ދިވެހީންގެ ހިތްތައް ބަލި، ކީއްވެ؟

ކުއްލި މަރުތަކާއި އެހެނިހެން ކަންކަމުން ފުރާނާއަށް ނުރައްކާވާ ހާލަތަށް ހުށަހެޅޭ މިންވަރު ރާއްޖޭގައި މިވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފައެވެ. މާޒީއަށް ބަލައިލި ނަމަވެސް އެންމެ ގިނަ އަދަދެއްގެ މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގައި ކަމަށް ސިއްހީ މާހިރުން ބުނެއެވެ. އޭގެތެރޭގައި ހިތުގެ ބަލިތަކާއި ކިޑްނީގެ ބަލިތަކާއި ސްޓްރޯކް ހިމެނެއެވެ. ޚާއްސަކޮށް، އެންމެ ގިނައިން މީހުން މަރުވެފައި ހުރީ ހިތުގެ ބަލިތަކުގައެވެ.

ހިތުގެ ބަލިތަކުގައި މީހުން މަރުވާ ވާހަކަ ދެކެވޭއިރު، ބަލިތަކަށް ހުށަހެޅެނީ ކީއްވެ ކަމެއް ގިނަ ބަޔަކަށް ނޭނގެއެވެ. ސިއްހީ މާހިރުން ބުނާ ގޮތުން، އެކި ބަލިތަކަށް ހުށަހެޅެނީ ތަފާތު ސަބަބުތައް މެދުވެރިވެގެންނެވެ. އެގޮތުން، އާއިލާއިން ވާރުތަކޮށްގެން ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަން ކުރެވޭ ގޮތަކުން ބަލިތަކަށް ހުށަހެޅެން މަގުފަހިވެއެވެ. ހިތުގެ ބަލިތަކަށް ހޭލުންތެރިކުރުވުމަށް ފާހަގަ ކުރާ "ހާޓް ޑޭ" މިއަދު ފާހަގަ ކުރާއިރު މިއީ ކޮންމެހެން ވެސް ދައްކަން ޖެހޭ ވާހަކައެކެވެ.

ތަފާސްހިސާބުތަކުން ބޮޑު އިންޒާރެއް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން 2020ވަނަ އަހަރުން 2022ވަނަ އަހަރުގެ ނިޔަލަށް ހެދި ސެޓަޕް ސާވޭއިން ދައްކާ ގޮތުން ރާއްޖޭގައި 15 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން 4.7 ޕަސެންޓަކީ ހިތުގެ ބަލި ނުވަތަ ސްޓްރޯކް ފަދަ ބަލިތައް ޖެހިފައިވާ މީހުންނެވެ.

ހިތުގެ ނާރުތައް: ހިތުގެ ބަލިތައް ޖެހެނީ ވާރުތަކޮށްގެންނާއި ނުރަނގަޅު އާދަތަކުން ------

އާބާދީގެ 18 އަހަރާއި 44 އަހަރާ ދެމެދުގެ ކޮންމެ ތިން މީހަކު އެކަކީ ހިތުގެ ބަލިތަކަށް މަގުފަހިވާ ސަބަބުތަކަށް ހުށަހެޅިފައިވާ މީހުން ކަމަށް އެ ހިސާބުތަކުން ދައްކައެވެ. އަދި، 45 އަހަރާއި 69 އަހަރާ ދެމެދުގެ ކޮންމެ ދެ މީހަކުން އެކަކީ ވެސް ހިތުގެ ބަލިތަކުގެ ތެރެއިން ތިން ބައްޔަކަށް ހުށަހެޅިފައިވާ މީހުންނެވެ.

ރާއްޖޭގެ 27.7 ޕަސެންޓު މީހުންނަކީ ހިތުގެ ބަލިތައް ފަދަ ގައިން ގަޔަށް ނާރާ ބަލިތަކަށް ބޭސް ކާ މީހުންނެވެ. މި ހިސާބުތަކުން އެކަނި ވެސް ރާއްޖެގައި ބަލިތަކުގައި މަރުވާ މީހުން ނިސްބަތުން އިތުރުކަން ހާމަކޮށްދެއެވެ.

