ކަނޑުގެ ލޮނުގަނޑު އުފުލުމަކީ އެންމެ ގައުމެއްގެ ސަަބަބުން ދިމާވާ ކަމެއް ނޫން ކަމަށާއި އެއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމުން، އެ ކަމުގެ ބުރައާއި ތަކުލީފު އެއް ގައުމަކަށް އުފުލަން ޖެހިގެން ނުވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭގޮތުން އޮތް ބައްދަލުވުމެއް ފެއްޓެވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ނުރައްކާތެރި މައްސަލައެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ 80 ޕަސެންޓު ރަށްތަކަކީ ކަނޑުގެ ލޮނުގަނޑުން އެންމެ މީޓަރެއް އުސް ރަށްތަކެއް ކަމަށެވެ. އަދި އެ މަނިކުފާނު ވިދާޅުވީ އާބާދީގެ ދެބައިކުޅަ އެއްބައިގެ އިތުރުން ގިނަ އިމާރާތްތައް ހުންނަނީ ކަނޑާ ކިރިޔާ 100 މީޓަރު ދުރުގައި ކަމަށެވެ.
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ އިންޒާރު 1987ވަނަ އަހަރުން ފެށިގެން ރާއްޖެއިން ދެމުން އައި ނަމަވެސް މިއަދާ ހަމައަށް އައިރު ހައްތަހާ ގޯސްވީ އެ މައްސަލަ ކަމަށް ވިދާޅުވިއެވެ.
އޭގެ ސަބަބުން އިގްތިޞާދީ ގެއްލުންތަކާއި، ކާބޯތަކެއްޗާއި ފެނުގެ ރައްކާތެރިކަމާމެދު ސުވާލު އުފެދުމާއި، ލޮނުގަނޑު އުފުލުމުގެ ސަބަބުން އެހެން ސަރަހައްދުތަކަށް ހިޖުރަކުރުން ފަދަ ކަންކަމުގެ ވާހަކަ ގައުމުތަކުން އިވެމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް އެއްވެސް ދިވެއްސަކީ އަމިއްލަ ފަސްގަނޑުން ބޭނުންވެގެން ހިޖުރަކުރާނެ ބައެއް ނޫންކަމަށާއި ދިވެހީން ރަށްތައް ހިމާޔަތްކުރާނެ ކަމަށް ވިދާޅުވިއެވެ.
އެއާއެކު ރައީސްވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަަބަބުން އެކި ދާއިރާތަކުން ކުރިމަތިވާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަންވީ ތިން ކަމެއް ފާހަގަކުރައްވައިފައެވެ.
އެގޮތުން ފުރަތަމަ ކަމަކަށް، އިގްތިޞާދު ސިންދަފާތުކުރުން ހިމެނެއެވެ. އެ ކަމަށް ޓަކައި ބައިނަލްއަގްވާމީ އެހީތެރިކަން ބޭނުންވާ ކަމަށާއި، 1.5 ޑިގްރީ ސެލްސިއަސްއަށް އެމިޝަން ކުޑަކުރުމުގެ އަމާޒަށް ވާސިލްވުމަށް އިތުރަށް މަސައްކަތް ކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
އަދި ދެވަނައަށް ސަގާފީ އައިޑެންޓިޓީ ހިމާޔަތްކުރުމަށް އެކި އުސޫލުތައް ހަދައި ވަސީލަތްތައް ގާއިމްކުރުން ހިމެނޭކަމަށާއި، ތިންވަނައަށް ކަނޑުގެ ލޮނުގަނޑު އުފުލެމުން އަންނަ މައްސަލައިގައި ކުރާ މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި އާ ވިސްނުމަކުން ވިސްނަންޖެހޭ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މުސްތަގްބަލުގެ ޖީލުތައް އުންމީދުކިރާނީ މިހާރުގެ ޖީލަކީ އީޖާދީ ބަޔަކަށް ވުމަށް ކަމަށާއި މިއީ ހަމައެކަނި ވާހަކަދެއްކުމުގެ ބަދަލުގައި އަމަލުން ކަން ކުރަންވީ ވަގުތު ކަމަށް ވިދާޅުވެފައެވެ.