މިދިޔަ މަހުގެ 14 ވަނަ ދުވަހު ކަސްޓަމުން ހިފެހެއްޓި ވޭޕް އޮއިލް ޝިޕްމަންޓުގައި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސް އެކުލެވޭކަމަށް ރެޕިޑް ޓެސްޓުން ދެއްކި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ.
މިއަދު ފުލުހުން ބުނީ އެ ޝިޕްމެންޓުގައި ހުރި ތަކެތީގެ ފޮރެންސިކް ޓެސްޓުތައް ހެދިއިރު، މަސްތުވާތަކެއްޗަށް ނެގެޓިވްވެފައިވާ ކަމަށެވެ. އެއާއެކު މިނިސްޓަރަށް ގިނަބަޔަކު ވަނީ ފާޑު ކިޔުން އަމާޒުކޮށްފައެވެ.
މިރޭ މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ތަކެއްތި ޓެސްޓު ކުރުމުގެ މަރުހަލާ ކުރިއަށް ގެންދާގޮށް އޮޅުންފިލުވައި ދެއްވައިފައެވެ.
އިހުސާން ވިދާޅުވީ، އެއާޕޯޓުގައި ކަސްޓަމްސްއިން ޝައްކު ކުރެވޭ ޕެކޭޖުތަކާއި އައިޓަމްތަކުގެ ރެޕިޑު ޓެސްޓު ކުރާ ކަމަށެވެ. މިގޮތުން، އެތަކެތި ޕޮޒިޓިވް ވާނަމަ ހިފަހައްޓައި، ތަހުގީގަށް ހަވާލުކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެފަދައިން މި ވޭޕް ޝިޕްމަންޓުގެ ޓެސްޓު ހެދި ކަމަށާއި އެ ޓެސްޓުން ކެނަބިސްއަށް ޕޮޒިޓިވް ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ ޓެސްޓުގެ ފޮޓޯއެއް ވެސް ހިއްސާކުރައްވާފައެވެ.
"ނަމަވެސް އާންމު އުސޫލުން މިތަކެތި ތަހުގީގަށް ފުލުހުންނާ ހަވާލުކުރެވި، ލެބޯޓްރީ ޓެސްޓު ހަދާ. އަދި، އެ ޓެސްޓަށް އާންމުކޮށް ދެ ދުވަހާއި ހަތް ދުވަހާ ދެމެދުގެ މުއްދަތެއް ނަގާފާނެ. މި ޓެސްޓާއި ރެޕިޑް ޓެސްޓު ނަތީޖާ ދިމާނުވެއްޖެނަމަ، އިތުރަށް ކޮންފާމަޓޮރީ ޓެސްޓުތައް ހަދާނެ"
މިނިސްޓަރު ވިދާޅުވި ގޮތުގައި، ތަހުގީގަށް ނަތީޖާ ބޭނުން ކުރާނީ ކޮންފާމަޓޮރީ ޓެސްޓު ހަދައި، ޝައްކެއް ނެތް މިންވަރަށް ނަތީޖާ ޔަގީން ވުމުންނެވެ. އަދި އެކި ދުވަހު މީޑިއާތަކުން މި ޝިޕްމަންޓުގެ ވެރި ފަރާތުގެ މައުލޫމާތު ހޯދަން އެދުނު ނަމަވެސް، އެ މައުލޫމާތު ހާމަނުކުރީ ލެބޯޓަރީ ކޮންފަމޭޝަން ނުލިބޭތީ ކަމަށް އެ ޕޯސްޓުގައި ވެއެވެ.
މީގެއިތުރުން، އެޝިޕްމަންޓު ހިފެހެއްޓި ވާހަކަ ހިއްސާކުރަން ނިންމީ މިއަހަރު މިފަދަ އެތައް ކޭސްތަކެއް ހިނގައިފައިވާތީއާއި މިދިޔަ އަހަރު ވެސް މިފަދަ ވޭޕް އޮއިލް ޝިޕްމަންޓެއްގައި ކެނަބިސް ހުރި ކަމަށް ޔަގީންކުރެވިފައިވާތީއާއި މި ކަމަކީ މުޖުތަމައުގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށްވީމައި ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.
މިގޮތުން، ފުލުހުން މިއަދު ހާމަކުރި ގޮތުން، އެނގިގެންދަނީ މި ޕްރޮސެސްގެ ހާމަކަން ބޮޑުކަމާއި އިންސާފުވެރިކަން ކަމަށް އިހުސާން ވިދާޅުވިއެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަންދޭ ކަންކަން ކަމުގަޔާއި ކުރިއަށް އޮތް ތަނުގައި ވެސް އަމަލު ކުރާނީ އެ އުސޫލުން ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.