ސިއްހީ މައްސަލަތަކަށް ހުށަހެޅި، ދިވެހީންގެ ހިތްތައް ބަލިވަނީ ކީއްވެ؟

ސިއްޙީ ގޮތުން ހިތުގެ ބަލިތަކަށް ހުށަހެޅޭ ބައިވަރު ސަބަބުތައް ހުރެއެވެ. މައިގަނޑު ގޮތެއްގައި ހިތުގެ ބަލިތައް ޖެހެނީ ދެ ގޮތަށެވެ. އެއީ އާއިލަގެ ފަރާތުން ވާރުތަކޮށްގެންނާއި ގެންގުޅެވޭ ނުރަނގަޅު އާދަތަކެއްގެ ސަބަބުންނެވެ.

އޭގެތެރޭގައި ހިމެނެނީ، ދުންފަތުގެ އިސްތިއުމާލު ކޮށްގެންނާއި ހެލިފެލިވުން މަދުވުމާއި ހަށިގަނޑަށް ބޭނުންވާ ރަނގަޅު ކާނާ ބޭނުންކުރުން މަދުވުމާއި ފައިދާ ނެތް ތައްޔާރީ ކާނާ (ޖަންކް ފުޑް) ކެއުން އިތުރުވުމާއި ނިދިމަދުވުމާއި އާދަޔާ ޚިލާފަށް ބަރުދަން އިތުރުވުމާއި ލޭގެ ޕްރެޝަރާއި ކޮރެލްސްޓްރޯލްގެ އިތުރުން ހަކުރު މަތިވުމުންނެވެ.

ހިތުގެ ޚާއްސަ ޑޮކްޓަރު ޑރ. މުޙައްމަދު ޝަނީޒް ނަޖުމީ ---- ސަން ފޮޓޯ

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލްގައި މަސައްކަތްކުރައްވާ ހިތުގެ ޚާއްސަ ޑޮކްޓަރު ޑރ. މުޙައްމަދު ޝަނީޒް ނަޖުމީ ވިދާޅުވި ގޮތުގައި، ކޮލެސްޓްރޯލްއަށް ދާއިމީކޮށް ބޭސް ބޭނުން ކުރަން ފަށަނީ ކެއުން ކޮންޓްރޯލް ކޮށްގެންނާއި ކަސްރަތުކޮށްގެން ރަނގަޅުވާ މިންވަރަށްވުރެ މަތީގައި ކޮލެސްޓްރޯލް ހުންނަ ކަމަށްވާނަމައެވެ.

"ކޮލެސްޓްރޯލް ބައްޔަކީ ރޯގާއެއް ޖެހިގެން ބޭސް ކެއީމަ ރަނގަޅުވާ ހެން ރަނގަޅުވާ ކަމެއް ނޫން. ހަމަ އަބަދުވެސް ލިވާއިން ސިންތަސައިޒް ކުރާނެ އެ ކުރާ ވަރަކަށް. އެހެންވީމާ ބޭސް ހުއްޓާލާއިރަށް އަނެއްކާ ކޮލެސްޓްރޯލް މައްޗަށް އަރާނެ. ހަމަ އެޕްރޮޓެކްޝަން [ހިމާޔަތް] އެ ދިޔައީ. އެހެންވީމަ އިންޝުއަރެންސެއް ގޮތަށް ޔޫސް [ބޭނުން] ކުރާ އެއްޗެއްއެޔަކީ. ކޮންމެހެން ކޮލެސްޓްރޯލް ބޭސް ބޭނުން ކުރީމަ ވަކި އުނދަގޫތަކެއް ލުއި ވާނީކީއެއް ނޫން"

