ޑޮލަރު ގަތުމުގެ ނަމުގައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު، އޭނާގެ އަމިއްލަ ދަރިއެއްގެ އެކައުންޓަށް ވެސް މިލިއަނަކަށްވުރެ ގިނަ ރުފިޔާ އެކި ފަހަރު މަތިން ޖަމާކޮށްފައިވާ ކަން ހާމަވެއްޖެއެވެ.
މި ކަން ހާމަވީ އޮޑިޓް އޮފީހުން އާންމުކުރި އޮޑިޓު ރިޕޯޓުންނެވެ.
އެ ރިޕޯޓަކ،ީ ޕީއެސްއެމަށް ޑޮލަރު ގަތުމަށް އަމިއްލަ ފަރާތްތަކަށް އެކިފަހަރު މަތިން ގިނަ ޢަދަދެއްގެ ފައިސާ ދިނުމަށްފަހު އޭގެ ތެރެއިން ބައެއް ފައިސާއަށްވާ ޑޮލަރު ނުލިބި ހުރި މައްސަލައާ ގުޅިގެން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
އޮޑިޓް ރިޕޯޓުގައި ވަނީ ޖުމުލަ 9,034,083 ރުފިޔާ ޕީއެސްއެމްގެ މާލިއްޔާއިން ގެއްލިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައެވެ.
އޭގެ ތެރޭ ހިމެނެނީ:
- ޕީއެސްއެމްއަށް ބޭނުންވާ ޑޮލަރު ގަތުމުގެ ނަމުގައި 2020 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނެގި ފައިސާގެ ތެރެއިން 4.58 މިލިއަން ރުފިޔާއާ
- 2017 ވަނަ އަހަރުން ފެށިގެން 2024ވަނަ އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް ޕީއެސްއެމްއަށް އާމްދަނީ
- އެހެނިހެން ގޮތްގޮތުން ބަލައިގަނެފައިވާ ފައިސާގެ ތެރެއިން 4.26 މިލިއަން ރުފިޔާ
- ޕީއެސްއެމްގެ ތިޖޫރީގައި ހުރި ފައިސާގެ ތެރެއިން 190,087 ރުފިޔާ
މީގެ އިތުރުން އޮޑިޓުގައިވާ ގޮތުން ޑޮލަރު ގަތުމަށް 2020ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް އެކި ފަހަރު މަތިން ޖުމުލަ 373,988 ޑޮލަރަށްވާ 5,785,346 ރުފިޔާ ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނަގައިފައިވާއިރު އެ ފައިސާގެ ތެރެއިން 4,583,701 ރުފިޔާ އަށްވާ 297,257 ޑޮލަރު ޕީއެސްއެމަށް ލިބިފައިނުވާކަން ފާހަގަކުރެވިފައިވެއެވެ.
އަދި ޑޮލަރު ގަތުމަށް ނެގި ފައިސާގެ ތެރެއިން ޕީއެސްއެމްއަށް ލިބިފައިވަނީ ހަމައެކަނި 1,201,645 ރުފިޔާ އަށްވާ 76,731 ޑޮލަރުކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން އޮންލައިން ޓްރާންސްފާ ހަދައިގެން 1,284,479 ރުފިޔާ ޑޮލަރު ގަތުމަށް ނަގއިފައިވާއިރު ޖުމުލަ 75,491 ޑޮލަރަށްވާ 1,164,068 ރުފިޔާ އެކިފަހަރު މަތިން ޖަމާކޮށްފައިވަނީ ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރުގެ ދަރިއެއްގެ
ބޭންކް އެކައުންޓަށްކަން ފާހަގަކުރެވުނުކަމަށް ވެސް އޮޑިޓުގައިވަނީ ބުނެފައެވެ.
މީގެ އިތުރުން ވެސް އޮޑިޓު ރިޕޯޓުގައި ތަފްސީލީ ގޮތެއްގައި ޚިޔާނާތާ ގުޅޭ ކަންކަން ވަނީ ގެނެސްފައެވެ.