ސްޕެނިޝް ލަލީގާގައި ތާވަލްގެ އެއްވަނައިގައި އުޅޭ އެފްސީ ބާސެލޯނާ އާއި އޮސަސޫނާ ބައްދަލުކުރި މެޗުން ބާސެލޯނާ ބަލިވެއްޖެއެވެ.
މިއީ މިސީޒަންގައި ލީގުގައި ބާސާ މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. އޮސަސޫނާގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު ދެ ލަނޑުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިންނެވެ. ނަމަވެސް މިއާއެކުވެސް ބާސާއަށް އޮސަސޫނާގެ ހަމަލާތައް ދިފާއު ކުރުމުގައި މައްސަލަތަކެއް ދިމާވިއެވެ. މިގޮތުން އޮސަސޫނާއިން ވަނީ މެޗުގެ 18 ވަނަ މިނެޓުގައި އެންޓޭ ބުޑިމީރު ޖަހައިދިން ލަނޑުން މެޗުގެ ލީޑު ނަގައިފައެވެ. އަދި މެޗުގެ 28 ވަނަ މިނެޓުގައި ބްރަޔަން ޒަރަގޯޒާ ކާމިޔާބު ކޮށްދިން ލަނޑާއެކު އޮސަސޫނާ ފުރަތަމަ ހާފު ނިންމާލީ ދެލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.
މިމެޗުގެ ދެވަނަ ހާފަށް ބާސާއިން ނުކުތީ އެޓީމުގެ ކުޅުން ރަނގަޅު ކޮށް މިމެޗުން ނަތީޖާއެއް ނެރުމުގެ އަޒުމާއެކުއެވެ. މިގޮތުން މެޗުގެ 53 ވަނަ މިނެޓުގައި ޕައު ވިކްޓާ ޖަހާދިން ލަނޑާއެކު ދެޓީމުގެ ދެމެދުގައި ފަރަގު އެއް ލަނޑަށް ކުޑަކުރިއެވެ. ނަމަވެސް އޮސަސޫނާއިން ހިތްވަރާ އެކު މަސައްކަތް ކުރުމުގެ ނަތީޖާއަކަށްވީ މެޗުގެ 72 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީ އަކުން އަނެއްކާވެސް ދެ ލަނޑުގެ ލީޑު ނެގުމެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން ބުޑިމީރުއެވެ. އަދި 85 ވަނަ މިނެޓުގައި އޮސަސޫނާއިންވަނީ އެޓީމގެ ހަތަރުވަނަ ލަނޑުވެސް ކާމިޔާބު ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަބެލް ބްރެޓޯންސްއެވެ.
މިމެޗުގައި ބާސާގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ލެމީން ޔަމާލްއެވެ.
މިމެޗުން ބަލިވި ނަމަވެސް ބާސާ އަދިވެސް އުޅެނީ އަށް މެޗުން ލިބިފައިވާ 21 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި އޮސަސޫނާ މިވަނީ 14 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައަށް ކުރިއަށް ޖެހިލާފައެވެ.
މިމުބާރާތުގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލައިލާއިރު ރެއާލް ސޮސިއެޑާޑް އާއި ވެލެންސިއާ ބައްދަލުކުރި މެޗު ތިން ލަނޑު ސުން ލަނޑުން ސޮސިއެޑާޑް ކާމިޔާބު ކުރިއިރު ސެލްޓަވީގޯ އާއި ޖިރޯނާ ބައްދަލުކުރި މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.