ހިތަށް ތަދުވެގެން އުޅޭ މީހެއް ------

"އެކަމަކު ގިނަ ދުވަހު ކޮލެސްޓްރޯލް ދަށުގައި ހުރީމަ ކޮލެސްޓްރޯލް މަތީގަ ހުންނަ މީހާއަށް ވުރެ ޑެފިނެޓްލީ ހާޓްއެޓޭކް ޖެހުން އެތައް ގުނައަކަށް ދަށްވާނެ. އިތުރު ބަލިތަކަށް ހުށަހެޅިގެން ދާލެއް ދަށްވާނެ" ކޮލެސްޓްރޯލް ބޭސް ދާއިމީކޮށް ބޭނުންކުރަން ބުނާ ސަބަބު ޑރ. ޝަނީޒް ކިޔައިދެއްވިއެވެ.

ދުންފަތުގެ އިސްތިއުމާލު ތަފާތު ގޮތްގޮތަށް ކުރާ ދެ ޖިންސުގެ މީހުން ރާއްޖޭގައި އިންތިހާއަށް ގިނައެވެ. މިކަމުގެ ސަބަބުން ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުން ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުން ވެސް ހިތުގެ ބަލިތަކަށް ހުށަހެޅެއެވެ.

ބައްޔަށް ހުށަހެޅޭ މިންވަރު ވަރަށް ބޮޑު، އަމަލު ކުރާ އުސޫލު ވެސް ތަފާތު!

ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މި ބަލީގައި އަމަލުކުރާ ގޮތްތައް ވެސް ތަފާތެވެ. ހުރިހާ ސަރަހައްދުތަކަށް ބަލާއިރު، ދެކުނު އޭޝިއާ ނުވަތަ އޭޝިއާ ސަރަހައްދުގައި ހިތުގެ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑެވެ.

ޑރ. ޝަނީޒް ވިދާޅުވީ މި ބަލީގައި އޭޝިއާ ސަރަހައްދުގައި ޚާއްސަ ވަކި މިންގަޑަކަށް އަމަލު ކުރާ ކަމަށެވެ.

ހިތެއް: އޭޝިއާ ސަރަހައްދުގައި ހިތުގެ ބަލިތަކަށް ފަރުވާ ކުރާ އުސޫލު ތަފާތު ކަމަށް ޑރ. ޝަނީޒް ވިދާޅުވޭ ----

"މިސާލަކަށް ބަލަންޏާ އަޅުގަނޑުމެން އެޑްމިޓްކޮށްފައި ދޫކޮށްލާ ޕޭޝަންޓުންގެ ބަލާނެ އިސްކޮޅާ ބަރުދަނާ. އެއިން ޑިފައިން ކުރާނީ ބައެއް ސްޓަޑީސްތަކަށް މީހާ ފަލަތޯ ނޫންތޯ. ފަލަކަމުގެ މިންގަނޑު ބަލާއިރު އޭޝިއާ ޕެސިފިކަށް އިންނާނެ ވަކި މިންގަނޑެއް. މީހާ ބަލާލާފަ ފަލަ ހެން ހީނުވާ ބޭފުޅަކު ވެސް އަޅުގަނޑުމެން އޮބްވިއަސް ޖެހީމައި ބައެއް ފަހަރު ބަލި މީހުން އޯޕީޑީއަށް އައިސް ކޮންޕްލެއިން ވެސް ކޮށްލާ." ޑރ. ޝަނީޒް އޭޝިއާ ސަރަހައްދުގައި މި ބަލީގައި އަމަލު ކުރާ މިންގަނޑު އިތުރަށް ތަފްސީލުކޮށްދެއްވިއެވެ.

