ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ، މަސްކިރާ މިންވަރު އިތުރުވާން ފަށައިފި ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މިއަދު ބުނެފިއެވެ.
މިފްކޯގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި ދުވަސްކޮޅު ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 280 މެޓްރިކު ޓަނުގެ މަސް މިފްކޯއަށް ކިރައެވެ.
މިފްކޯއިން އާންމުކޮށްފައިވާ މައުލޫތަށް ބަލާއިރު، ވޭތުވެދިޔަ 48 ގަޑިއިރު ތެރޭގައި 321 މެޓްރިކު ޓަނުގެ މަސް ވަނީ ގަނެފައެވެ. އެއީ، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސަށް 50.70 މެޓްރިކް ޓަން، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސަށް 221.12 މެޓްރިކް ޓަން އަދި، އައްޑޫ ފިޝަރީޒް ކޮމްޕެލެކްސަށް ކިރި 48.71 މެޓްރިކް ޓަނުގެ މަހެވެ.
މިދިޔަ ބުރާސްފަތި ދުވަހު މިފްކޯއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، އެ ދުވަހު 492 މެޓްރިކު ޓަނުގެ މަސްވަނީ ގަނެފައެވެ. އެއީ ޖުމްލަ 110 އޮޑިއަކުން އެ ދުވަހު މިފްކޯއަށް ކިރި މަހެވެ. އެއަށްވާ ފައިސާގެ ގޮތުގައި 5.7 މިލިއަން ރުފިޔާ މިފްކޯއިން އެ ދުވަހު ދޫކޮށްފައިވެއެވެ.
މިދިޔަ ބުދައިގައި ވެސް ޖުމްލަ 71 އޮޑިއަކުން 362 މެޓްރިކު ޓަނުގެ މަސްވަނީ މިފްކޯއަށް ގަނެފައެވެ. އެއަށްވާ ފައިސާގެ ގޮތުގައި އެ ދުވަހު ދޫކޮށްފައިވަނީ 4.4 މިލިއަން ރުފިޔާއެވެ.
މި ދޭތެރެއިން މިފްކޯއިން މަސް ގަންނަ އަދަދު ވަރަށް ބޮޑަށް ދަށްވި ކަމަށް ހިސާބުތަކުން ދައްކައެވެ. އެ ގޮތުން މިދިޔަ ޑިސެންބަރު 23ގައި މިފްކޯއިން މަސްވެރިންނަށް ފައިސާ ދޫކޮށްފައިވަނީ 55 މެޓްރިކް ޓަނުގެ މަހަށެވެ. އެއީ ޖުމްލަ 631،848 ރުފިޔާއެވެ. އަދި ޖެހިގެން އައި 24ވަނަ ދުވަހު މަސްވެރިންނަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވަނީ 82 މެޓްރިކު ޓަނުގެ މަހަށެވެ.
"ސަން"އަށް މައުލޫމާތު ދެމުން މިފްކޯއިން ބުނީ ފާއިތުވި، ގާތްގަނޑަކަށް ހަތް މަހު މަސްވެރިކަން ގޯސްކޮށް އޮތުމަށްފަހު މިހާރު މަސްވެރިކަން ރަނގަޅު ކަމަށެވެ.
މިފްކޯއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މަސްވެރިކަމަށް ނުކުންނަ އޮޑިފަހަރު އިތުރުވަމުންދާކަން ފާހަގަ ކުރެވެއެވެ. އެހެން ނަމަވެސް މި ދޭތެރެއިން ކުރި ވިއްސާރައިގެ ސަބަބުން އެ އަދަދު މަދުވިއެވެ.
ދެ މޫސުން ފައްތަރުވާ ދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްރެކެވެ. އެހެން ނަމަވެސް މާދަމާއިން ފެށިގެން އަންނަ ހޮނިހިރުގެ ނިޔަލަށް، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓު އޮފީހުންވަނީ ލަފާކޮށްފައެވެ. ވިއްސާރައިގައި މަހަށް ނިކުންނަ އޮޑިތައް މަދުވާނެ ކަމަށް ބެލެވެއެވެ.