މިފްކޯއަށް ސީއީއޯއަކު ހޯދަން ދެވަނަ ފަހަރަށް އިއުލާނުކޮށްފި

މިފްކޯ: މިފްކޯއަށް ސީއީއޯއަކު ހޯދަން ދެވަނަ ފަހަރަށް އިއުލާނުކޮށްފި --

ސަރުކާރު މަސް ކުންފުނި މިފްކޯއަށް ސީއީއޯއަކު ހޯދަން ދެވަނަ ފަހަރަށް, ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އިއުލާނުކޮށްފިއެވެ.

ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނެއްގައި ވާގޮތުން މި މަގާމަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ އަށްވަނަ ދުވަހުއެވެ.

މިފްކޯއަށް ހޯދަނީ ބޭރު ސީއީއޯއެއްކަން މީގެ ކުރިން ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ. މި މަގާމަށް ކުރިމަތިލުމުގެ ޓާމްސް އެންޑް ރެފަރެންސްގައި ވާގޮތުން މިފްކޯގެ ސީއީއޯއަށް މުސާރަ ދޭނީ ޑޮލަރުންނެވެ. މުސާރައަކީ 12،000 ޑޮލަރާއި 15،000 ޑޮލަރާ ދޭތެރޭގެ އަދަދެކެވެ. މުސާރަ ކަނޑައަޅާނީ އެކްސްޕީރިއަންސަށް ބެލުމަށް ފަހުކަމަށް އެ އިއުލާނުގައި ވެއެވެ.

ކުރިން މި މަގާމަށް ހުޅުވާލިއިރު މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ، 9000 ޑޮލަރާއި 12،000 ޑޮލަރާ ދޭތެރޭގެ އަދަދެކެވެ.

މި މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި:

  • ކަވާ ލެޓާ
  • ސީވީ
  • ތައުލީމީ ސެޓިފިކެޓްތައް
  • ރެފަރެންސް ސިޓީ

އަންނަ އަންގާރަ ދުވަހުގެ ކުރިން ޕީސީބީގެ މެއިލަށް މިތަކެތި ފޮނުވަން އެ އިއުލާނުގައި ވަނީ އެދިފައެވެ.

މިފްކޯގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވި ސަމާހު ރަޝީދު އެ މަގާމުން ވަކިކުރީ މިއަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހުއެވެ. އެއަށްފަހު އެ ކުންފުންޏަށް އާ ސީއީއޯއެއް ހޯދަން ފުރަތަމަ އިއުލާނު ކުރީ ޖޫން މަހުގެ 26ގައެވެ.

ނަމަވެސް، ޝަރުތުހަމަވާ އެއްވެސް މީހަކު ކުރިމަތިނުލާ ކަމަށް ބުނެ, ޕީސީބީން އެ އިއުލާނު ބާތިލްކުރީ ޖުލައި މަހުގެ 26ވަނަ ދުވަހުއެވެ.

ނުއަގުގައި މަސް ގަނެ ވިއްކަން ޖެހުމާއި އެހެނިހެން ގިނަ ސަބަބުތަކެއްގެ ސަބަބުން މިފްކޯއަކީ ވަރަށް ބޮޑު ގެއްލުމެއްގައި ހިންގަމުން އަންނަ، ދަރަނި ބޮޑު ކުންފުންޏެކެވެ.

comment ކޮމެންޓް