ރާއްޖެ ވެސް ހިމެނޭ އޭޝިއާ ބައްރުގައި ބައްޔަށް ހުށަހެޅުމަށް އިތުރުވާ ސަބަބުތަކެއް ހުރެއެވެ. އެންމެ ފަހުގެ ކޮލެސްޓްރޯލް ބޭސްތައް ބޭނުން ކުރާ ގައިޑްލައިންތަކުގައި ބުނާ ގޮތުން، ހަމައެކަނި މި ސަރަހައްދަށް އުފަން ވުމަކީ ވެސް ހިތުގެ ބައްޔަށް ހުށަހެޅޭ ސަބަބެކެވެ. އެގޮތަށް ބަލާނަމަ ޔޫރަޕްގެ ގައުމެއްގެ މީހެއްނަމަ ކޮލެސްޓްރޯލް ބޭސް ބޭނުން ކުރާ ކަށް ނުޖެހެއެވެ. އެއާ ޚިލާފަށް އޭޝިއާ ބައްރަށް އުފަން މީހެއް ނަމަ ރަނގަޅީ އެ ބޭސް ބޭނުން ކުރަން ފެށުމެވެ.

ހިތުގެ ބަލިތަކާއި ހާޓް އެޓޭކް ޖެހެނީ ކިހިނެތް؟

އާންމުކޮށް ހިތުގެ ބަލިތަކަށް ޖެހެނީ ހިތުގެ ހޮޅިތަކަށް ދިމާވާ މައްސަލަތަކާ ގުޅިގެންނެވެ. ނުވަތަ މެޑިކަލް ޓާމަކުން ބުނާމަ ކޮރޮނަރީ އާޓްރީ ޑިޒީސްގެ ސަބަބުންނެވެ. ހިތުގެ ނާރުތައް 99 ޕަސެންޓު ބެދެނީ ކޮލެސްޓްރޯލްކޮޅެއް ޖަހައިގެންނެވެ. އަދި، ހިތުގެ ނާރުތަކުގައި ސަރުބީ ޖެހުމުން ވެސް މި ބަލި ޖެހެއެވެ.

ޑރ. ޝަނީޒް ކިޔައިދެއްވި ގޮތުގައި، ހިތުގެ ހޮޅިތަކަށް ދިމާވާ މައްސަލަތައް ދެ ބަޔަކަށް ބެހެއެވެ. އެގޮތުން، އެއް ބަޔަކީ މަޑުމަޑުން ކޮލެސްޓްރޯލް ޖަހައިގެން ހޮޅިތައް ބެދުމެވެ. އަނެއް ބަޔަކީ ހޮޅިތައް ސާފުކޮށް ހުއްޓާ، ވަލްނަރަބަލް ޕްލާޓް ތުނިކޮށް އިނދެފައި ހިތުގައި ނުވަތަ ސިކުނޑީގެ ތެރޭގައި ލޭ ގަނޑުވެގެންނެވެ. އެއީ ހާޓް އެޓޭކް ނުވަތަ ސްޓްރޯކް ޖެހޭ ގޮތެވެ. ހަމައެކަނި ތަފާތު ވަނީ ހޮޅިތައް ބެދޭ ސަރަހައްދެވެ.

ހިތުގެ ބަލިތަކަށް ހުށަހެޅުމުން ދުރުވުމަށް ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅުން މުހިންމު ----

"ދެ ބަޔަކަށް ބޮޑަށް މި ބަހާލަނީ. އެކައްޗަކީ ކުއްލި ހާލަތެއްގައި އަންނަ ޕޭޝަންޓުން. އެއީ ހާޓް އެޓޭކް ގުރޫޕް. އެއީ ކުއްލިއަކަށް މިސާލަކަށް ލޭ ހޮޅި ތެރޭ ލޭ ގަނޑުވެގެން މި އަންނަނީ އެކަމު އެއީ ކޮލެސްޓްރޯލް ފަޅައިގެން ދިޔައީމަ އާންމު ގޮތެއްގައި. ދެން މި އަންނަނީ ވަރަށް ގިނަ ދުވަސް މަތިން ސަރުބީ ޖަހައިގެން، ސަރުބީ ހަރުވެގެން. އޭގެ ސަބަބުން މިވާ ގޮތަކީ ހިތުގެ ހޮޅީގައި ލޭ ދައުރު ވާންޖެހޭ ވަރަށް ދައުރުނުވަނީ" ޑރ. ޝަނީޒް ވިދާޅުވިއެވެ.

