ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލައިގަންނަ ޝަރަފުވެރި އޮސްކާ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ބޭރު ފީޗާ ފިލްމު ކެޓަގަރީއަށް އިނގިރޭސިވިލާތުން ހިންދީ ފިލްމެއް ހުށަހަޅަން ނިންމައިފިއެވެ.
އަންނަ އަހަރު ބާއްވާ 97 ވަނަ އޮސްކާ އެވޯޑަށް އިނގިރޭސިވިލާތުން ހުށަހަޅަން ނިންމި ފިލްމަކީ، އިނގިރޭސިވިލާތާއި އިންޑިއާއާއި ފްރާންސްގެ އިތުރުން ޖަރުމަނުގެ ފިލްމު ކުންފުނިތަކެއް ގުޅިގެން އުފެއްދި ކްރައިމް ޑްރާމާ "ސަންތޯޝް"އެވެ.
މި ފިލްމު އުފެއްދުމުގައި ހިއްސާވާ އިންޑިއާގެ ދަރިކޮޅުގެ ޑައިރެކްޓަރަކީ ސަދިއާ ސޫރީއެވެ. ފިލްމު "ސަންތޯޝް"އަކީ ސަދިއާ ލިޔެ ޑައިރެކްޓްކުރި އޭނާގެ އަލަތު ފީޗާ ފިލްމެވެ. މި ފިލްމު އޮސްކާއަށް ހުށަހެޅުމަށް ނިންމާފައިވާއިރު މި އަހަރުގެ ކާންސް ފެސްޓިވަލުގައި ފިލްމު ޕްރީމިއާކުރުމާ އެކު ވަރަށް ގިނަ ބައެއްގެ ތައުރީފު ފިލްމަށް ވަނީ ލިބިފައެވެ.
މި ފިލްމުގެ ލީޑް ރޯލް ކުޅެފައިވަނީ ބައެއް ފިލްމުތަކުންނާއި ވެބް ސީރީޒްތަކުން ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ބަތަލާ ޝަހާނާ ގޮސްވާމީއެވެ. މީގެ އިތުރުން، ފިލްމުގެ ވަރަށް ޚާއްސަ ރޯލަކުން ބައެއް ޓީވީ ސީރީޒްތައް ކުޅެފައިވާ ފިލްމީ ތަރި ސުނީތާ ރާޖްވާރު ފެންނާނެއެވެ.
މިއީ ޒިންމާދާރު ފުލުހެއްގެ ކޮންސްޓަބްލްއެއްގެ ވަޒީފާ އަދާކުރަމުންދިޔަ މީހަކު މަރުވުމުން އޭނާގެ ހުވަފަތްވެފައިވާ އަނބިމީހާ އެ ވަޒީފާއާ ގުޅި ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ.
އިންޑިއާގެ ދަރިކޮޅަށް ނިސްބަތްވާ ގިނަ ބަޔަކު އިނގިރޭސިވިލާތުގެ އިތުރުން ބޭރު ޤައުމުތަކުގައި ދިރިއުޅު އެހެން މީހުންނާ ގުޅިގެން ފިލްމު އުފައްދާތީ ބައެއް މީހުން ވަނީ އެ ކަމަށް ފާޑުކިޔާފައެވެ. އިންޑިއާއަށް ނިސްބަތްވާ ތަރިން ހިމެނޭ ކާސްޓެއްގެ ފިލްމު އޮސްކާ އެވޯޑަށް ހުށަހަޅާފައިވާއިރު މި އަހަރު އިންޑިއާއިން އޮސްކާ އެވޯޑަށް ނޮމިނޭޓް ކޮށްފައިވަނީ ޑައިރެކްޓަރު ކިރަން ރާއޯގެ ފިލްމު "ލާޕަތާ ލޭޑީސް"އެވެ.