މިއަހަރުގެ މިހާތަނަށް ތިން ބިލިއަން ރުފިޔާގެ ލޯނު ނަގައިފި

މާލީ ވަޒިރު ޑރ. މުހައްމަދު ޝަފީގު: މިއަހަރުގެ މިހާތަނަށް ތިން ބިލިއަން ރުފިޔާގެ ލޯނު ނަގައިފައިވާ ކަމަށް ތަފާސްހިސާބުން ދައްކާ -- ސަން ފޮޓޯ/ މޫސާ ނަދީމް

މި އަހަރުގެ މިހާތަނަށް ސަރުކާރުން މަޝްރޫއުތަކުން ތިން ބިލިއަން ރުފިޔާ (213 މިލިއަން ޑޮލަރު)ގެ ލޯނު ނަގައިފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ ލޯނުތަކާއި ސޮވެރިން ގެރެންޓީގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

އެ ތަފާސްހިސާބުގައިވާ ގޮތުން ސަރުކާރުން މިއަހަރުގެ މިހާތަނަށް ނަގައިފައިވާ ލޯނުތަކަކީ:

  • ސައުދީ ފަންޑް ފޯ ޑެވެލޮޕްމެންޓްއިން ހެލްތު ސެކްޓާ ޑެވެލޮޕްމެންޓް ޕްރޮޖެކްޓަށް: 187 މިލިއަން ސައުދީ ރިޔާލް (767 މިލިއަން ރުފިޔާ / 49 މިލިއަން ޑޮލަރު)
  • ސައުދީ ފަންޑް ފޯ ޑެވެލޮޕްމެންޓްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް: 375 މިލިއަން ސައުދީ ރިޔާލް (1.54 ބިލިއަން ރުފިޔާ / 99 މިލިއަން ޑޮލަރު)
  • އިސްލާމިކް ޑެވެލޮޕްމެންޓް ބޭންކްއިން އެސްއެމްއީ އިމްޕެކްޓް ފަންޑަށް އެހީވުމަށް: 7.6 މިލިއަން ސްޕެޝަލް ޑްރޯވިން ރައިޓްސް (157 މިލިއަން ރުފިޔާ / 10.2 މިލިއަން ޑޮލަރު)
  • އިސްލާމިކް ޑެވެލޮޕްމެންޓް ބޭންކްއިން އެސްއެމްއީ އިމްޕެކްޓް ފަންޑްއަށް އެހީވުމަށް އިންސްޓޯލްމެންޓް ސޭލް: 30 މިލިއަން ޑޮލަރު (460 މިލިއަން ރުފިޔާ)
  • ކުވައިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑެވެލޮޕްމެންޓްއިން ސްމޯލް އައިލެންޑްސް ހޮސްޕިޓަލްސް ޕްރޮޖެކްޓަށް: 3 މިލިއަން ކުވައިތީ ދީނަރު (150 މިލިއަން ރުފިޔާ / 9.83 މިލިއަން ޑޮލަރު)

މީގެ އިތުރުން މިހާތަނަށް ދެ ލޯނަކަށް ސަރުކާރުން ގެރެންޓީ ދީފައިވެއެވެ. އެއީ:

  • ބޭންކް އޮފް ސިލޯންއިން ސަބްމެރިން ކޭބަލް ސިސްޓަމްގެ މަސައްކަތަށް: 230,850,000 ރުފިޔާ (15 މިލިއަން ޑޮލަރު)

ރާއްޖޭގެ ބޭރުގެ ދަރަނި އަންނަ އަހަރު 557 މިލިއަން ޑޮލަރަށް އިތުރުވެ، 2026އަށް އެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ރާއްޖެއިން އެންމެ ބޮޑަށް ދަރާފައި އޮތީ އަވައްޓެރި އިންޑިއާއާއި ޗައިނާއަށެވެ. އެއީ، ތަރައްގީގެ އެކިއެކި މަޝްރޫއުތަކާއި ކޮވިޑުން އަރައިގަންނަން ނެގި ދަރަނި ވެސް ހިމެނޭ ގޮތުންނެވެ. އޭގެ ތެރެއިން އިންޑިއާއިން ލޯނުގެ ބައެއް ދެއްކުން ފަސްކޮށްދީފައިވާއިރު، ޗައިނާއިން ވެސް ވަނީ ފަސްކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ދީފައެވެ.

comment ކޮމެންޓް