އެޕަލް އިން އައިއޯއެސް 18.1 ގެ ފަސްވަނަ ބީޓާ ވާޝަން ނެރެ، އައިފޯނުގެ މެސެޖް އެޕަށް މުހިންމު އަޕްޑޭޓެއް ގެނެސްފިއެވެ.
މި އަޕްޑޭޓުގެ އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ "އެޕަލް އިންޓެލިޖެންސް" ނަން ދީފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފީޗާތަކެއް މެސެޖް އެޕަށް އިތުރުކުރުމެވެ.
މިއާއެކު ޔޫޒަރުނަށް އަންރީޑް ކޮންވަސޭޝަންތަކުގެ ޚުލާސާއެއް ފެންނާނެއެވެ. އަދި ސްމާޓް ރިޕްލައިސްގެ ޒަރިއްޔާއިން މެސެޖްތަކަށް އަވަސް ޖަވާބުދިނުމުގެ އޮޕްޝަން ވެސް ލިބިގެންދާނެއެވެ.
މި އަޕްޑޭޓުގައި ނޯޓްސް އެޕަށް ވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. އޭއައި ބޭނުންކޮށްގެން ލިޔުންތައް ޕްރޫފްރީޑްކުރުމާއި އަލުން ލިޔުމުގެ ފީޗާ އިތުރުކޮށްފައިވާއިރު، މި ފީޗާ ބޭނުންކުރުމަށް ޓެކްސްޓް ސެލެކްޓްކޮށް ފްލޯޓިން މެނޫ އިން އޮޕްޝަން ނަގާކަށް ނުޖެހޭނެއެވެ.
މީގެ އިތުރުން، ކޮންޓްރޯލް ސެންޓަރަށް ވައިފައި އާއި ވީޕީއެން ޓޮގަލްތައް އިތުރުކޮށް، ކޮންޓްރޯލް ސެންޓަރުގެ ލޭއައުޓް ޑިފޯލްޓް ސެޓިންގްސްއަށް ބަދަލުކުރެވޭ އޮޕްޝަނެއް ވެސް ތަޢާރަފުކޮށްފައިވެއެވެ.
އެޕަލް އިން ވަނީ ރިޗް ކޮމިއުނިކޭޝަން ސާވިސަސް (އާރުސީއެސް) މެސެޖްތައް ބެލްޖިއަމް އާއި އެމެރިކާގެ އިތުރު ޓެލެކޮމް ޕްރޮވައިޑަރުންނަށް ތަޢާރަފުކޮށްފައެވެ.
އަދި އައިފޯނާއި މެކް ކޮމްޕިއުޓަރުގެ މެދުގައި ފައިލްތައް ޑްރެގް އެންޑް ޑްރޮޕް ކުރެވޭ ގޮތަށް ވެސް ހަދައިފައިވެއެވެ.
ނަމަވެސް މި ފީޗާ ބޭނުންކުރުމަށް ދެ ޑިވައިސްގައިވެސް އެންމެ ފަހުގެ ބީޓާ ވާރޝަން އިންސްޓޯލްކުރަން ޖެހޭނެއެވެ.
މި އަޕްޑޭޓުގެ ބީޓާ ވާޝަން މިހާރު ވަނީ ޑިވެލޮޕަރުންނަށް ލިބެން ފަށައިފައެވެ. އެހެންނަމަވެސް އާންމުކޮށް ހުރިހާ ފަރާތްތަކަށް މި އަޕްޑޭޓު ލިބޭނެ ތާރީޚެއް އަދި އިޢުލާނުކޮށްފައެއް ނުވެއެވެ.