ޑިޕްލޮމަސީ އުސޫލަށް ޔާމީން އަހަންމިއްޔަތުކަމެއް ނުދެއްވާ: ތޯރިގް

މިނިސްޓަރު ތޯރިގު އިބްރާހިމް ވާހަކަދައްކަވަނީ: ޑިޕްލޮމަސީ އުސޫލަށް ޔާމީން އަހަންމިއްޔަތުކަން ނުދެއްވާ ކަމަށް ވިދާޅުވި: -- ފޮޓޯ/ ސަން

ގައުމުތަކުގެ މައްސަލަތަކާއި ގޮންޖެހުންތައް ހައްލުކުރުމަށް ގެންގުޅޭ ޑިޕްލޮމަސީ އުސޫލުތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމް އަހަންމިއްޔަތުކަން ނުދެއްވާކަމަށް އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ތޯރިގް މިހެން ވިދާޅުވެފައި ވަނީ އދގެ އާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް ޔާމީން ފާޑު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޔާމީންގެ ވެރިކަމުގައި ވެސް މިނިސްޓަރުކަން ކުރެއްވި ތޯރިގް ވިދާޅުވީ ޔާމީން، އެ މަނިކުފާނުގެ ފަސް އަހަރުގެ ދައުރުގައި އެންމެ ފަހަރަކު ވެސް އދގެ އާންމު މަޖިލީހަށް ވަޑައިނުގަންނަވާ ކަމަށެވެ. އަދި ގައުމުތަކުގެ މައްސަލަތަކާއި ގޮންޖެހުންތައް ހައްލުކުރުމަށް ގެންގުޅޭ ޑިޕްލޮމަސީއަށް އަހައްމިއްޔަތުކަން އެ މަނިކުފާން ނުދެއްވާކަން ތޯރިގު ފާހަގަ ކުރެއްވެވިއެވެ.

ތޯރިގު ވިދާޅުވީ 2015 ވަނަ އަހަރު، ދުނިޔޭގެ ލީޑަރުން އެސްޑީޖީތަކާއި ޕެރިސް އެއްބަސްވުމަށް އެއްވި އިރުވެސް ޔާމީން ވަޑައިނުގަންނަވާ ކަމަށެވެ. އެ މަނިކުފާނުގެ ވެރިކަމުގެ މުޅި ދައުރު ވެސް ހޭދަ ކުރެއްވީ އެގޮތަށް ކަމަށް ތޯރިގް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ލީޑަރުން ވާންޖެހޭނީ، ރައްޔިތުންގެ މަސްލަހަތު ހުރި ގޮތަށް ކަންކަން ކުރިއަށް ގެންދަވާ، އެ ކަންކަން ތަމްސީލުކުރައްވާ ބޭފުޅަކަށް ކަމަށެވެ. ނަމަވެސް ޔާމީން ބައިނަލްއަގްވާމީ މައިދާނުން ފަހަތަށް ޖެހި، އެކަހެރިވެވަޑައިގެން ދުނިޔޭގެ މުޖުތަމައިން ދިވެހިރާއްޖެ އެކަހެރި ކުރެއްވި ކަމަށް މިނިސްޓަރު ވަނީ ތުހުމަތު ކުރައްވާފައެވެ.

އަދި ރައީސް މުއިއްޒާއެކު ޚިދުމަތް ކުރެއްވުމަށް ފަޚުރުވެރި ވާ ކަމަށާއި ރައީސް ތަކުރާރުކޮށް އަންނަނީ ލީޑާޝިޕް ދައްކަވަމުން ކަމަށް ތޯރިގް ވިދާޅުވިއެވެ.

"އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދެއްކެވި ފުރަތަމަ ދިވެހި ރައީސްގެ ގޮތުގައި ރައީސް މުޢިއްޒު ވަނީ ތާރީޚުގައި ލިޔުއްވާފަ. އަދި ރައީސް ވަނީ އަޅުގަނޑުމެންނަކީ ދުނިޔެއަށް ހުޅުވިފައިވާ ބައެއްކަން ދައްކުވައިދެއްވާފަ. އަޅުގަނޑުމެން މަސައްކަތްކުރާނީ އެކުގައި ހައްލު ހޯދުމަށް. ގައުމީ މަސްލަހަތުގެ މައްޗަށް ބިނާކޮށް." މިނިސްޓަރު ތޯރިގުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

މިނިސްޓަރު ތޯރިގް ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމެއް ކަމުގައި ވިނަމަވެސް، ރައީސް މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ދިވެހީންނަށް ރަނގަޅު ގޮތް ހޯދައި ދިނުމަށް މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

comment ކޮމެންޓް