ބައިނަލްއަޤުވާމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ފުވައްމުލަކު ސިޓީއަށް ވަޑައިގެންފިއެވެ.
ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 27 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަސް ކަމުގައިވާއިރު، މިނިސްޓަރުގެ މި ދަތުރުފުޅަކީ މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.
މިނިސްޓަރުގެ މި ދަތުރުފުޅުގައި ފުވައްމުލަކު ސިޓީގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުމުގައި ފުވައްމުލަކުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި، ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ވެސް ވަނީ ރޭވިފައެވެ.
މީގެއިތުރުން، މިރޭ ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ފުވައްމުލައް ޓޫރިޒަމް އެވޯޑް 2024" ގެ ހަފުލާގައި ހާއްސަ މެހެމާނެއް ގޮތުގައި މިނިސްޓަރު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މި ހަފުލާގައި ފުވައްމުލަކުގެ ފަތުރުވެރި ކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް އެވޯޑު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރުގެ މި ދަތުރުފުޅަކީ ފުވައްމުލަކުގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު ހިތްވަރެއް ލިބޭނެ ދަތުރުފުޅެއް ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުންގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.