މުވައްޒަފުންގެ ގުޅުން ބަދަހި ކުރަން ކަމަށް ބުނެ، ތަޖުރިބާ ދަތުރެއްގެ ތެރެއިން ގދ. އަތޮޅުގެ ފަޅު ރަށްތަކަކަށް ކ. ކާށިދޫ ކައުންސިލުން ދިޔަ މައްސަލައެއް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފިއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ، ކާށިދޫ ކައުންސިލްގެ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓެއް އާންމުކޮށްފައެވެ. އެ ރިޕޯޓުގައި ވަނީ، އެ އޮފީހަށް ފާހަގަވި މައްސަލަތަކާއި އެ ކަންކަން ހައްލު ކުރާނެ ގޮތުގެ ލަފާދީފައެވެ.
ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި އިދާރީ މުވައްޒަފުން ހިމެނޭހެން ކާށިދޫ ކައުންސިލްގެ 18 މުވައްޒަފަކު ވަނީ، ޑިސެމްބަރު 28، 2022 އިން ޖަނަވަރީ ދޭއް، 2023އަށް ގދ. އަތޮޅުގެ ބައެއް ރަށްތަކަށް ތަޖުރިބާ ދަތުރެއް ކޮށްފައެވެ. އޮޑިޓުގައި ބުނީ، އެ ދަތުރަށް ކައުންސިލް ބަޖެޓުން 170،726 ރުފިޔާ ވަނީ ޚަރަދުކޮށްފައި ކަމަށެވެ.
އެ ދަތުރުގެ ތެރެއިން، އެ ސަރަހައްދުގައި މީހުން ދިރިނޫޅޭ ގދ. ކަފެނާއާއި ގދ. ލާބަދޫއަށް ދިޔުމަށް 4،400 ރުފިޔާ ކައުންސިލުގެ ބަޖެޓުން ވަނީ ޚަރަދުކޮށްފައެވެ. އެ ރަށްތަކަށް ދިޔުމުގެ ބޭނުމާއި މަގުސަދު ދަތުރު ރިޕޯޓުގައި ބަޔާންކޮށްފައި ނެތް ކަމަށް އޮޑިޓުގައިވެއެވެ.
އެހެންވެ، އެ ކަމާ ގުޅިގެން ކައުންސިލާ، އޮޑިޓުން ވަނީ ސުވާލުކޮށްފައެވެ. އެ ދަތުރަކީ، މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް، ''މޯޓިވޭޝަން'' ނުވަތަ މަސައްކަތުގެ ރޫހު އިތުރުކުރުމަށް ކޮށްފައިވާ ދަތުރެއް ކަމަށް ކައުންސިލުން ބުނި ކަމަށް ރިޕޯޓުގައިވެއެވެ.

ކ. ކާށިދޫ: އެ ރަށު ކައުންސިލަރުން ގުޅުން ބަދަހިކުރަން ކަމަށް ބުނެ، ތަޖުރިބާ ދަތުރެއްގައި ކާށިދޫ ކައުންސިލުން ފަޅު ރަށްތަކަކަށް ދިޔަ މައްސަލައެއް ވަނީ އޮޑިޓުގައި ފާހަގަކޮށްފައި ----
"އެހެންކަމުން މީހުން ނޫޅޭ ދެ ރަށަކަށް ކޮށްފައިވާ މި ދަތުރަކީ، ރަށްރަށުގެ ކައުންސިލްތަކާ ޕްރޮޖެކްޓުތައް ހިނގަމުންދާ ގޮތް ބަލައި، ތަޖުރިބާ ހޯދުމަށް ކުރި ދަތުރާ ގުޅޭ ޚަރަދެއް ކަމުގައި ނުބެލެވޭ" އޮޑިޓުގައި ފާހަގަކުރިއެވެ.
