ކަނޑުދަތުރު ކުރުމުގެ ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކުރާނަން: އަމީން

ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން: ވިދާޅުވީ ކަނޑުދަތުރު ކުރުމުގެ ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކުރާނެ ކަމަށް --- ފޮޓޯ/ ޓްރާންސްޕޯޓް މިނިސްޓްރީ

ކަނޑުދަތުރުފަތުރު ކުރުމުގެ އެންމެހާ ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކުރައްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ، ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ އެންމެ ފަހު ބުރާސްފަތި ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ ކަނޑުދަތުރު ފަތުރުގެ ދުވަހާ ގުޅުވައި ދެއްވި ޚިތާބެއްގައެވެ.

އެ ޚިތާބުގައި މިނިސްޓަރު ވިދާޅުވީ، ދަތުރުފަތުރުގެ ދާއިރާއަށް ޒުވާނުން ނިކުތުމަކީ މުހިންމު ކަމެއް ކަމަށާއި މި ދާއިރާއަށް އަންހެނުން ނިކުމެ، އަންހެނުން ބައިވެރިކުރުމަކީ މުހިންމު ކަމެއް ކަމުގައެވެ.

އެގޮތުން، މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށް ބާރުއަޅަމުން އަންނަ ޒަމާނެއްގައި، ކަނޑުދަތުރުފަތުރު ކުރުމުގެ ހުރިހާ ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާ ކުރައްވާނެ ކަމަށް އަމީން ވިދާޅުވިއެވެ.

ލޯންޗުތަކެއް: ކަނޑުދަތުރު ކުރުމުގެ ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކުރާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި — ސަން ފޮޓޯ/ ފަޔާޒް މޫސާ

އެކަމަށް މަގުފަހި ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބޮޑު އިސްކަމެއް ދީގެން ކެންޕޭނެއް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

"ދިވެހިންނަކީ ކަނޑަށް ފަރިތަ ބައެއްގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރުވެގެން ދިޔައީވެސް ދިވެހިންގެ މައިގަނޑު މަސައްކަތް ކަނޑުދަތުރުފަތުރާއި ގުޅިފައިވާތީ،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން، ކަނޑުމަތީގެ ދާއިރާއަށް ޓެކްނޮލޮޖީގެ އިންގިލާބީ ބަދަލެއް އައިސްފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، ޑިޖިޓަލައިޒޭޝަނާއި އޮޓޮމޭޝަންގެ ރޮނގުން ބޮޑެތި ބަދަލުތަކެއް ވެސް އައިސްފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން އާންމު ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުމަށާއި ހޭލުންތެރިކަން އިތުރުކުރުމަށް ފުރުސަތުތައް ފަހިވެފައިވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވެފައިވެއެވެ.

ބަޔަކު ލޯންޗުގައި ދަތުރުކުރަނީ: ކަނޑުދަތުރު ކުރުމުގެ ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކުރާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި — ސަން ފޮޓޯ/ ފަޔާޒް މޫސާ

މިނިސްޓަރު އިތުރަށް ވިދާޅުވީ، ތިމާވެށި ރައްކާތެރިކުރަން ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި އެކަމުގައި ރައްކާތެރިކަން އިތުރުކުރުމަކީ އިގްތިޞާދީ ކުރިއެރުމަށް މުހިންމު ކަމެއް ކަމަށެވެ.

"ދެމެހެއްޓެނިވި ތަރައްގީއަކީ އދ. ގެ ވަރަށް ގިނަ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަގުފަހިކޮށްދޭ އަމާޒެއް. ސާފުހަކަތަ، އިޤްތިސާދީ އަދި އީޖާދީ ކުރިއެރުންތައް، މޫސުމަށް އަންނަ ބަދަލުތަކަށް ހައްލު ހޯދުމާއި ކަނޑުގެ ރީތިކަން ހިމާޔަތްކުރުން ވެސް އދ. ގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ," އަމީންގެ ޚިތާބުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ އިގްތިޞާދީ މަސައްކަތްތައް ކަނޑާ ގުޅިފައިވާއިރު، ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމުގެ މުހިންމުކަން ގަބޫލުކުރާ ބަޔަކަށް ދިވެހިން ވާންޖެހޭ ކަމަށް މިނިސްޓަރު ދެކިވަޑައިގަންނަވައެވެ.

އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން މިއަހަރުގެ ކަނޑުދަތުރުފަތުރުގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޔާރަކީ "މުސްތަޤްބަލަށް ދަތުރުކުރުން: ފުރަތަމަ ރައްކާތެރިކަން" މި ޝިއާރެވެ.

comment ކޮމެންޓް