ޚަލީލް، ޔާމީނަށް: ފާޑުކިޔުންތަކާއެކު ވެއްޓެނީ އަމިއްލަ އަގު

ސިއްހީ ކަންކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ޚަލީލް: ފާޑުކިޔުންތަކާއެކު ވެއްޓެނީ އަމިއްލަ އަގުކަމަށް ވިދާޅުވެ ޚަލީލް ވަނީ ޔާމީނަށް ރައްދުދެއްވާފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ކުރެއްވި މަސައްކަތްޕުޅަކީ "ކަމެއް ނޫންކަމަށް ހައްދަވައި" ދައްކަވާ ވާހަކަފުޅުތަކުން ވެއްޓެނީ އަމިއްލަ އަގުކަމަށް ވިދާޅުވެ، ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް އދ.އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފަލަސްތީނުގެ ހައްގުގައި ވަރަށް ބޮޑަށް ވަކާލާތުކުރެއްވިއެވެ.

އެކަމަށް ފާޑުވިދާޅުވެ ޔާމީން ވަނީ އެމަނިކުފާނުގެ ޕާޓީ، ޕީއެންއެފްގެ ޖަލްސާއެއްގައި އިޒްރޭލު ޕާސްޕޯޓު މަނާނުކުރައްވައި އެފަދަ ވާހަކައެއް ދެއްކެވުމަކީ އެއްވެސް މާނައެއް ނެތްކަމެއް ކަމަށް ވިދާޅުވެފައެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި މިނިސްޓަރު ޚަލީލް ވަނީ ޔާމީނަށް ރައްދުދެއްވައިފައެވެ.

އެގޮތުން ވިދާޅުވީ ރައީސް މުއިއްޒު ވަނީ މުޅި ގައުމު ފަޚުރުވެރިކޮށްދެއްވާފައި ކަމަށެވެ. އަދި މި ފަހުގެ ތާރީޚެއްގައި ރައީސަކު ވަޑައިގެން ނުދެއްވާ ވަރުގެ ތަގުރީރުތަކެއް ދެއްވައި، ބުރަ މަސައްކަތްޕުޅުތަކެއް އެމަނިކުފާނު ކުރައްވާފައިވާކަމަށް ޚަލީލް ވިދާޅުވިއެވެ.

އެހެންނަމަވެސް އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ، އަޅުގަނޑުމެންގެ މި ގައުމުގެ ރައީސްކަން ކުރައްވާފައިތިއްބެވި ބޭފުޅުން ވެރިކަމުގެ ދުވަސްވަރު ޔޫއެންއަށް ވަޑައިނުގެންނެވިތާގައި، މިއަދުގެ ރައީސް ދިވެހީންގެ ހައްގުގައި ވަޑައިގެން އެކުރެއްވި މަސައްކަތްޕުޅުތައް އެއީ ކަމެއް ނޫންކަމަށް ހައްދަވައި، އެ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުން އަޅުގަނޑު ދެކޭގޮތުގައި އެއީ އެބޭފުޅުންގެ އަމިއްލަފުޅަށް އަގުވެއްޓިގެންދާފަދަ ކަންތައްތައް އެބޭފުޅުން އެ ކުރައްވަމުން ގެންދަވަނީ، ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޕީއެންއެފްގެ ޖަލްސާއެއްގައި -- ސަން ފޮޓޯ/ މޫސާ ނަދީމް

މިނިސްޓަރު ޚަލީލް ވިދާޅުވީ، އޭގެ ބަދަލުގައި މި ގައުމަށް ބޭނުންވަނީ ހެޔޮއެދޭ، ގައުމުގެ ހައްގުގައި ވަކާލާތުކުރާނެ ބޭފުޅުން ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް މުސްލިމް އުއްމަތުގައި ހިމެނޭ އެއްވެސް ގައުމަކާ ގުޅުން ކަނޑާނުލައި، އެ ގުޅުން ކެނޑުމާ ދެކޮޅު ހަދާ، އެ ގުޅުންތަކުގެ ތެރެއިން ދިވެހިންގެ އިސްލާމީ ސަގާފަތާއި އުންމަތް ވަރުގަދަކޮށް އެކަމަށް ހިތްވަރުދެއްވާނެ ރައީސަކު ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

މި ގައުމަށް ބޭނުންވަނީ، ރައީސް އދ.ގެ އާންމު މަޖިލީހުގައި ވިދާޅުވިގޮތަށް ރާއްޖޭގެ އިގްތިސާދު ވަރުގަދަކޮށް ރާއްޖޭގެ ރައްޔިތުންނަށް ދޭނެ ޚިދުމަތްތައް ވަރުގަދަކުރުމަށްޓަކައި ތަސައްވުރުތަކެއް ގެންގުޅުއްވާނެ ބޭފުޅުންތަކެއް ކަމަށް ވެސް ޚަލީލް ވިދާޅުވިއެެވެ.

އެއްގޮތަކަށް ވެސް މި ގައުމަށް ނޭދޭ ކޮންމެ ރެއަކު ޖަލްސާތައް ބާއްވައިގެން ޓީވީތަކުގައި ރައްޔިތުންނަށް އޮޅުވާލާ، ގައުމުގެ ރައްޔިތުންގެ ވިސްނުމާއި ވިންދު ހަލާކުކޮށްލުމަށްޓަކައި މަސައްކަތްޕުޅުކުރައްވާ ކުރީގެ ރައީސަކު މިގައުމުން މިހާރަކު ނޭދޭ، ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް

ރައީސް މުއިއްޒު އދ.ގައި ދެއްކެވި ވާހަކަފުޅަށް ޔާމީން ފާޑު ވިދާޅުވުމުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވެސް ވަނީ މީގެ ކުރިން ރައްދުދެއްވާފައެވެ.

އެގޮތުން ތޯރިގު ވިދާޅުވީ ގައުމުތަކުގެ މައްސަލަތަކާއި ގޮންޖެހުންތައް ހައްލުކުރުމަށް ގެންގުޅޭ ޑިޕްލޮމަސީ އުސޫލުތަކަށް ޔާމީން އަހަންމިއްޔަތުކަން ނުދެއްވާކަމަށެވެ.

ތޯރިގު ވަނީ ޔާމީންގެ ދައުރުގައި ވެސް އެންވަޔަރަމެންޓް މިނިސްޓަރުކަން ކުރައްވައިފައެވެ.

comment ކޮމެންޓް