އޭގެފަހުން، ޑިސެމްބަރު 26، 2023އިން މިދިޔަ އަހަރަ އަހަރުގެ ޖަނަވަރީ ދެވަނަ ދުވަހަށް އިތުރު ތަޖުރިބާގެ ދަތުރެެއް ވަނީ ކޮށްފައެވެ. އައްޑޫއާއި ފުވައްމުލައް ސިޓީއަށް ކުރި އެ ދަތުރުގައި އެ ކައުންސިލްގެ ފަނަރަ މުވައްޒަފުން ބައިވެރިވިއެވެ.
އޮޑިޓު ރިޕޯޓުގައި ބުނީ، އެ ދަތުރުތަކުގެ މަގުސަދާ ނުގުޅޭ ބައެއް ކަންކަން ކޮށްފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން، އައްޑޫއާއި ފުވައްމުލައް ސިޓީއަށް ކުރި ތަޖުރިބާ ދަތުރުގެ މަގުސަދާ ނުގުޅޭ ކަންކަމަށް ކައުންސިލްގެ ބަޖެޓުން 8،270 ރުފިޔާ ޚަރަދުކޮށްފައިވާކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ.
އޭގެއިތުރަށް، އައްޑޫއާއި ފުވައްމުލަކަށް ކުރި ދަތުރުގައި އެ ސިޓީތަކުގެ އެތެރޭގެ އުދުހުންތަކާއި ބައެއް އެހެނިހެން ޚަރަދުތަކަށް 28،227 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ދަތުރާ ގުޅޭ ޚަރަދު ރިޕޯޓާ ހަވާލާދީ ރިޕޯޓުގައިވެއެވެ.
ނަމަވެސް، އޮޑިޓަރުންނަށް ލިބުނީ، 14،920 ރުފިޔާގެ ޚަރަދާ ގުޅޭ ބިލުތައް ކަން ފާހަގަކޮށް، އޮޑިޓުގައި ބުނީ، ބާކީ 13،307 ރުފިޔާ ޚަރަދުކޮށްފައިވާ ކަންކަމާއި އެ ޚަރަދުތަކުގެ ސައްހަކަން ކަށަވަރުކުރެވިފައިނުވާ ކަމަށެވެ.
އެ ކަންކަން އިސްލާހު ކުރުމަށް ކާށިދޫ ކައުންސިލަށް އޮޑިޓުގައި ވަނީ ލަފާދީފައެވެ. އެގޮތުން، ފިނޭންސް މިނިސްޓްރީން ނެރޭ މާލިއްޔަތާ ބެހޭ ސާކިއުލާގައި އިރުޝާދު ދޭ ގޮތަށް ޚަރަދުކުރުމަށް ވަނީ ލަފާ ދީފައެވެ.
ދައުލަތުން ކުރާ ޚަރަދުތައް ކުޑަކުރުމަށް އެ ފަދަ ކަންކަމަށް ހިނގާނެ ޚަރަދު ކައުންސިލުގެ ބަޖެޓުން ނުކޮށް، ސްޕޮންސާއާއި އެހީ ހޯދައިގެން ނޫނީ ކައުންސިލުން ކުރާ އެފަދަ ދަތުރުތަކަށް ޚަރަދު ނުކުރަން ވަނީ އެދިފައެވެ.
ހަމައެހެންމެ، ތަޖުރިބާ ހޯދުމުގެ ގޮތުން ކުރާ ދަތުރުތަކާއި ކައުންސިލްގެ އެހެނިހެން ބޭނުންތަކަށް ކުރާ ދަތުރުތަކުގެ މަގުސަދުގައި ނުހިމެނޭ ކަންކަމަށް ކައުންސިލްގެ ބަޖެޓުން ޚަރަދުނުކުރަން ވެސް ވަނީ، އޮޑިޓުގައި އިލްތިމާސްކޮށްފައެވެ.
އޮޑިޓު އޮފީހުން ކައުންސިލްތައް އޮޑިޓު ކުރުމަށް ފަހުގައި އާންމުކުރެއެވެ. އެފަދަ ރިޕޯޓުތަކުގައި ކައުންސިލުތަކުގެ މައްސަލަތައް ފާހަގަކޮށް، އިސްލާހު ކުރުމަށް ލަފާދީފައި ހުރެއެވެ.