މަސްވެރިންނަށް ނުދީ ހުރި 17 މިލިއަން ރުފިޔާ ދޫކުރަން ފަށައިފި

މަސްވެރިން މަސް ބާނަނީ: މަސްވެރިންނަށް ދޭން ޖެހޭ 17 މިލިއަން ދޫކުރަން މިފްކޯއިން ވަނީ ފަށައިފައި --- ފައިލް ފޮޓޯ/ ދިވެހި މަސްވެެރިން

މަސްވެރީންނަށް މިފްކޯއިން ނުދީ ހުރި 17.3 މިލިއަން ރުފިޔާ ދޫކުރަން ފަށައިފިއެވެ.

މިފްކޯއިން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މިދިޔަ މަހުގެ 24އިން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް މިފްކޯއަށް ކިރި މަހުގެ ޖުމްލަ 17،350،903 ރުފިޔާއަށް އަރާ ކަމަށެވެ. އަދި ސަރުކާރުގެ އެހީތެރިކަމާއެކު މި ފައިސާ އެއްކޮށް އޮޑިވެރީންނަށް މިއަދު ޖަމާވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިފްކޯއިން މިދިޔަ ބުރާސްފަތި ދުވަހު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މި މަހުގެ ކުރީކޮޅުން ފެށިގެން މަސްވެރިންގެ ފައިސާ ނުދެވިހުރި ބިލްތަކާ ގުޅުވައި ފިޝަރީސް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާ އެ ކުންފުންޏާ ދެމެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ނުދެވި ބާކީ ހުރި ފައިސާ މި ހަފުތާގެ ނިޔަލަށް ދައްކައި ޚަލާސްކުރުން ކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން މިފްކޯއިން ހާމަކުރި ގޮތުގައި، މިދިޔަ އަހަރުގެ ނޮވެންބަރު 17އިން ފެށިގެން ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ވަނީ ބިލިއަނަކަށް ވުރެ ފައިސާ ޖަމާކޮށްދީފައެވެ.

މަސްވެރިން ބާނާ މަހަށް މަދުވެގެން 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެކަމަކު، އެކަން އެ ގޮތަށް ނުކުރެވެނީ އިގުތިސާދީ ދަތިތަކުގެ ސަބަބުން ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅުވައި މިދިޔަ މަހު މިފްކޯއިން ބުނެފައިވާ ގޮތުން، އަމާޒަކީ މި އަހަރު ނިމޭއިރު، ކޮންމެ ހަފުތާއަކު ވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދޫކުރުމެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި އޭރުގެ ސަރުކާރުން ވަނީ މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކޮށްފައެވެ. އޭގެ ފަހުން އެ އަގު 20 ރުފިޔާއަށް ކުޑަކުރުމަށް ފަހު ވެސް ފައިސާ ދޫކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.

މަސްވެރިންގެ ކަންބޮޑުވުންތައް ބޮޑުވެ، ސަރުކާރުން ނިންމީ މިފްކޯއިން މަސް ގަންނާނީ ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް ކަމަށެވެ.

އެ ބަދަލާއެކު، މަސްވެރިން ކިރާ މަހަށް ދެ ހަފުތާގެ ތެރޭގައި ފައިސާ ދޫކުރެވޭނެ ކަން މިނިސްޓަރު ކުރިން ވިދާޅުވެފައިވެއެވެ.

މަސްވެރިންނަށް ފައިސާ ލަސްވާ މައްސަލައިގައި، މީގެ ކުރިން ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްވެރިން އިހުތިޖާޖުކޮށްފައިވެއެވެ.

comment ކޮމެންޓް