އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގެ މޫދުގައި މަރުވެފައި އޮއްވާ ފެނުނު ބޭރު މީހާއަކީ ކާކުކަން ދެނެގަތުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.
އެ މީހާ މަރުވާން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
ފުލުހުން މިރޭ ކުރި އިއުލާނެއްގައި ބުނީ އައްޑޫ ސިޓީ، ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިގެން މިއަދުގެ ހަވީރު 16:41 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް، އެ މީހާގެ ހަށިގަނޑު އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އަދި މިހާރު މައްސަލައާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރަމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މަރުވެފައިވާ މީހާއަކީ، ބޭރު ގައުމަކަށް ނިސްބަތްވާ މީހެއްކަމަށް ބެލެވޭ ދޮން ނަސްލުގެ ފިރިހެނެކެވެ. އަދި އޭނާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ "މިސިން ޕާސަންސް" ރިޕޯޓެއް ވެސް މިހާތަނަށް ފުލުހުންނަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެންކަމުން އެ މީހާއަކީ ކާކުކަން ދެނެގަތުމަށް އެހީތެރިވެދެވޭނެ އެއްވެސް މައުލޫމާތެއް އެނގޭ މީހެއް ވާނަމަ، ނުވަތަ އެ ސަރަހައްދުގައި އުޅޭ ބިދޭސީއެއްގެ ޚަބަރެއް ނުވެގެން އުޅޭނަމަ، ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.