ސައިޒުން ބަލައިފިއްޔާ އެމްޑީޕީ ވަރަށް ބޮޑެވެ. އަދަދުން ކިޔަންޏާ 50،000 އަށްވުރެ މެންބަރުން ގިނައެވެ. އެކަމަކު، ނަތީޖާއިން މިނަންޏާ ކުޑަކުޑަ ޕީއެންއެފަށް ވުރެ ކުޑައެވެ.
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެ ބުރުން ވެސް ނާކާމިޔާބުވުމާ އެކު، އެމްޑީޕީން އަލުން އެނބުރި އިދިކޮޅަށް ދިޔައީމާ އެކިއެކި ގޮތްގޮތަށް ވާހަކަތައް ދެކެވުނެވެ. އެކަމަކު، އޭރު އެންމެންހެން ގަބޫލުކޮށްގެން ތިބީ، އަލަށް އުފެދުނު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގެ އިދިކޮޅަކަށް އެމްޑީޕީ ވާނެ ކަމަށެވެ. އެއީ، އުސޫލެއްގެ ގޮތުން ކަން ހިނގާނެ ގޮތް ވީމައެވެ.
އާ ރައީސް ނޮވެމްބަރު 17 ގައި ހުވާކުރެއްވިއިރު ވެސް ޕާޓީ ތެރޭ ނުތަނަވަސްކަމެއް އޮތްކަން އޮތީ މަޑުމަޑުން އެނގިފައެވެ.
ވެރިކަމަށް ހަފުތާއެއް ނުވަނީސް ޕީޕީއެމް/ޕީއެންސީގެ ކޯލިޝަން ލީޑަރުކަމުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަމިއްލަފުޅަށް ޕާޓީއެއް އުފައްދަވަން ޕީޕީއެމުން ވަކިވީއެވެ. މިހާރު ބުނެދެއްވާ ގޮތުން ނަމަ، ޕީޕީއެމް ތެރޭގައި އެ މަނިކުފާނަށް ފުރުސަތު ނެތްކަން ކަށަވަރުވެގެން އަމިއްލަފުޅަށް ނުކުންނެވީއެވެ. ގޯސްތަކެއް ހަދާނެކަން އެނގޭތީ، ފެންނާތީއެވެ.
އެ ހިސާބުން މުޅި މަންޒަރު ބަދަލުވީއެވެ. ކުރިން ޕީޕީއެމް/ޕީއެންސީގެ ލީޑަރަކަށް ހުންނެވި ބޭފުޅާ އިދިކޮޅު ގޮނޑިއެއްގައި އިންނެވުމުން ފިތުރަތުގެ އުސޫލުން ވެސް ހުރިހާ ކަޅިއެއް ދެން އަމާޒުވާނީ ޔާމީނަށެވެ. ވަނީ ވެސް އެހެންނެވެ.
ބިޔަބޮޑު އެމްޑީޕީން ލޮނުމަޑުކޮށް ދެތިން ކަމެއް ކުރިޔަސް އޭގައި މާ އާރުލާ ކަމެއް ނުހުރެއެވެ. މާ ގިނަ ބަޔަކު ސަމާލުކަމެއް ނުދެއެވެ. އެކަމަކު، އެއާ ޚިލާފަށް ޔާމީން މި ސަރުކާރާ ބެހޭ ގޮތުން ގެކޮޅުގައި އިންނަވައިގެން ދައްކަވާ ވާހަކަފުޅުތަކަށް އާންމުން ތަންކޮޅެއް ގަޔާވެއެވެ.
އެ ދައްކަވާ ވާހަކަފުޅު އަޑުއެހިޔަސް ޕާޓީގައި މެންބަރުން މަދުކަމުންނާއި ތާއީދު ކުޑަކަމަށް ފެންނަ ފެނުމާ ހެދި، ފާއިތުވި އިންތިޚާބުތައް ޔާމީނަށް ވަރަށް ހިއްޗެވެ.
އިދިކޮޅު ލީޑަރަކީ ކާކު؟
އިދިކޮޅުގައި ދެ ބައެއް އެބައުޅެއެވެ. އެއީ، އެމްޑީޕީއާއި ޕީއެންއެފެވެ.
ސައިޒުން ބޮޑު ނަމަވެސް އެމްޑީޕީން ނުފެންނަނީ ލީޑަރެކެވެ. އެންމެން ގޮވައިގެން، މީހުންނާ އެއްކޮށް މަސައްކަތްކުރައްވާނެ ބޭފުޅެކެވެ. ދުރުން ބަލަން ތިބޭ ބޭފުޅުންނަށް އެ ޕާޓީ ތެރެއިން ފެންނަނީ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ރައީސް އަބްދުﷲ ޝާހިދެވެ. އެކަމަކު، ދެ ބޭފުޅުންގެ ޕޮޕިއުލާރިޓީއަކީ ޓެސްޓްކޮށްލަންޖެހޭ އެއްޗެކެވެ.
އެމްޑީޕީން ވެސް ޖަގަހަ ޖަލްސާތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކާއި އަދި މަޖިލީހުގައި ތިއްބެވި މަދު މެންބަރުންތަކާ އެކު އިދިކޮޅު ރޫހެއް އުފެއްދޭތޯ މަސައްކަތްކުރެއެވެ.
އެކަމަކު، އެމްޑީޕީއަށް އެ ބޭނުންވާ ސަމާލުކަން ނުލިބި، ޔާމީން ގެކޮޅުގައި އިންނަވައިގެން ދައްކަވާ ވާހަކަފުޅަށް ސަމާލުކަން ލިބެނީ މައިގަނޑު ތިން ސަބަބަކާ ހެދިއެވެ. އެއް ސަބަބަކީ، ޔާމީނަކީ ކުރިން މި ސަރުކާރުގެ ވެރިންގެ ލީޑަރެވެ. އެ އެންމެން ގޮވައިގެން އުޅުއްވި ބޭފުޅާއެވެ. އެހެންވެ، އެމްޑީޕީން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ނުކުންނަވާފައި، ބޭއްވެވި ޖަލްސާތަކަށް ސަމާލުކަން ލިބުނު ގޮތަށް ޔާމީނަށް ވެސް ސަމާލުކަން ލިބޭނެއެވެ.
ދެން އޮތް ދެ ސަބަބަކީ، ޔާމީން ދައްކަވާ ވާހަކަފުޅުތަކުގައި އާންމުންގެ ކަންބޮޑުވުންތަކާއި އިހުސާސްތައް ހިމެނުމާއި ސަރުކާރުން އެ ކޮންމެ ބަސްފުޅަކަށް ވަކިވަކިން ރައްދު ދޭތީއެވެ.
ފާއިތުވި މަޖިލީސް އިންތިޚާބުގެ ނަތީޖާގެ އަދަދުތަކުން ފުރޭނޭ މާނައެއް ހޯދާ ނަމަ، އެއް ކަމަކަށް ބުނެދިނީ ކިތަންމެ ބޮޑު ސަމާލުކަމެއް ލިބުނު ނަމަވެސް ޔާމީން އަރިހުގައި އިތުރު ބޭފުޅެއް ނެތް ކަމެވެ. ސިޔާސީ ގޮތުން އެކަނިވެރިވެފައިވާ ކަމެވެ. އެހެންވެ، އިންތިޚާބުތަކުން ނަތީޖާ ނެރެން އެދޭނަމަ، ކައިރީގައި ކަން ކުރެވޭނެ، ކަން ކުރާތަން ފެންނަ، މީހުންގެ ރުހުމާއި ލޯބި އޮތް ލީޑަރުންތަކެއް ކޮންމެހެން ބޭނުންވެއެވެ.
ޔާމީންގެ ކުރިމަގާ ގުޅިފައި އޮތީ މި ސަރުކާރުން ހަދާ ގޯސްތަކެވެ. މި ސަރުކާރުން ހަދާ ގޯސްތައް އިތުރުވާނަމަ، ޔާމީން އިދިކޮޅުގައި ވަރުގަދަވާނެއެވެ. އެކަމަކު، އެކުގައި ވަރުގަދަ ޓީމެއް ނެތުން އެއީ ޕީއެންއެފްގެ އެންމެ ބޮޑު ބަލިފައެވެ.
އެމްޑީޕީއަށް އޮތް ފުރުސަތަކީ އެއީއެވެ. އެ ޕާޓީގައި ކުރީގެ ރައީސެއް، ކުރީގެ މިނިސްޓަރުންތަކެއް، މަޖިލީސް މެންބަރުންތަކެއް، އަދި ތަޖުރިބާހުރި ސީނިއާ ސިޔާސީންތަކެއް އެބަތިއްބެވެ. މަދުވަނީ އެ މީހުން ގޮވައިގެން އުޅޭނެ ލީޑަރެކެވެ.
"ފައްޔާޒު ވެސް ޝާހިދު ވެސް އެއީ އެހާ ޕޮޕިއުލާ ބޭފުޅުންތަކެއް ކަމުގައެއް ނުފެނޭ. އެއަށް ވުރެ ޖޯޝާ އެކު ޕާޓީ ލީޑުކުރާނެ ބޭފުޅަކު އެމްޑީޕީއަށް އެބަ ބޭނުންވޭ،" ސިޔާސީ ކަންކަން ދިރާސާކުރައްވާ ބޭފުޅަކު ވިދާޅުވިއެވެ.
އެ ހިސާބުތަކާއި ފެންނަ މަންޒަރުން އެނގެނީ މި ފަސް އަހަރު އިދިކޮޅު ލީޑަރަކަށް ވެވަޑައިގަންނަވާނީ ޔާމީން ކަމެވެ. އެކަމަކު، އަދިވެސް ޔާމީނަށް ވުރެ އިންތިޚާބުތަކުގައި އެމްޑީޕީއަށް ފުރުސަތު ބޮޑެވެ. އެއީ، ދެ ޕާޓީގައި ވެސް އުނި ކަންތައްތަކެއް ހުރުމުންނެވެ.
އެމްޑީޕީއަށް ބޭނުމީ އާ މޫނެއް
ފާއިތުވި އިންތިޚާބުތަކުގައި އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީތައް ހެކިދޭ އެއް ކަމަކީ އެ ޕާޓީއަށް އާ މޫނެއް ބޭނުންވާ ކަމެވެ.
"އަދިވެސް ޕްރެސްތަކަށް އަރަނީ [ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް] އަމީރުމެން. [އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު] މޫކޭމެން. އެއީ، އިންތިޚާބުތަކުގައި ރައްޔިތުން ސީދާ ނޫނެކޭ ބުނެފައި ތިބި މީހުން،" ކުރިން ވެސް ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވިއެވެ.
އެ ވާހަކައިގައި ހަގީގަތެއް ވެސް އެބަ އެކުލެވެއެވެ. އެއީ، އެމްޑީޕީއަށް މި ފަހަރު ކާމިޔާބުކުރެވުނު މަދު ދެތިން މަޖިލީސް ގޮނޑީގެ ތެރޭގައި އަލަށް ނުކުންނެވި މެންބަރުން ގިނަވުމެވެ. ކުރީގެ ދުވަސްވީ މެންބަރުންނާއި މަގާމުތަކުގައި ކުރިން ތިބި ބޭފުޅުންނަށް އެކަން ނުވުމެވެ.
"މޭޔަރު އާދަމް އާޒިމަށް ބެލިޔަސް، މިހާރު މަޖިލީހުގައި ތިއްބެވި މެންބަރުންނަށް ބެލިޔަސް، ޕޮޕިއުލާކޮށް، ޕާޓީ ތެރޭ ތިބީ އާ މީހުން. އެ މީހުންނަށް ޖާގަ ދީގެން، ކުރިއަށް ނެރެގެން ނޫނީ އެމްޑީޕީ މި ފަސް އަހަރު ފެންނަނީ ވަރަށް ވަނދުކޮށް،" އޭނާ ވިދާޅުވިއެވެ.
ރައްޔިތުން އެދޭ ފޮރުޅުމަށް ޖާގަ ނުލިބި އެއްވެސް ޕާޓީއެއް ވަރުގަދައެއް ނުވެއެވެ. ބައެއް ފަހަރު އެ ފުރޮޅުން އަންނަނީ މަޖުބޫރުންނެވެ. އެކަމަކު، އެ ފުރޮޅުން ކޮންމެ ފަދަ ގޮތަކަށް ވިޔަސް އައުމުން ނޫނީ ސިޔާސީ ބާރުވެރިކަމަށް އެނބުރި އާދެވިދާނެ ކަމަކަށް ސިޔާސީ ތަބީއަތް ހެއްކެއް ނުދެއެވެ.
ފުރަތަމަ 2013 ވަނަ އަހަރު ޕީޕީއެމަށް ވެރިކަން ލިބުނީ ވެސް އެ ފޮރުޅުމަށް ޖާގަ ލިބުނީމައެވެ. އޭގެ ފަހުން 2018 ވަނަ އަހަރު މަޖުބޫރުން ނަމަވެސް އެމްޑީޕީއަށް ވެސް އެ ފޮރުޅުން އައުމުގެ ނަތީޖާއަކަށްވީ އެ ޕާޓީ ދެވަނަ ފަހަރަށް ވެރިކަމަށް އައުމެވެ. ނިމުނު 2023 ވަނަ އަހަރު ޕީޕީއެމްގެ ފިކުރަށް ވެސް ވެރިކަމަށް އާދެވުނީ ގަދަ މަޖުބޫރުކަމުން ނަމަވެސް އެ ޕާޓީގެ ކުރީ ސަފަށް ވެސް އެ ފުރޮޅުން އައުމުންނެވެ.
އެމްޑީޕީގެ ކުރިމަގާ ގުޅިފައި އޮތީ ވެސް އެ ފުރޮޅުމެވެ.
ސައިޒުން ކިތަންމެ ބޮޑުވިޔަސް، އިދިކޮޅުގައި ޕީއެންއެފް މާ ވަރުގަދައެވެ. ކުޅިބައި އެތުރިގެން ދާއިރު، އެމްޑީޕީގެ ޖޯޝާއި ފޯރި އަލުން ގެންނަން ބޭނުން ނަމަ، ޕާޓީއަށް ވެސް ބަދަލުތަކެއް އަންނަންޖެހެއެވެ.
ނޫން ނަމަ، އެމްޑީޕީން ބޭނުންވާ ސަމާލުކަން އިދިކޮޅުގައި ލިބޭކަށް ނެތެވެ.