ސައުދީއިން ލުބުނާނަށް ސިއްހީ އަދި އިންސާނީ އެހީތެރިކަން ދެނީ

ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު -- ފޮޓޯ: އޭޕީ

ލުބުނާނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއިލުން ފަށާފައިވާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ސިއްޙީ އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސައުދީ އަރަބިއްޔާއިން ނިންމައިފިއެވެ.

ލުބުނާންގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 800އަށް ވުރެ އިތުރުވެފައެވެ. މި ހަމަލާތަކުގައި ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް ހިޒުބުއްﷲގެ ވެރިޔާ ޙަސަން ނަޞްރުﷲ ވެސް ވަނީ އަވަހާރަކޮށްލައިފައެވެ.

ސައުދީގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ލުބުނާނުގެ އިސްތިޤްލާލާއި ސަރަޙައްދީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ޓަކައި، އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ހަމަލާތައް ހުއްޓުމަށް ސައުދީއިން ވަނީ ގޮވާލައިފައެވެ.

މި ބަޔާނުގައި ސައުދީ ސަރުކާރުން ވަނީ ހަނގުރާމައިގެ ހިތާމަވެރި ވަގުތުތަކުގައި އެ ސަރަހައްދާއި ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ބައިނަލްއަގްވާމީ މުޖުތަމައުގެ ޒިންމާތައް އަދާ ކުރުމަށް ވެސް ގޮވާލަ އެވެ.

ލުބުނާނުގެ ރައްޔިތުންނަށް ކުރިމަތިވެފައި މި ހިތާމަވެރި ހާލަތުގައި، އެ ރައްޔިތުންނަށް ސިއްޙީ އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސައުދީ ސަރުކާރުން އިރުޝާދުތަކެއް ނެރެފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ލުބުނާނުގެ އިތުރުން ބެއިރޫތަށް ވެސް އެކި ވަރުގެ ބޮމުގެ ހަމަލާތައް އިސްރާއިލުން ދީފައިވާއިރު، އިސްރާއީލު އަސްކަރިއްޔާއިން ބުނީ އެ މީހުންގެ ޓާގެޓަކީ ހިޒްބުﷲގެ ކޮމާންޑް ސެންޓަރާއި ހަތިޔާރު ގުދަން ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އެއްވެސް ހެއްކެއް އެ މީހުންނަށް މިހާތަނަށްވެސް ދެއްކިފައެއް ނުވެއެވެ.

comment ކޮމެންޓް