ރައްޔިތުން ހަވާލުކޮށްފައިވާ ވަޒީފާތަކަށް ފަރުވާކުޑަކުރުމަކީ ގައުމަށް ވެވޭ ބޮޑު ޚިޔާނާތެއް: ޚުތުބާ

ހުކުރު ޚުތުބާ ދެނީ: ރައްޔިތުން ހަވާލުކޮށްފައިވާ ވަޒީފާތަކަށް ފަރުވާކުޑަކުރުމަކީ ދީނާއި ގައުމަށް ވެވޭ ބޮޑު ޚިޔާނާތެއްކަމަށް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައި -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ވަޒީފާތަކަކީ ރައްޔިތުން ހަވާލުކޮށްފައިވާ ބޮޑުވެގެންވާ އަމާނާތެއް ކަމަށާއި، އެ އަމާނާތްތައް އަދާކުރުމުގައި ފަރުވާކުޑަކޮށް ފަރުދުންނާއި މުޖުތަމައުގެ މަސްލަހަތަށް އިސްކަން ނުދޭ ނަމަ އެއީ ތިމާގެ ދީނާއި ގައުމަށް ވެވޭ ބޮޑު ޚިޔާނާތެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ ޒިންމާދާރުވުމާއި މަސްއޫލިއްޔަތު އުފުލުމުގެ މައްޗަށެވެ.

އެގޮތުން ޚުތުބާގައި ބުނީ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އަދާކުރާ ވަޒީފާތަކާއި މަސްއޫލިއްޔަތުތަކަކީ އަމާނާތެއް ކަމަށާއި ވަޒީފާ އަދާކުރުމުގައި ތެދުވެރިވެ، އިޚްލާސްތެރިވާން ޖެހޭނެ ކަމަށެވެ. އަދި ކަންކަން ކުރުމުގައި ރައްޔިތުންގެ ހައްގުތަކަށާއި ގައުމީ މަސްލަހަތަށް އިސްކަންދޭން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

އަހަރެމެންގެ ވަޒީފާތަކާއި، ރައްޔިތުން އަހަރެމެންނާ ހަވާލު ކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކަކީ، ބޮޑުވެގެންވާ އަމާނާތެއް. އެހެންކަމުން އެ އަމާނާތްތައް އަދާކުރުމުގައި ފަރުވާކުޑަކޮށް، ފަރުދުންނާއި މުޖުތަމަޢުގެ މަސްލަހަތަށް އިސްކަން ނުދޭ ނަމަ، އެއީ ތިމާގެ ދީނާއި ގައުމަށް ވެވޭ ބޮޑު ޚިޔާނާތެއް، ހުކުރު ޚުތުބާ

ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ އީމާންކަމާ ގުޅިފައިވާ ދެ ސިފަކަން ފާހަގަކޮށް ޚުތުބާގައި ބުނީ ޒިންމާއާއި މަސްއޫލިއްޔަތު އަދާނުކުރުމަކީ ނަޒާހަތްތެރިކަން ގެއްލި، އަދުލު އިންސާފާ ދުރަށް ގޮސް، އަނިޔާވެރިކަމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

ހަމައެއާއެކު އަމިއްލަ މަސްލަހަތު އިސްކުރުމަކީ، ތިމާ އަދާކުރާން ޖެހޭ މަސްއޫލިއްޔަތަށް އުނިކަން އަންނަ ކަމެއް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ. އަދި ފުރިހަމަ މުސްލިމުންނަކީ ތިމާގެ އަމިއްލަ ފައިދާއާއި މަސްލަހަތަށް ވުރެ ބޮޑަށް، އަނެކުންގެ މަސްލަހަތަށް އިސްކަންދީ އަނެކުންނަށްޓަކައި ތިމާ އަދާކޮށްދޭން ޖެހޭ ވާޖިބަށް އިސްކަންދޭ މީހުން ކަމަށް ބުނެފައިވެއެވެ.

