މަސްތުވާތަކެއްޗަށް ފަރުވާ ހޯދާ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދިނުމަށް ދާޚިލީ ސަލާމަތާއި ފަންނީއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުޙައްމަދު ޒާހިރު އެދިވަޑައިގެންފިއެވެ.
ލުބްނާ މިކަމަށް އެދިވަޑައިގަތީ ރަށްރަށުގައި ކުށްމަދުކުރުމަށް ހިންގާ "ސޭފްޓީ އެންޑް ސެކިއުރިޓީ ކޮމެޓީ" އިފްތިތާޙް ކުރުމަށް ތިނަދޫ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި އިއްޔެ ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލުބްނާ ވަނީ ދާޚިލީ ވުރާޒާއާ ގުޅިގެން، މަސްތުވާތަކެތީގެ ފަރުވާ ނަގާ މީހުންނަށް ވަޒީފާގެ ފުރުސަތު ފޯރުކޮށްދިނުމަކީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭނެ އެންމެ ބޮޑު އެއް ފިޔަވަޅު ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުން އަބަދުވެސް ބޭނުންވަނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށްކަން ފާހަގަކުރައްވާ ލުބްނާ ވިދާޅުވީ ދާޚިލީ ވުޒާރާއަކީ ވަރަށް ގިނަ ދާއިރާތަކެއްގެ ބެލެނިވެރިކަން ކުރާ ވުޒާރާއެއް ކަމަށެވެ.
މި މަސައްކަތަކީ ހަމައެކަނި ކުށް މަދުކުރުމަށް ކުރާ މަސައްކަތެއް ނޫންކަން ފާހަގަކުރައްވެއި، ލުބްނާ ވިދާޅުވީ ކޮންމެ ރަށަކީ ވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ރަށަކަށް ހެދުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށެވެ.
"އަޅުގަނޑުމެންނަށް އެކުގައި މަސައްކަތް ކުރެވޭނީ ކައުންސިލް ކަހަލަ އިދާރާއަކާއި އަޅުގަނޑުމެންނާ ގުޅިގެން. ސަރުކާރުގަ ވަރަށް ބައިވަރު ރިސޯސްތައް ހުރޭ. އެ ވަސީލަތްތައް އެންމެ ރަނގަޅުގޮތުގައި ބޭނުން ކުރެވޭނީ ކައުންސިލްއަކާ ވުޒާރާއަކާ ގުޅިގެން ތަންފީޒުކުރަން މަސައްކަތްކޮށްގެން ކަމަށް މިއަދު އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ،" ލުބްނާ ވިދާޅުވިއެވެ.
މީގެ އިތުރަށް މަސްތުވާތަކެއްޗަށް ފަރުވާ ނަގާ މީހުންނަށް ތިނަދޫ ސިޓީ ކައުންސިލުން ވަޒީފާގެ ފުރުސަތު ކޮންޓެރެކްޓް އުސޫލުން ފަހިކޮށްދެއްވާތީ ލުބްނާ ވަނީ އެ ކަމަށްޓަކައި ތިނަދޫ ސިޓީ ކައުންސިލަށް ޚާއްސަ ޝުކުރެއް އަދާ ކުރައްވާފައެވެ.
ދާޚިލީ ވުޒާރާއިން ގދ. އަތޮޅުގައި ހިމެނޭ އަށް ރަށުގެ ކައުންސިލާއި ތިނަދޫ ސިޓީ ކައުންސިލާއެކު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. މި އެމްއޯޔޫތަކުގެ މަޤްޞަދަކީ ކުށް މަދުކުރުމަށް ކުރަންޖެހޭ މަސައްކަތް ދެނެގަތުމަށާއި، ރަށުގެ ސަލާމަތާއި ރައްކާތެރިކަމުގެ ހާލަތާއި ގުޅޭގޮތުން ދާޚިލީ ވުޒާރާއަށް ލަފާއަރުވައި، ރަށުގެ ކުށްމަދުކުރުމަށް އެ ރަށެއްގައި މާހައުލުގައި ހިމެނޭ ފަރާތްތަކާއިއެކު މަސައްކަތް ކުރުމަށް ކޮމެޓީތަކެއް އެކުލަވާލުމެވެ. މި ކޮމެޓީތައް ދާޚިލީ ވުޒާރާއެކު މަސައްކަތް ކުރަމުންދާއިރު ކޮމެޓީތަކުގެ މަސައްކަތް ވިލަސްރެސް ކުރާނީ ކައުންސިލްތަކުގެ ބެލުމުގެ ދަށުންނެވެ.
ހުވަދު އަތޮޅު ދެކުނުބުރީގައި މި މަސައްކަތް ފެށުނު ނަމަވެސް މިނިސްޓްރީގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ކައުންސިލަކާއެކު އެއްބަސްވުމަކަށް އައުމެވެ.