ގޯލު ކީޕަރެއް، ފުލުހެއް: ގައުމީ ޚިދުމަތުގައި މުޅިން ހޯދަދެނީ ރީތިނަން!

ލީޒާ ކްރައިމް ސީނެއްގައި މަސައްކަތްކުރަނީ -- ސަން ފޮތޯ

ރިކުއެސްޓު ފޯނު ކޯލަކާއެކު އޭނާ ޓީމު ގޮވައިގެން ދަތުރުކުރީ ވީހާވެސް އަވަހަށް ސީނަށް ވާސިލުވެވޭތޯއެވެ. ކާރުން ފޭބިއިރު ގަދަ ނޫ ކުލައިގެ ޔުނިފޯމްގައި ހުރި އޭނާގެ އަތުގައި ކަޅު ކުލައިގެ ފޮއްޓެއް އޮތެވެ. ސީނަށް ދިޔައިރު ބިންމަތީގައި އޮތީ ހުސް ލެއެވެ. ދުރުގައި ވަޅިއެއް ވެސް އޮތެވެ. އަތަށް އަންގި މަހާލުމަށްފަހު، ފުރަތަމަ ވެސް އޭނާ ފެށީ މާރާމާރީއެއް ހިނގައިދިޔަ އެ ސަރަހައްދުން ހެކި ރައްކާތެރިކަމާއެކު އެއްކުރެއްވުމުގެ މަސައްކަތެވެ.

އެންމެންގެ ނަޒަރު ހުރީ އޭނާއަށެވެ. ނުދަންނަ މޫނެއް ނޫނެވެ. ނަމަވެސް ތަފާތަކަށްވީ އޭނާ އަޅައިގެން ހުރި ޔުނިފޯމެވެ. ގިނަ މީހުން އޭނާ ދަންނަނީ ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ގޯލު ކީޕަރުގެ ގޮތުގައެވެ. ފާއިތުވެ ދިޔަ 16 ވަރަކަށް އަހަރު އޭނާ ވަނީ ފުޓްބޯޅައިގެ ރޮނގުން ރާއްޖެއަށް ރީތި ނަން ހޯދައިދިނުމުގައި މުހިންމު ރޯލެއް ގައުމީ ޓީމާއެކު އަދާކުރައްވައިފައެވެ.

މިއީ ބ. ދޮންފަނަށް އުފަން އުމުރުން 38 އަހަރުގެ ޕޮލިސް ސީނިއާ ސާޖެންޓު، އައިމިނަތު ލީޒާ (ލިޒީ)ގެ ވާހަކައެވެ. ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރައްވާތާ 18 ވަރަކަށް އަހަރުވިއިރު އޭނާގެ ފުޓްބޯޅައިގެ ކެރިއަރު ފެށުނީ ވެސް ފުލުސް އިދާރާގެ ތެރެއިންނެވެ. ފެށުނީންސުރެ ވެސް ލީޒާ މަސައްކަތް ކުރެއްވީ ފުލުހުންގެ ފޮރެންސިކް ޑިޕާޓްމަންޓުގައެވެ. އެގޮތުން އެންމެ ފުރަތަމަ ތިން އަހަރު އޭނާ މަސައްކަތްކުރެއްވީ ފޮރެންސިކް ކްރައިމް އޮފް ސީން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައެވެ. އެއަށް ފަހު މިއަދާ ހަމައަށް ވެސް އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ސީން އޮފް ކްރައިމް އޮފިސަރެއްގެ (ސޯކޯ) ގޮތުގައެވެ.

ލީޒާ، ފޮރެންސިކް ކިޓުގައި މަސައްކަތުގައި -- ސަން ފޮޓޯ

ބުރަ މަސްއޫލިއްޔަތެއް ނަމަވެސް ފޮރެންސިކްގެ މަސައްކަތަށް ޚާއްސަ ލޯތްބެއް

ލީޒާ ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ އެޑްމިނިސްޓްރޭޓިވް މަސައްކަތްކުރިއިރު އޭނާ ވަނީ ފޮރެންސިކް ދާއިރާއަށް ވަރަށް ބޮޑަށް ލޯބި ޖެހިފައެވެ. އެހެންކަމުން ޓްރެއިނިން ނިންމައި އައުމަށްފަހު އޭނާ އަނެއްކާވެސް މަސައްކަތްކުރަން ފެއްޓެވީ ފޮރެންސިކް ޑިޕާޓްމަންޓުގައި ސޯކޯއެއްގެ ގޮތުގައެވެ.

ފޮރެންސިކްއަކީ ތަހުގީގުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ބައެކެވެ. އެއީ ފުލުހުންގެ ތަހުގީގުތައް ހިންގާއިރު އިންވެސްޓިގޭޓިވް އޮފިސަރުންނަށް ސަޕޯޓް ސިސްޓަމެއްގެ ގޮތުގައި މުހިންމު ރޯލެއް އަދާކުރާ ބަޔަކަށް ވާތީއެވެ.

"އަޅުގަނޑުމެންގެ މަސައްކަތަކީ ވެށި ތަހުގީގުކޮށް، އެވިޑެންސް ރަނގަޅަށް ޕެކްކޮށް، އެ އެއްޗިސް ލެބްތަކަށް ރައްކާތެރިކަމާއެކު ގެނެސްދިނުން ސޯކޯއެއްގެ މަސައްކަތަކީ،" ލީޒާ ވިދާޅުވިއެވެ.

ސޯކޯއެއްގެ މަސައްކަތް ފެށެނީ ކޭސްއަކާ ގުޅިގެން ރިކުއެސްޓެއް އަންނަ ހިސާބުންނެވެ. ރިކުއެސްޓް އަންނަ ހިސާބުން ސޯކޯއިން އެ ސީނަކަށް ގޮސް ހެކި އެއްކުރުމުގެ މަސައްކަތް ކުރާނެއެވެ. އެގޮތުން ހެކި އެއްކުރުމުގައި މައިގަނޑު ގޮތެއްގައި ތިން ކަމެއް ކުރަންޖެހޭނެއެވެ.

ލީޒާ، ސަން އަށް އިންޓަވިއޫ ދެއްވަނީ -- ސަން ފޮޓޯ

"[ހެކި] ޑޮކިއުމަންޓްކުރުމުގެ ގޮތުން އަޅުގަނޑުމެން ލިޔާނެ. ވީޑިއޯކުރާނެ. ފޮޓޯ ނަގާނެ. ހެކީގެ ގޮތުގައި ފިންގާޕްރިންޓް ނެގުމާއި، ޑީއެންއޭ ނެގުން ފަދަ ކަންކަން ވެސް ކުރާނެ،" މަސައްކަތުގެ ތަފްސީލު ހިއްސާކުރައްވައި ލީޒާ ވިދާޅުވިއެވެ.

"މިހާރު ގިނައިން މި ހުންނަނީ އެވިޑެންސް ބޭސްޑް ތަހުގީގުތަކަށްވުމުން ވަރަށް ބޮޑަށް ޑިޕެންޑުވެވޭ ފޮރެންސިކަށް. ކައިރި ކައިރީގަ ބައިވަރު ސީންތައް އަންނައިރު، ނޫނީ ބޮޑެތި ކޭސްތައް އަންނައިރު އޭގަ ކުޑަކޮށް ދަތިތައް ދިމާވޭ ޓައިމް މެނޭޖްކުރުމުގަ. ބައެއް ހާލަތްތަކުގަ ރިޒަލްޓް ލިބުމުގަ ލަސްތަކެއް އަންނާނެ،" ދިމާވާ ބައެއް ގޮންޖެހުންތަކާ ގުޅޭގޮތުން ލީޒާ ވިދާޅުވިއެވެ.

ލީޒާ ވިދާޅުވި ގޮތުގައި އެ މަސްއޫލިއްޔަތަކީ އަންހެނަކަށް ނުވަތަ ފިރިހެނަކަށް ވިޔަސް ވަރަށް ބުރަ ބޮޑު މަސްއޫލިއްޔަތެކެވެ. ނަމަވެސް އަންހެނަކަށް ވެ ހުރެ އަންނަ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ދާއިރާގައި އަންހެނުން މަދުވުމެވެ.

"ސޯކޯއެއްގެ ގޮތުގައި މަސައްކަތްކުރާ އަންހެން ކުދިން ވެސް މަދު. އެހެންކަމުން ބައެއް ފަހަރު ޑިއުޓީ ގަޑި ނޫން އެހެން ގަޑިތަކުގައި ވެސް އަންނަންޖެހޭ ހާލަތްތައް އާދޭ. މިހާރު ވެސް މަސައްކަތްކުރަނީ އަށް ވަރަކަށް ކުދިން،" ލީޒާ ވިދާޅުވިއެވެ.

ލީޒާ، ކްރައިމް ސީނެއްގައި ފޮޓޯ ޑޮކިއުމަންޓް ކުރަނީ -- ސަން ފޮޓޯ

ޝިފްޓް ޑިއުޓީ އަދާކުރަން ޖެހޭއިރު، ތިން ހަތަރު މީހުން ތިބޭނެ ކަމަށް ލީޒާ ވިދާޅުވިއެވެ. ބައިވަރު ކޭސްތަކެއް އަންނަ ދަނޑިވަޅެއްގައި ކޮންމެ މީހަކު ވަކި ކޭސްއެއްގައި އެކަނި މަސައްކަތްކުރަންޖެހޭ ހާލަތްތައް ވެސް މެދުވެރިވާ ކަމަށް ލީޒާ ވިދާޅުވިއެވެ.

"މިސާލަކަށް ބޮޑެތި މަރުގެ ކޭސްތަކުގަ އަޅުގަނޑުމެން އެބަ ހޭދަކުރަން މިއަދު ހެނދުނު ފަށައިފިއްޔާ މިރެއާ ހިސާބަށް ވެސް އުޅެން. ހެނދުނު ވެސް ސީން ބަލައި ނިމިދާނެ. އެހެން ވިޔަސް މަސައްކަތަކަށް ވާނީ އެ ސީނުން އެއްކުރާ ހެކިތައް ވީހާވެސް އަވަހަށް [ލެބަށް] ފޯރުކޮށްދިނުން،" މަސައްކަތުގެ ހައްސާސްކަމާ ގުޅޭގޮތުން ލީޒާ ވިދާޅުވިއެވެ.

ސޯކޯއެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރިއިރު ލީޒާ ބިރުގަތީ ސީނަކުން އޭނާ ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ފުރިހަމަ ނުކުރެވި އަތުން ދޫވެދާނެތީއެވެ. އެގޮތުން އޭރު އެކަމާ މެދު ވިސްނައި މީހާ ޕްރެޝަރަށް ވެސް ދާ ކަމަށް ލީޒާ ވިދާޅުވިއެވެ. ނަމަވެސް މަސައްކަތުގައި ގިނަ ދުވަސްވާ ވަރަކަށް އެ ޕްރެޝާގައި މަސައްކަތްކުރުމަށް ހޭނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިބުނާހެން އަސްލުގަ ކޮންފިޑެންސް ބިލްޑްވެފަ އިންނާތީ ޕްރެޝާ ހޭންޑްލް ކުރެވެނީ. ފެށުނު ކޮޅުގަ ވަރަށް ބޮޑަށް ޕްރެޝާ ނެގޭ. އެއްޗެއް ދޫކުރެވިދާނޭ، ކަމެއް ނުކުރެވިދާނޭ،" ލީޒާ ވިދާޅުވިއެވެ.

ލީޒާ، ގައުމީ ޖޯޒީގައި މެޗެއްގެ ތެރެއިން --

ގައުމީ ޚިދުމަތެއް ކުރެއްވުމާއިއެކު ގައުމަށް ރީތި ނަން ހޯދައިދިނުމުގައި ވެސް ފައިތިލަ ސާބިތުކޮށްގެން

ފުލުހުންގެ ފޮރެންސިކް ޑިޕާޓްމަންޓުގައި ބުރަކޮށް މަސައްކަތްކުރައްވަމުން ދިޔަ ނަމަވެސް، ފުޓްބޯޅައަށް ލީޒާ އިސްކަންދެއްވައެވެ. އެންމެ ފުރަތަމަ ލީޒާއަށް ފުޓްބޯޅައިގެ ތެރެއަށް ވަދެވުނީ 2009 ވަނަ އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ޕޮލިސް ކުލަބުން ބޭއްވި ފުޓްބޯޅަ މުބާރާތުގެ ތެރެއިންނެވެ. އެހާ ކުޅޭހިތް އޭރު ނެތް ނަމަވެސް ވެސް އޭނާ އެ މުބާރާތުގައި ބައިވެރިވީ ޓީމުގައި ކޮންމެހެން ވެސް ބައިވެރިވާން ޖެހުމުންނެވެ.

އެ ފަހަރު ގައުމީ އަންހެން ޓީމުގެ އޭރުގެ ކޯޗު އަހުމަދު ނާޝިދު (ނާދު)އަށް ލީޒާގެ ކުޅުން ފެނި އޭނާ ގައުމީ ޓީމަށް ގެންދަން ހުށަހެޅިއެވެ. އެ ހުށަހެޅުމާއެކު ލީޒާގެ ފުޓްބޯޅައިގެ ކެރިއަރު ދިޔައީ ދުވަހުން ދުވަހަށް ފައްކާވަމުންނެވެ. ލިބެމުންދިޔަ ފީޑްބެކުން އޭނާގެ ހިތްވަރުވީ އިތުރެވެ. މިއަދު އޭނާއަކީ ގައުމީ ޖޯޒީގައި އަންހެން ގައުމީ ފުޓްބޯޅަ ޓީމުގައި ވިދާ ތަރިއެކެވެ.

ލީޒާ، ޕޮލިސް ކްލަބްގެ ފުޓްބޯޅަ މެޗެއްގެ ތެރެއިން: އެ މެޗުގައި ކޯޗުކަން ކޮށްފައި ވަނީ އޭނާގެ ފިރިމީހާ --

ގައުމީ ޓީމަށް އޭނާ ކުޅެން ފެށިއިރު އޭރު ރާއްޖެއަށް އެއްވެސް މެޗަކުން މޮޅު ވެވިފައެއް ނުވެއެވެ. ނަމަވެސް 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުވެއިތާއި ދެކޮޅަށް ކުޅެ ރާއްޖެއިން ވަނީ އަންހެން ފުޓްބޯޅައިގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފައެވެ. އެ ކާމިޔާބީއަކީ މިއަދުވެސް އޭނާއަށް ފޮނި އިހުސާސެއް ކުރުވާ ކަމެކެވެ. އޭގެ ފަހުން ބައިނަލްއަގުވާމީ ފެންވަރުގައި ވެސް އަންހެން ފުޓްބޯޅައިން އެކު ކުރިއެރުންތައް ހާސިލުކޮށްފައިވެއެވެ.

"ޕޮލިހުން ވަރަށް ޓައިމް ދޭ ކުޅުމަށް. ޕްރެކްޓިސްއަށް ދާން ވެސް ދޫކޮށްދޭ. އާންމުކޮށް ޕްރެކްޓިސްތައް މިއޮންނަނީ ރޭގަނޑު. ރޭގަނޑު ޑިއުޓީ ގަޑިއާ ވެސް ދިމާވޭ. އެހެންނަމަވެސް ނެޝަނަލް ޓީމްގެ ޕްރެކްޓިސްތައް ފަށައިގެން އުޅޭނަމަ އެ ވަގުތަށް ރިލީޒް ދޭ ޕޮލިހުން. އެއީ ޕްރެކްޓިސް ނިންމާލާފަ ޖޮއިންކުރާ ގޮތަށް،" ލީޒާ ވިދާޅުވިއެވެ.

ހަޔާތުގައި ހުސްކަމެއް، ނަމަވެސް ވަނީ ގުރުބާނީ

ކޮންމެ އަންހެނަކު ވެސް ދެކޭނެ އެންމެ ފޮނި އެއް ހުވަފެން ކަމަށްވާ ދަރިއަކު ލިބުމުގެ ނަސީބު ލީޒާއަށް މިހާތަނަށް ނުލިބުނު ނަމަވެސް އޭނާ މިއަދު ސާބިތުކޮށްދެއްވީ، ދިރިއުޅުމުގައި ހިތްވަރުކޮށްގެން ކުރިއަށް ދެވޭނެ ކަމެވެ. ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުގައި ކެތްތެރިވެ، ކުރިއަށް ދިޔުމުގައި ލީޒާ މިއަދު އުޅެނީ ހަ ފިޔަވަޅު ކުރީގައެވެ. ކާމިޔާބު ފުޓްބޯޅައިގެ ކެރިއަރާއި ހިތުގައި ޚާއްސަކަމެއް ދެވިފައިވާ މަސައްކަތުން އޭނާގެ ހިތާމަތައް ކުޑަކޮށްދެއެވެ.

ލީޒާ، އޭނާގެ ފިރިމީހާއާއެކު --

އޭނާގެ އެންމެ ބޮޑު ހިތްވަރަކީ މިއަދު އޭނާގެ ލޯބިވާ އާއިލާއާއި ފިރިމީހާއެވެ. ނަމަވެސް ބިޒީ ޝެޑިއުލްގެ ސަބަބުން އާއިލާއަށް އެންމެ ދޭން ބޭނުންވާ ވަރަށް ވަގުތު ނުދެވޭކަން ލީޒާ ފާހަގަކުރެއްވިއެވެ.

"އަސްލު ނުދެވޭ ވަގުތެއް. ފިރިމީހާ ވެސް މަސައްކަތްކުރަނީ ޕޮލިހުގަ. ފިރިމީހާއަކީ ވެސް ކުޅިވަރުގެ ތެރޭގަ އުޅޭ މީހެއް. އެހެންވީމަ އެ އަންޑަސްޓޭންޑިން އިނދޭ. ޓައިމް ދާނެކަން، ކުޑަކޮށް ދިމާނުވެ އުޅެންޖެހިދާނެކަން. އެހެންވެ އަސްލު ވަރަށް ފަސޭހަ،" ލީޒާ ވިދާޅުވިއެވެ.

"އެންމެ ބޮޑު ސެކްރިފައިސަކަށް ވަނީ އާއިލާއާ ދުރުގަ އުޅެން ޖެހުން. މަންމަ އުޅެނީ ރަށުގަ. އެ ވަގުތެއް ނުލިބޭ. ޗުއްޓީ އެއްޗިސް ނެގުމުގަ ވެސް ވަރަށް ޓައިޓްކޮށް އިންނަނީ ޕޮލިހުގަ. ކުރިން ޕްލޭންކުރަންޖެހޭ. ކުރާއިރުގަ ނެޝަނަލް ޓީމްގެ ކަމެއް އަތުވެދާނެ ޗުއްޓީ ނަގާ ދުވަސްކޮޅާ. ފްރެންޑްލީ މެޗެއް އަތުވެދާނެ. ނޫނީ ޓޯނަމެންޓަކަށް ޕްރެކްޓިސް ފަށާފާނެ. އެގޮތަށް މަންމަމެން ގާތަށް ގޮސްލަން އެ ވަގުތެއް ނުލިބޭނެ،" ލީޒާ ވިދާޅުވިއެވެ.

ލީޒާ، އޭނާގެ ބައްޕައާއެކު ---

މިއަދު ލީޒާގެ ބައްޕަ ދުނިޔޭގައި ނެތް ނަމަވެސް އެއީ އޭނާގެ ހަޔާތުގައި އޭނާ "ރޯލް މޮޑަލެއް"ގެ ގޮތުގައި ބެލި މީހާއެވެ. ލީޒާ ވިދާޅުވި ގޮތުގައި އޭނާގެ ބައްޕައަކީ އޭނާގެ "ބެސްޓް ފްރެންޑް"އެވެ. ބައްޕަ ނިޔާވުމާ ހަމައަށް ވެސް ލީޒާގެ ދިރިއުޅުމުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއްވި އަދި އެންމެ "ސަޕޯޓިވް"އީ އޭނާގެ ބައްޕައެވެ.

އާއިލާއަށް ލީޒާ ބޭނުންވާ ވަރަށް ވަގުތު ނުދެވުނު ނަމަވެސް، އޭނާ ވަމުންދަނީ ގައުމަށްޓަކައި ވަމުންދާ އަގުހުރި ގުރުބާނީއެކެވެ. އަދި، ގައުމަށް ރީތި ނަން ހޯދައިދިނުމަށްޓަކައި އޭނާގެ ފައިތިލަ ސާބިތުކަމާއެކު ހުރީ ގައުމީ ޓީމާއިއެކުއެވެ. އޭނާ އަންގައި ދެނީ އަންހެނުނަށް ވާނެކަމެވެ.

"އާންމުކޮށް މީހުންނަށް ހީވެފައި މިއޮންނަނީ ފުލުހުންނަކީ ހަމައެކަނި މަގުމަތީގަ މަސައްކަތްކުރާ ބައެކޭ. މަގުމަތިން ދިމާވާ އޮފިސަރުންނާ ހިސާބުން އެގޮތަށް ނިންމާލާފައި މިއޮންނަނީ. އަސްލު އެއަށްވުރެ ފުޅާ ދާއިރާއެއްގަ ކުރަމުންދާ މަސައްކަތެއް ފުލުހުންގެ މަސައްކަތަކީ،" ލީޒާ ވިދާޅުވިއެވެ.

"ގޮންޖެހުންތައް ހުއްޓަސް ވެސް، އަންހެނުންނަށް ވެސް ކުރިއަރަން ފުރުސަތު އެބައޮތް،" ލީޒާގެ ވާހަކަ ކުރުކޮށްލައްވައި އިތުރަށް ވިދާޅުވިއެވެ.

މިއީ އެތައް އުދާހެއް ހިތުގައި ފޮރުވައިގެން ނަމަވެސް މިއަދު ލީޒާ ކުރި ހިތްވަރުގެ ނަތީޖާއެވެ. އަދި އަންހެނުންނަށް ވާނެ ކަމުގެ ނަމޫނާ މިސާލެކެވެ. ދިވެހި ފުލުސް ކަނބަލެއްގެ ގުރުބާނީއެވެ.

comment ކޮމެންޓް