ހަމައެއާއެކު، ތިމާގެ ހައްގުތައް ލިބެން އެދޭ ފަދައިން، އެހެން މީހުންގެ ހައްގުތައް ލިބިދެވޭތޯ ފުރިހަމަ މުސްލިމުން ބަލާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ހުކުރު ޚުތުބާ އަޑުއަހަނީ: ރައްޔިތުން ހަވާލުކޮށްފައިވާ ވަޒީފާތަކަށް ފަރުވާކުޑަކުރުމަކީ ދީނާއި ގައުމަށް ވެވޭ ބޮޑު ޚިޔާނާތެއްކަމަށް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައި -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ގައުމުގެ ވަޙްދަތާއި ސިޔާދަތު ދެމެހެއްޓުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަމަށާއި އެންމެންގެ ވާޖިބެއްކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އެކަންކަން ދެމެހެއްޓޭނީ އަހަރެމެންގެ ތެރޭގައި މަސްއޫލިއްޔަތު އުފުލުމުގެ ތެދުވެރި ރޫހެއް ހުރެ، މުޖުތަމައުގެ ކޮންމެ ފަރުދަކުމެ އޭނާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކޮށްގެން ކަމަށް ޚުތުބާގައި ބުންޏެވެ.

ކީރިތި ރަސޫލާގެ ފަރާތްޕުޅުން ފެނުނީ ރިވެތި ނަމޫނާއެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ޙާކިމުންނާއި، ވެރީންގެ އިތުރުން އެކިވަރުގެ އަމުރުވެރީން ރިވެތި ނަމޫނާ ދައްކައި ޒިންމާދާރު ވެއްޖެނަމަ އާންމު ރައްޔިތުން އެބައިމީހުންނަށް ތަބާވާނެ ކަމަށެވެ.

ހަގީގަތުގައި ކޮންމެ މަސްއޫލިއްޔަތަކީ، މާތްﷲ އެ ފަރާތަކާ ހަވާލުކުރައްވައިފައިވާ ވަރަށް ބޮޑު އަމާނާތެއް. އެހެންކަމުން އެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުނުވޭ! ގިޔާމަތް ދުވަހުން އެ ކަމުގެ ޒިންމާ އެ ފަރާތަކުން އުފުލަންޖެހޭނެ. އެ ދުވަހަކީ ތިމާ މި ދުނިޔެމަތީގައި ކުޅަ އެއްވެސް ކަމަކުން ރެކެވޭނެ ދުވަހެއް ނޫން. ބަހަނާއެއް ދެއްކޭނެ ދުވަހެއް ނޫން، ހުކުރު ޚުތުބާ

ޒިންމާދާރުވުމާއި މަސްއޫލިއްޔަތު އަދާކުރުމުގައި ގައުމުގެ އިސް ވެރީންނާއި، ގާނޫނު ހަދާ މުއައްސަސާތަކާއި، އަދުލު އިންސާފު ގާއިމުކުރާ މުއައްސަސާތަކާއި، ގާނޫނު ނަގަހައްޓާ މުއައްސަސާތަކާއި، ގައުމުގެ ސިޔާދަތާއި އަމަން އަމާންކަން ބަލަހައްޓާ މުއައްސަސާތަކާއި، އިގުތިސާދާއި ބައިތުލްމާލު ބަލަހައްޓާ މުއައްސަސާތަކުގެ ޒިންމާއާއި މަސްއޫލިއްޔަތު ވަކީން ބޮޑުކަން ޚުތުބާގައި ފާހަގަކުރިއެވެ.

މީގެ އިތުރަށް ވިޔަފާރިވެރީންނަކީ ވެސް އެ މީހުން ޚިދުމަތް ފޯރުކޮށްދޭ ރައްޔިތުންގެ މައްޗަށް މަސްއޫލިއްޔަތު އުފުލާ، ޒިންމާ އަދާކުރާން ޖެހޭނެ ބައެއްކަން ވަނީ ހަނދާންކޮށްދީފައެވެ. ހަމައެއާއެކު ބައެއް މީހުންނަކީ އަދާކުރާ މަސްއޫލިއްޔަތުގެ ބާވަތުން އިޚްލާސްތެރިކަމާއެކު އެ މަސްއޫލިއްޔަތު އަދާކުރުމަށް މާތް ﷲ ގަންދީ ހުވައިކޮށްގެން ތިބި ބައެއްކަން ވެސް ވަނީ ހަނދާންކޮށްދީފައެވެ.

މިއިން ކޮންމެ މީހަކާ ހަވާލުވެފައިވާ މަސްއޫލިއްތު އަދާކުރީ ކިހިނެއްތޯ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނެކަމަށް ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.

comment ކޮމެންޓް