މީހުން އަތުން ސްކޭމްތަކުގައި ގެއްލުނު 2.2 މިލިއަން ރުފިޔާ ހޯދައިފި

ޝަހީދު ހުސައިން އާދަމް ބިލްޑިން: ފާއިތުވި އަށް މަސް ތެރޭ ސްކޭމްތަކުގައި ގެއްލުނު ފައިސާގެ ތެރެއިން 2.2 މިލިއަން ރުފިޔާ ވަނީ އަނބުރާ ހޯދާފައި -- ސަން ފޮޓޯ/ ނާޢިޝް ނާހިދު

މި އަހަރުގެ މިހާތަނަށް ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި ސްކޭމްތަކުގައި ގެއްލުނު ފައިސާގެ ތެރެއިން 2.2 މިލިއަން ދިވެހި ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އޮޅުވާލައިގެން މަކަރާއި ހީލަތް ހަދައިގެން އެކިއެކި ގޮތްގޮތުން މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ފޭރޭ މައްސަލަތައް މި ފަހުން އަންނަނީ އިތުރުވަމުންނެވެ. ޚާއްސަކޮށް، އެ ފަދަ މައްސަލަތަކުގައި ފޭރޭ ފައިސާގެ އަދަދު އިތުރުވާ ކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ.

ފުލުހުންގެ އިސް ތަރުޖަމާނު، އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، އަހަރުގެ މިހާތަނަށް ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި ސްކޭމް މައްސަލަތަކުގައި ހިމެނޭ 2.2 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށެވެ.

"ގިނަ ބަޔަކު އަދިވެސް ސްކޭމަރުންގެ ޝިކާރައަކަށްވެ، އެ މީހުންގެ ސްކީމްތަކުގައި ޖެހުމަކީ ހިތާމަހުރި ކަމެއް،" އޭނާ ވިދާޅުވިއެވެ.

https://sun.mv/195666

އެކަމަކު، ސްކޭމްތަކުގައި ގެއްލުނު ފައިސާގެ ޖުމުލަ އަދަދެއް ފުލުހުން ނުބުނެއެވެ.

މީގެ ކުރިން ފުލުހުން ބުނި ގޮތުގައި މިދިޔަ ޑިސެމްބަރުން ފެށިގެން ޖެނުއަރީ 31 އާ ހަމައަށް އެކަނި ވެސް ސްކޭމްތަކުގައި 27 މިލިއަން ރުފިޔާ ގެއްލުނެވެ. އެހެންވެ، އެ އަދަދު މިހާރު މާ ބޮޑަށް ވެސް ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު އެކަނި ވެސް އޮޅުވާލައިގެން ފައިސާ ހޯދުމުގެ 1،661 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރިއެވެ. އެ މައްސަލަތަކުގައި 20 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.

އެ ފަދަ މައްސަލަތަކާ ގުޅިގެން މި އަހަރު ވެސް 500 އަށްވުރެ ގިނަ ބޭންކް އެކައުންޓް ބްލޮކްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

comment ކޮމެންޓް