ގޮންޖެހުންތަކާއެކު ވެސް، ފަލަސްޠީނުގެ ނޫސްވެރިޔާ ބިސާން އެމީ އެވޯޑު ކާމިޔާބުކޮށްފި

ފަލަސްޠީނުގެ ނޫސްވެރިޔާ ބިސާން އައުދާ--ފޮޓޯ/އިންޑިޕެންޑެންޓް

މި އަހަރުގެ އެމީ އެވޯޑްސްގެ "އައުޓްސްޓޭންޑިންގް ހާޑް ނިއުސް ފީޗާ ސްޓޯރީ"ގެ ކެޓަގަރީއަށް ނޮމިނޭޓްވި ފަލަސްޠީނުގެ ނޫސްވެރިޔާ ބިސާން އައުދާއަށް އެ އެވޯޑު ކާމިޔާބުވެއްޖެއެވެ.

ބިސާން ނޮމިނޭޓް ކޮށްފައި ވަނީ އަލް ޖަޒީރާގެ އޭޖޭ ޕްލަސްއިން ޕްރޮޑިއުސްކޮށްފައިވާ އޭނާގެ ޑޮކިއުމެންޓްރީ 'އިޓްސް ބިސާން ފްރޮމް ގާޒާ އެންޑް އައިމް ސްޓިލް އަލައިވް' އަށެވެ.

ޖުމްލަ އަށް މިނެޓުގެ މިޑޮކިއުމެންޓްރީގައި ދައްކުވައިދެނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުން ދޭން ފެށި ހަމަލާތަކަށް ފަހު ބިސާންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކެވެ. އެގޮތުން، ޣައްޒާގައި ހުރި އޭނާގެ ގެ ދޫކޮށް ދާން މަޖުބޫރުވެ، އިސްރާއީލުން ހިންގަމުން އަންނަ ޖަރީމާތަކުގެ ތެރޭގައި ދިރިއުޅެން ޖެހިފައިވާ ގޮތް ޑޮކިއުމެންޓްރީން ދައްކުވައިދެއެވެ.

މީގެއިތުރުން ޣައްޒާގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަޔާންކޮށް މި ޑިކޮއުމެންޓްރީ ރިޕޯޓުގައި އެކަމަށް އަލި އަޅުވާފައިވެއެވެ.

ބިސާންގެ ބަދަލުގައި ސްޓޭޖުމަތިން މި އެވޯޑާ ހަވާލުވީ އަލްޖަޒީރާ ޕްލަސް ރިޕޯޓްސްގެ ސީނިއަ އެގްޒެކެޓިވް ޕްރޮޑިއުސަރު ޖޯން ލޯރެންސްއެވެ.

އެވޯޑާ ހަވާލުވަމުން އޭނާ ބުނީ، ބިސާންއަށާއި ބިސާންއާއި ހިތްވަރުގަދަ ނޫސްވެރިންނާ މެދު ފަޚުރުވެރިވާ ކަމަށެވެ. އަދި އެ އެވޯޑަކީ، އިޒްރޭލުން ދެމުންދިޔަ ނުރައްކާތެރި އެތައް ހަމަލާއަކުން ސަލާމަތްވެ، ހަމައެކަނި ގެންގުޅުނު ފޯނުގެ އެހީގައި ދުނިޔެއަށް ހަގީގަތް ހާމަކޮށްދިނުމުގެ މަސައްކަތުގައި ދެމިހުރި ހިތްވަރުގަދަ އަންހެނެއްގެ ބާރު ދައްކުވައިދޭ އެވޯޑެއް ކަމަށް ލޯރެންސް ބުންޏެވެ.

އޭގެ އިތުރުން އޭނާ ވަނީ، ޣައްޒާގައި ފަލަސްޠީނުގެ 100އަށް ވުރެ ގިނަ ނޫސްވެރިން ޝަހީދުކޮށްލާފައިވާ ކަމަށާއި އޭގެތެރޭގައި އަލްޖަޒީރާގެ ނޫސްވެރިންވެސް ހިމެނޭކަން ފާހަގަކޮށްފައެވެ.

ބިސާން ފަދަ ހިތްވަރުގަދަ ނޫސްވެރިއެއްގެ މަސައްކަތް ގަބޫލުކޮށް އެކަން ފާހަގަކުރުމާ ގުޅިގެން އަލްޖަޒީރާ ޕްލަސްގެ ޓީމުން ވަނީ އެމީގެ ޖޫރީ މެމްބަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ބިސާންއަށް މި އެވޯޑު ލިބިފައިވަނީ، އެ ޑޮކިއުމެންޓްރީގެ ނޮމިނޭޝަން ބާތިލުކުރުމަށް ގޮވާލައި، 150އަށް ވުރެ ގިނަ އެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ސޮޔާއެކު އިޒްރޭލަށް ތާއީދު ކުރާ ޖަމްއިއްޔާއަކުން ގޮވާލައިފައި ވަނިކޮށެވެ.

މިދިޔަ އޮކްޓޯބަރު މަހު އިސްރާއީލުން ޣައްޒާއަށް ހަމަލާ ދޭން ފެށި ފަހުން ބިސާން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާއާއި ފަލަސްތީނުގެ އެހެން ރައްޔިތުންގެ ހާލަތު ހިއްސާކުރަމުންނެވެ. އެގޮތުން އިސްރާއީލް ޑިފެންސް ފޯސެސް (އައިޑީއެފް)އިން އަމާޒުކުރާ ހަމަލާތަކުން ލިބޭ ގެއްލުމާއި ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭހާއި އެހެނިހެން ވަސީލަތްތައް ނުލިބޭ މައްސަލައަށް އޭނާ ސަމާލުކަން ގެނެސްދެއެވެ.

ބިސާން އާންމުކޮށް ބޭނުންކުރާ އިންސްޓަގްރާމް އެކައުންޓުގައި އޭނާގެ ފޮލޯވަރުންގެ އަދަދު މިހާރު 4.7 މިލިއަނަށް އަރައެވެ.

comment ކޮމެންޓް