މި ސީޒަންގެ ފުރަތަމަ 'އެލް ކްލެސިކޯ' އެފްސީ ބާސެލޯނާއިން 4-0 އިން ރޭ ކާމިޔާބުކޮށްފިއެވެ.
ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބުކުރީ ގިނަ ބަޔަކު ހީކޮށްގެން ތިބި ވަރަށް ވުރެ ބޮޑު ލީޑަކުންނެވެ. ވާދަވެރި މި މެޗުގައި ފެނުނު ހުރިހާ ލަނޑެއް ވެސް ފެނުނީ ފަހު ހާފުގައެވެ.
ކައިރިކައިރީގައި މެޗުގެ ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްދިނީ ރޮބަޓް ލެވަންޑޮވްސްކީއެވެ. އިތުބާރު ފޯވާޑް ވަނީ މެޗުގެ 54 ވަނަ މިނެޓުގައާއި 56 ވަނަ މިނެޓުގައި ދެ ގޯލު ޖަހައިފައެވެ.
މެޗުގެ 77 ވަނަ މިނެޓުގައި ބާސާގެ ތިންވަނަ ލަނޑު ޖަހައިދިނީ ޒުވާން ފޯވާޑް ލަމީން ޔަމާލެވެ. ފަހު ލަނޑު 84 ވަނަ މިނެޓުގައި ޖަހައިދިނީ ރަފީނިއާއެވެ.

އެލް ކްލެސިކޯގެ ތެރެއިން: ލެވަންޑޮވްސްކީ ވަނީ މެޗުގައި ދެ ލަނޑު ޖަހާފައި --- ފޮޓޯ/ އޭޕީ
ފާހަގަކޮށްލެވޭ ގޮތުގައި މި މެޗުގެ ފުރަތަމަ ކޮޅު ރެއާލުން ވެސް ރަނގަޅު ހަމަލާތަކެއް އުފެއްދިއެވެ. އެ ގޮތުން، އެ ޓީމާ ގުޅުނު ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ، އޭނާގެ ފުރަތަމަ ކްލެސިކޯގައި ދެ ފަހަރަށް ބޯޅަ ބާސާ ގޯލަށް ވައްދައިލިއެވެ. އެކަމަކު، ދެ ފަހަރު ވެސް އޭނާ ހުރީ އޮފްސައިޑުގައެވެ.
މުޅި މެޗުގައި ވެސް ބާސާގެ އޮފްސައިޑް ޓްރެޕްތައް ފުރިހަމަކަން ފާހަގަވިއެވެ.
ލަލީގާގައި މިހާރު ހުރިހާ ޓީމަކުން ވެސް ވަނީ 11 މެޗު ކުޅެފައެވެ. ރޭގެ މޮޅާ އެކު ބާސާއިން ވަނީ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. އެއީ، 30 ޕޮއިންޓެވެ. ދެވަނައިގައި ރެއާލް އޮތީ 24 ޕޮއިންޓާ އެކުއެވެ.