ފުރުސަތާމެދު އަޅުގަނޑުމެން އުފާކުރަން. މި ޕާޓްނާޝިޕްއިން ދައްކުވައިދެނީ ރާއްޖޭގެ ހުނަރުވެރިން އުފެއްދުމާ ވިޔަފާރި ކުރިއެރުވުމާ ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށް ދިރާގުން ދެމުންގެންދާ ސަމާލުކަމާއި އިލްތިޒާމް ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު
އަޅުގަނޑުމެންގެ ވިޔަފާރި އިންކިއުބޭޓާ ޕްރޮގްރާމަކީ ރާއްޖޭގައި ކާމިޔާބު އުފެއްދުންތެރި ވިޔަފާރީގެ ވެށްޓެއް ތަރައްގީކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅު. މި ތަސައްވުރު ހަގީގަތަކަށް ހެދުމުގައި މުހިންމު ދައުރެއް އަދާކުރާ ދިރާގުގެ އެހީތެރިކަމަށްޓަކައި އަޅުގަނޑުމެން ޝުކުރު އަދާކުރަން. ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރު
ދިރާގުން ބުނީ މި ޕްރޮގްރާމް ފުރަތަމަ އަމާޒުކުރެވޭނީ ވިލާ ކޮލެޖުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ކަމުގައިވީ ނަމަވެސް ފަހުން މުޅި ގައުމުގައި އައު އީޖާދުތަކާއި އިގްތިސާދީ ކުރިއެރުން ގެނައުމަށް ޓަކައި ރާއްޖޭގެ ސްކޫލުތަކާއި ކޮލެޖުތަކާއި އަދި މުޖުތަމައުތަކަށް ފުޅާކުރާނެކަމަށެވެ.
ވިލާ ކޮލެޖުގެ ވީއިގްނައިޓް އިންކިއުބޭޓާ ޕްރޮގްރާމަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަން، ވިމެން އިން ޓެކް މޯލްޑިވްސް، ސްޕާކްހަބް، ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)، އޮކްސިކާ ޕްރައިވެޓް ލިމިޓެޑް، ކަނޑުފަ ފައުންޑޭޝަން، އަދި ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ފަދަ ސިނާޢީ ފަރާތްތައް ހިމެނެއެވެ.
ޒުވާނުން ބާރުވެރިކުރުވުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމުގެ މައިގަނޑު އަމާޒުތަކުގެ ތެރެއިން އެއް އަމާޒެވެ.