ކަސްރަތު ނުކުރުމަކީ ބައްޔަށް ހުށަހެޅޭ ސަބަބެއް ކަމަށްވާއިރު، ގަވައިދުން ކަސްރަތުކޮށް ހެލިފެލިވެ އުޅޭ މީހުންގެ ކިބައިން ވެސް ހިތުގެ ބަލިތައް ފެނިފައި ހުރި ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

ބަލި ދެނެގަނެ، ރައްކާތެރިވާނީ ކިހިނެތް؟

ހިތުގެ ނާރުތަކުގެ 80 ޕަސެންޓު ބެދިގެން ނޫނީ އެކަމުގެ އާލާމާތެއް އެއްވެސް ވަރަށް ނުފެންނާނެއެވެ. ނަމަވެސް، ގަވައިދުން ކަސްރަތު ކުރާ މީހެއް ނަމަ، އެ ގަޑީގައި ހިތުގެ ވިންދު އަވަސްވާނެއެވެ. އެގަޑީގައި ހިތަށް އިތުރަށް ލޭ ބޭނުންވާނެއެވެ. އަދި، ނާރު އެއްވެސް ވަރަށް ބެދިފައި ހުރި ނަމަ ގަވައިދުން ކަސްރަތު ކުރާ މީހުންނަށް އުނދަގޫވާނެއެވެ.

މިފަދަ އަލާމަތްތައް ކުރިމަތިވާނަމަ އަވަހަށް ހިތުގެ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ. އެއީ ހާޓް އެޓޭކެއް ޖެހުމުގެ ކުރިން ނުވަތަ ނާރުގައި ހުރި ބެދުން އިތުރަށް ހަރުވެ، ގޯސްވުމުގެ ކުރިން ފަރުވާ ކުރަން ފަސޭހައަކަށެވެ. އެއަށްވުރެ ގޯސް ހާލަތްތަކުގައި ފަރުވާ ކުރަން އުނދަގުވެ، ރިސްކު ވެސް އިތުރަށް މަތިވެއެވެ.

ޗެކަޕްތައް ހެދުމުން ހިތުގެ ބަލިތަކުގެ އާލާމަތްތައް އަވަހަށް ދެނެގަނެވޭ ----

އެހެންކަމުން، ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ދުންފަތާ ދުރުވާން ޖެހެއެވެ. އޭގެފަހުން، ގަވައިދުން ކަސްރަތުކޮށް، ހެލިފެލިވެ އުޅެން ޖެހެއެވެ. އެކަމުން ލިބޭ ފައިދާތަކަށް ބަލާއިރު، ކޮލެސްޓްރޯލާއި ލޭގެ ޕްރެޝަރު ދަށްވާނެއެވެ. އަދި، ބަލީގެ އަލާމާތްތައް ކުރިން ދެނެގަނެވި، އަވަހަށް ފަރުވާ ކުރެވޭނެއެވެ.

ބައްޔަށް ހުށަހެޅިފައިވާކަން ދެނެގަތުމަށް ކޮލެސްޓްރޯލާއި ލޭގް ޕްރެޝަރާއި ހަކުރު ޓެސްޓުތަކުގެ ޗެކަޕްތައް ހަދަން ޖެހެއެވެ. މި ޗެކަޕްތައް އަހަރަކު އެއް ފަހަރު ހެދުމުން ވެސް ރަނގަޅުވާނެ ކަމަށް ސިއްހީ މާހިރުން ލަފާދެއެވެ.

ކޮންމެ ބައްޔެއް ދިމާވާން ސަބަބުތަކެއް ހުންނައިރު، އެކަމުން ރައްކާތެރިވާން އަވަހަށް ފިޔަވަޅު އަޅަން ޖެހެއެވެ. ނޫނީ، ދުވަހަކުން ދުވަހެއް ބަލިތަކުގައި މަރުވާ މީހުން ނިސްބަތުން އިތުރުވާނެއެވެ. އަދި، ހުށަހެޅޭ މީހުންގެ އަދަދު ވެސް އިތުރުވާނެއެވެ.

comment ކޮމެންޓް