މިދިޔަ އޮގަސްޓް މަހުގެ ދެވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި ބަތަލާ ޖާންވީ ކަޕޫރުގެ ސްޕައި ތުރިލާ ފިލްމު "އުލަޖް" ނެޓްފްލިކްސްއިން ސްޓްރީމްކުރަން ފަށައިފިއެވެ.
މި ފިލްމުގައި ޖާންވީ ކުޅެފައިވަނީ އިނގިރޭސިވިލާތުގައި ހުންނަ އިންޑިއާގެ އެމްބަސީއަށް އެ ޤައުމުން އައްޔަންކުރާ ޑެޕިއުޓީ އެމްބެސެޑަރެއްގެ ރޯލެވެ. ބެލުންތެރިންގެ ފިނި ތަރުހީބެއް ލިބުނު މި ފިލްމަކީ ނެޝަނަލް އެވޯޑު ހޯދާފައިވާ ސުދާންޝޫ ސޫރިއާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ޖާންވީގެ އިތުރުން މި ފިލްމުން ފެންނާނެ މުހިއްމު ތަރިންގެ ތެރޭ ސާކްޝީ ތަންވަރު، ގުލްޝަން ދެވިއާ، ރޯޝަމް މެތިއު، އާދިލު ހުސެއިން އަދި މިޔެންގް ޗަންގް ހިމެނެއެވެ.
މި ފިލްމަކީ 35 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި ފިލްމެއް ނަމަވެސް ފިލްމަށް ދިޔަ ޚަރަދު ފޫބެއްދޭ ވަރަށް ވެސް މި ފިލްމަށް އާމްދަނީ ލިބިފައެއް ނުވެއެވެ.
ނަމަވެސް، ފިލްމުގައި ޖާންވީ ދެއްކި އެކްޓިންގެ މޮޅުކަމުގެ ވާހަކައާ އެކު ޖާންވީ ކުޅުނު ރޯލަށް ތައްޔާރުވެފައިވާ މިންވަރު ވަރަށް ރަނގަޅަށް ބަތަލާ ދައްކުވައިދީފައިވާ ކަމަށް ފިލްމު ބެލި ގިނަ ބަޔަކު ވަނީ ބުނެފައެވެ.
މި ފިލްމުގައި ޖާންވީ ކުޅެފައިވަނީ އިންޑިއާގެ ނުފޫޒުގަދަ އާއިލާއަކުން އިންޑިއާގެ އެންމެ ޒުވާން އެމްބެސެޑަރުގެ މަޤާމު ލިބި، ބައެއްގެ ސިޔާސީ ރޭވުންތަކެއްގެ ޝިކާރައަކަށްވެ، ދިމާވާ ކަންކަމުން ސަލާމަތްތެރިކަން ހޯދަން މަސައްކަތްކުރާ ޒުވާނެއްގެ ރޯލެވެ.
މި ފިލްމުގެ ކުރިން ޖާންވީ ބެލުންތެރިންނަށް ފެނުނީ ދަރުމާ ކުންފުނިން ގެނެސްދިން ކުޅިވަރު ފިލްމު "މިސްޓަ އެންޑް މިސިޒް މާހީ"އިންނެވެ. މި ފިލްމަށް ވެސް ބޮކްސް އޮފީހުގައި މާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، މި މަހުގެ 27 ވަނަ ދުވަހު ސިނަމާތަކުގައި ދައްކަންފެށި "ދެވާރާ"އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
މިއީ ޖާންވީގެ ކެރިއަރުގެ ފުރަތަމަ ސައުތު ފިލްމެވެ. މި ފިލްމުގެ ލީޑް ރޯލް ކުޅެފައިވަނީ ތެލުގޭ އެކްޓަރު އެންޓީއާރް ޖޫނިއާއެވެ. ފިލްމުގެ ވިލެންގެ ރޯލް ކުޅެފައިވަނީ ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާނެވެ.