ފުރަތަަމަ ފަހަރަށް ރާއްޖެ އދ. އަންހެނުންގެ ކޮމިޝަނަށް، ރައީސް ވިދާޅުވީ އެހީވާން ތައްޔާރުކަމަށް

އަންހެނުންގެ ހައްގުތަކާ ބެހޭ މައްސަލަތަކުގައި އދ.ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން (ސީއެސްޑަބްލިއު)ގެ މެންބަރު ކަން ރާއްޖެއަށް ފުރަތަމަ ފަހަރަށް ލިބިއްޖެއެވެ.

ފޮރިން މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ސީއެސްޑަބްލިއުއަށް ފުރަތަމަ ފަހަރަށް ރާއްޖޭން އިންތިޚާބުވެފައިވާ ކަން ހާމަކޮށްފައެވެ.

މިއަދު ނިއުޔޯކްގައި ބޭއްވި އިންތިޚާބުގައި ފެށޭ 2026 ވަނަ އަހަރުން ފެށިގެން 2030 ވަނަ އަހަރުގެ ނިޔަލަށް އެ ކޮމިޝަންގެ ދައުރަކަށް ރާއްޖޭން ވަނީ އިންތިޚާބުވެފައެވެ.

މިއާއެކު ރައީސް މުއިއްޒު ކުރެއްވި ޕޯސްޓުގައި ވަނީ، އެކޮމިޝަންގެ މެންބަރުކަމަށް އިންތިޚާބުވުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށް ވިދާޅުވެފައެވެ.

އެގޮތުން، އަންހެނުންގެ ހައްގުތަކާ ބާރުވެރިކަމާ ގުޅޭ މުހިންމު މައްސަލަތަކުގައި ކޮމިޝަނަށް އެހީތެރިވުމަށް ރާއްޖޭން ތައްޔާރަށް ތިބިކަން އެމަނިކުފާނުގެ ޕޯސްޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

އަދި، ކޮމިޝަނުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ހުރިހާ ބައިވެރިންނާއެކު މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރުތަކުގައި ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގައި އަންހެނުންގެ ހައްގުތަކާއި ދަރަޖަ ކުރިއެރުވުމަށް ރާއްޖޭން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ، އެކަމުން ހާމަކޮށްދެނީ ސަރުކާރުގެ ކާމިޔާބު ކުރިއެރުމެއް ކަމަށާއި އަންހެނުން ބާރިވެރިކުރުމަށް ރާއްޖޭން ދޭ އަހަންމިއްޔަތުކަން ކަމަށެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުގައި ރާއްޖޭގެ ބަސް އިއްވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް