ރައްޓެހިންނާއެކު މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް ދަތުރުގޮސް އުޅެނިކޮން ގެއްލުނު މ. އަސަރީހަނދާން، އުމުރުން 43 އަހަރުގެ ތަސްލީމް މުހައްމަދު ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ދަތުރުގޮސް އުޅެނިކޮން ގެއްލިގެން ތަސްލީމް ހޯދަންފަށާފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުގައެވެ.
"ސަން" އަށް މައުލޫމާތު ދެމުން ފުލުުން ބުނީ ތަސްލީމް ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށާއި އެ ސަރަހައްދު ބެލުމުގައި ޑައިވް ޓީމްތައް މިހާރުވެސް ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
ތަސްލީމް ހޯދުމަށް ޓަކައި އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެދިނުމަށް އެދިފައިވާ ކަމަށް މިމަހުގެ 14 ވަނަ ދުވަހު ފުލުހުން ވަނީ ހާމަކޮށްފައެވެ.
އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެނީ ގެއްލިގެން ހޯދާ މީހުންގެ އޮޕަރޭޝަންތައް ފުޅާ ކުރުމަށް ޓަކައެވެ.
އޭރު ފުލުހުން ބުނީ ތަސްލީމް ދަތުރު ގޮސް އުޅުނު ފަސްގަނޑާއި މޫދު ސަރަހައްދު ޑައިވްކޮށްގެން ފުލުހުންނާއި އެމްއެންޑީއެފުން ބަލައިފައިވާ ކަމަވެ. އެގޮތުން އެމްއެންޑީއެފުން ބުނީ ގެއްލުނު ދުވަހުން ފެށިގެން މިމަހުގެ ހަތް ވަނަ ދުވަހާ ހަަމައަށް 1،050،000 އަކަމީޓަރުގެ ސަރަހައްދު ޑައިވްކޮށްގެން ބަލައިފައިވާ ކަމަށެެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ތަސްލީމް މާލެއިން އެ ފަސްގަނޑަށް ގޮސްފައި ވަނީ އޭނާ ހިމެނޭހެން 25 މީހުންނާއި ދެ ކުޑަކުދިންނާއެކު، މިދިޔަ މަހުގެ 29 ވަނަ ދުވަހު 17:00އާއި 17:30އާ ދޭތެރޭގެ ވަގުތެއްގައި ކަމަށެއެވެ.
އެ ދަތުރުގައި އޭނާ ބައިވެރިވީ ދަތުރު ރޭވި މީހުންގެ ރައްޓެހިކަމުގައި، އޭގެ ތެރެއިން ބަޔެއްގެ އުފަންދުވަހާއި އެންގޭޖްމެންޓް ޕާޓީއެއް ފާހަގަކުރުމަށް ޕާޓީގެ މަސައްކަތްތަކެއް ކުރުމަށް ކަމަށްވެސް ތަހުގީގަށް އެނގިފައިވެއެވެ.
އަދި އެ މީހުން ފަސްގަނޑަށް ދިޔައިރު އިތުރު ބަޔަކު ވެސް އެ ފަސްގަނޑުގައި ތިބި ކަމަށާއި އޭނާ އެތަނުގައި ހުއްޓާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 7:45އާއި 9:00އާ ދޭތެރޭގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި އޭނާ މާލެ ދާން ބޭނުންވާ ކަމަށް ބުނެފައި އޮތުމުން، އެ ދުވަހުގެ 10:00 އާއި 11:00އާ ދޭތެރޭ މާލެ ފުރި ލޯންޗުގައި އޭނާ މާލެ ފޮނުވާލުމަށް ދަތުރުގެ ބައިވެރިން އޭނާ ހޯދުމުން ފެނިފައިނުވާތީ އެ މީހުން އޭނާގެ އާއިލާއަށް ވެސް ގުޅި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ތަހުގީގާ ގުޅޭ ގޮތުން ފުލުހުން ތަސްލީމުގެ އާއިލާއާ ބައްދަލުކޮށް، މައުލޫމާތު ސާފުކުރުމުގެ އިތުރުން ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު އާއިލާއާ ހިއްސާކުރަމުންދާ ކަމަށް ވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.